ރައްޔިތުންނަށް ހައްގުތައް ކަށަވަރުކޮށްދިނުމަށްޓަކައި އައު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން "އޮފީސް ފޮރ ސިވިލް ރައިޓްސް" އުފައްދަވައިފިއެވެ.
އިއްޔެ ރައީސް އޮފީހުން ހާމަކޮށްފައިވާގޮތުގައި ސަރުކާރުގެ އިދާރީ އޮނިގަނޑަށް ގެނައި ބަދަލުގައި އަލަށް ހަތަރު ތަނެއް އުފައްދަވާފައިވެއެވެ.
އެ ހަތަރު ތަނަކީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ އާއި މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއާ އާއި މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެނޑް އާޓްސް އާއި މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްގެ އިތުރުން އޮފީސް ފޮރ ސިވިލް ރައިޓްސް އެވެ.
"އޮފީސް ފޮރ ސިވިލް ރައިޓްސް" ނަމުގައި އައު އިދާރާއެއް އުފައްދަވާފައިވާއިރު ހައްގުތައް ކަށަވަރުކޮށްދިނުމަށްޓަކައި އިދާރާއެއް އުފައްދަވާނެ ކަމުގައި ރިޔާސީ އިންތިހާބުގެ ކެމްޕޭނުގެ ތެރޭގައި ޑރ. މުއިއްޒު ވިދާޅުވިއެވެ.
އެގޮތުން ރ. ހުޅުދުއްފާރުގައި ބޭއްވި ކެމްޕޭނު ޖަލްސާއެއްގައި މުއިއްޒު ވިދާޅުވެފައިވަނީ ގާނޫނުއަސާސީގައި ކަށަވަރުކޮށްދޭ އަސާސީ ހައްގުތައް ކޮންމެ ރައްޔިތަކަށްވެސް ކަށަވަރުކޮށްދޭން ބޭނުންވާކަމަށާއި އެހެންކަމުން ހައްގެއް ނުލިބިގެން ޝަކުވާއެއް ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް ޝަކުވާއެއް ހައްލުކުރަން ހާއްސަކޮށްގެން އިދާރާއެއް އުފައްދަވާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް