އާ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެގެ ދަށުން ހިއްކަން ފަށާ ފުށި ދިއްގަރުފަޅު ހިއްކުމުގެ އަމަލީ މަސައްކަތް ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި ފެށިގެންދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުއިއްޒު މިހެން ވިދާޅުވީ ރޭގައި ގަޑިބުރު އިފްތިތާހް ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ގެދޮރުވެރިކަމުގެ އެ ބޮޑު ބިޔަ މަޝްރޫއު 30 ދުވަހުގެ ތެރޭގައި އަމަލީ މަސައްކަތް ފަށާއިރު ގާތްގަނޑަކަށް އަށް މަސް ދުވަހުގެ ތެރޭގައި އެ މަސައްކަތް ނިންމާލެވޭނެ ކަމަށެވެ.
"އެއީ ހުޅުމާލެ ދެ ފިޔަވަހި އެއްކޮށްލީމާ ވާވަރުގެ ޖާގައިގެ ތިންގުނަ ބޮޑު ޖާގައެއްވީމާ، ވަރަށް ވަރަށް ބިޔަވާނެ، ގާތްގަނޑަކަށް 1200 ހެކްޓަރު ހުންނާނެ" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެވަރުގެ ބޮޑު ފަޅެއް ހިއްކަނީ ދިވެހި ރައްޔިތުންނަށް ގެދޮރުވެރިކަމުގެ މައްސަލަ ހައްލުކޮށްދިނުމަށްޓަކައި ކަމަށެވެ. އަދި ސަރުކާރުގައި އެންމެ މުހިންމު މަޝްރޫޢެއްގެ ގޮތުގައި، ނޫނީވިއްޔާ ޙައްލުކުރަން ބޭނުންވާ އެންމެބޮޑު ކަމެއްގެ ގޮތުގައި ތަކުރާރުކޮށް ކެމްޕެއިންގައި ދަންނަވަމުން އައި ވާހަކައަކީ، ޤައުމީ މައްސަލަތައް ނަގާފައި، ގެދޮރުވެރިކަން ކަމުގެ ވާހަކަ ކަން ރައީސް ފާހަގަކުރެއްވިއެވެ.
"އެންމެ ގިނަ ރައްޔިތުން އުޅެނީ މި ސަރަޙައްދުގައި ކަމަށްވާތީ، އެންމެބޮޑު މަޝްރޫޢު މިއޮތީ މި ސަރަޙައްދަށް ކަނޑައެޅިފައި. އެހެންވީމާ، ގްރޭޓަރ މާލެ، ނޫނީ މާލެ ސަރަޙައްދުގައި މި ގެދޮރުގެ މައްސަލަ ޙައްލުކުރުމަށްޓަކައި ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫޢާއި، އަދި މިހާރު ހިނގަމުންދާ ގުޅިފަޅާއި ގިރާވަރު ފަޅުގެ މަޝްރޫޢު އިތުރަށް ފުޅާކޮށް، އޭގެ ތަނަވަސްކަން އިތުރުކޮށް، އަދި ގިރާވަރު ފަޅާ ހަމަޔަށް ބްރިޖުގެ މަސައްކަތްވެސް، މިހާރު އެ މަޑުޖެހިފައި އޮތް އޮތުން، ނޫނީވިއްޔާ ދާ ސްޕީޑް، ތަންކޮޅެއް ލަސްކޮށްދާ ދިޔުން ރަނގަޅުކޮށް، އެ މަޝްރޫޢުވެސް ބާރަށް ގެންދިޔުމަށް، މިފަދަ ކަންތައްތައް ކުރުމަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ މަސައްކަތް ފެށިގެންދާނެ." ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ އެކަމުގައި އިންތިޤާލީ މަރުޙަލާގައި ލިބުނު މަޢުލޫމާތުގެ އަލީގައި، މިހާރު ވަޒީރުކަމާ ހަވާލުވެވަޑައިގެން ތިއްބެވި ކަމާބެހޭ ހުރިހާ ބޭފުޅުން މަސައްކަތްތައް ފަށްޓަވާނެ ކަމަށާއި ނަތީޖާއަކަށްވާނީ ހަމަ ކަނޑައަޅާފައި އޮތްގޮތަށް، ވަޢުދުވީ ގޮތަށް، މި ދައުރުގެ ތެރޭގައި ރާއްޖޭގައި އެއްވެސް ކަންކޮޅެއްގައި ގެދޮރުވެރިކަމަށް ބޭނުންޖެހިފައި ހުރި، އެކަން ޙައްލުނުވާ އެއްވެސް ރައްޔިތަކު ނުހުންނަ މިންވަރަށް މައްސަލަ ޙައްލުކޮށްދެވުން ކަމަށެވެ.
މީގެ އިތުރުން ރާއްޖޭގެ އެންމެ ދެކުނުގަޔާއި، އެންމެ އުތުރުގައި އިންޓަރގްރޭޓަޑް އަރބަން ސެންޓަރތައް ޤާއިމުކުރުމާ އެކީގައި، ހަތް ސަރަޙައްދެއްގައި ހަތް އަރބަން ސެންޓަރ ޤާއިމުކުރުމާ އެކީގައި، ސަރަޙައްދީ ތަރައްޤީގެ ވިސްނުމުގައި، ދެމެހެއްޓެނިވި ތަރައްޤީ ގެނައުމުގެ ވިސްނުމުގައި އަޅުގަނޑުމެންގެ ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްދާނެކަން ރައީސް ފާހަގަކުރެއްވިއެވެ.
އެއްވެސް ރަށެއް ބާކީއެއް ނުވާނޭ ކަމާއި ކޮންމެ ރަށަކަށްވެސް ހަމަ ފުރިހަމަ އަޅައިލުން ލިބޭނޭ ކަމާއި ނަމަވެސް، ހަމަ އެއާއެކީގައި، ޕެރަލަލީ، އެކުއެކީގައި ހިނގަމުންދާނޭ ކަމާއި މެދު އަދި ދުރު ރާސްތާގައި ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖެ ތަރައްޤީވެގެންދާނޭކަމުގައިވެސް ރައީށް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް