މިރޭގެ މޫސުމަށް ބަލައިލާއިރު މިރޭ އުތުރާއި މެދުރާއްޖެއާއި އުތުރުގެ އެކި ހިސާބަށް ވިއްސާރަކުރާނެކަމުގައި މެޓުން ބުނެފިއެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން މިހެން ބުނެފައިވަނީ މާދަމާގެ އިރު އެރުމާއިހަމައަށް ލަފާކޮށް ނެރެފައިވާ މޫސުމީ ބުލެޓިންގައެވެ.
މޫސުމީ އެ ބުލެޓިންގައި ބުނެފައިވާގޮތުގައި އުތުރާއި މެދުރާއްޖޭގެ ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވެއެވެ. އަދި ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެކަމަށްވެސް ލަފާކުރެވެއެވެ.
"ހުޅަނގާއި ހުޅަނގުއުތުރުން، ދެކުނާއި މެދުރާއްޖޭގެ އަތޮޅުތަކުގައި ގަޑިއަކު 10 މޭލާއ 20 މޭލާއި ދެމެދުގެ ބާރުމިނުގައި، އުތުރުގެ އަތޮޅުތަކުގައި ގަޑިއަކު ތިން މޭލާއި 10 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވޭ" މެޓުން ބުނެފައިވެއެވެ.
ކަނޑުތަކަށް ބަލައިލާއިރު ދެކުނާއި މެދުރާއްޖޭގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވާނެކަމަށާއި އުތުރުގެ ކަނޑުތައް އާދައިގެވަރަކަށް މަޑުވާނެކަމަށް ބުނެފައިވެއެވެ. ރާޅުގެ އުސްމިން ހުންނާނެކަމަށް ލަފާކޮށްފައިވަނީ އުތުރުގައި ދެ ފޫޓާއި ހަތަރު ފޫޓާއި ދެމެދުގައި، މެދުރާއްޖެއާއި ދެކުނުގައި ތިން ފޫޓާއި ހަ ފޫޓާއި ދެމެދުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް