އުތުރު ކޮރެއާގެ ލީޑަރު ކިމްގެ ދަރިފުޅު ފުރަތަމަ ފަހަރަށް ދުނިޔެއަށް ދައްކާލައިފި

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުންގެ ދަރިފުޅު ފުރަތަމަ ފަހަރަށް ދުނިޔެއަށް ދައްކާލައިފި އެވެ. އޭނާގެ ފުރާވަރު އުމުރުފުރާގެ ދަރިއަކު ހުންނަކަމަށް މީގެ ކުރިންވެސް އަޑުފެތުރިފައިވެ އެވެ. އުމުރުން 38 އ...

19 Nov 2022 | 08:56

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުންގެ ދަރިފުޅު ފުރަތަމަ ފަހަރަށް ދުނިޔެއަށް ދައްކާލައިފި އެވެ.

އޭނާގެ ފުރާވަރު އުމުރުފުރާގެ ދަރިއަކު ހުންނަކަމަށް މީގެ ކުރިންވެސް އަޑުފެތުރިފައިވެ އެވެ. އުމުރުން 38 އަހަރުގެ ކިމް ކައިވެނިކޮށްގެން އުޅެނީ އެ ގައުމުގެ ސިޔާސީ އާއިލާއަކަށް ނިސްބަތްވާ އުމުރުން 33 އަހަރުގެ ރީ ސޮލް ޖޫ އާއި އެވެ.

އަމިއްލަ ދިރިއުޅުން ވަރަށް ސިއްރުކޮށްގެން އުޅޭ ލީޑަރު ކިމް އާއި ރީ ކައިވެނި ކޮށްފައިވަނީ 2009 ގައި ކަަމަށް ވެއެވެ. އަދި އެ ގައުމުން އިންޓަނެޓްގައި އާންމުކޮށްފައިވާ މައުލޫމާތުތަކުގައި ބުނެފައިވާ ގޮތުގައި ދެމީހުންނަށް ދަރިއަކު ލިބުނީ 2013ވަނަ އަހަރު އެވެ.

އެ ކުއްޖާގެ އަސްލު ނަން ނޭނގުނަސް ރިޕޯޓުތައް ބުނާގޮތުގައި ކިމްގެ ދަރިފުޅަށް ކިޔަނީ ކިމް ޖޫ އައި އެވެ. ދަރިފުޅު ފުރަތަމަ ފަހަރަށް ދުނިޔެއަށް ދައްކާލީ އިއްޔެ އެ ގައުމުގައި ކުރިޔަށް ގެންދިޔަ ބެލެސްޓިކް މިސައިލެއް ލޯންޗު ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިންނެވެ.

ކިމް ދަރިފުޅުގެ އަތުގައި ހިފައިގެން ހުރި އިރު އެ ގައުމުގެ ސިފައިންގެ އިސް އޮފިޝަލުން ކައިރީގައި ތިއްބެވި އެވެ. އަދި ރީވެސް އެ ރަސްމިއްޔާތުގައި ބައިވެރިވެފައިވެ އެވެ.

އެ މިސައިލް ލޯންޗު ކުރުމަށް ވުރެ ބައިނަލްއަގުވާމީ މީޑިއާގެ ސަމާލުކަން ހުއްޓުނީ ކިމްގެ ދަރިފުޅަށެވެ. އެކަން ފާހަގަކޮށް ލިޔެފައިވާ ރިޕޯޓުތަކުގައި ވަނީ ނޯތް ކޮރެއާގެ ގައުމީ މީޑިއާއިންވެސް އެ ކުއްޖާގެ އެތައް ފޮޓޯއެއް އާންމުކޮށްފައިވާ ކަމަށެވެ.

އެ ކުއްޖާގެ އުމުރުން ވާނީ 13 ވަރަކަށް އަހަރު ކަމަށްވެ އެވެ.

ރިޕޯޓުތައް ބުނާގޮތުގައި އެފަދަ ރަސްމިއްޔާތަކުން ފުރަތަމަ ފަހަރަށް ދަރިފުޅު ދައްކާލުމުގައި ފުން މާނަތަކެއް އެކުލެވިގެންވެ އެވެ. އެ ކަމެއްގައި ގޮތުގައި ތަޖުރިބާކާރުން ގަބޫލު ކުރަނީ އެ ކުއްޖާއަކީ މުސްތަގުބަލުގައި އެ ގައުމުގެ ލީޑަރުކަން ދުނިޔެއަށް އަންގައިދިނުމެވެ.

ދެވަނަ ކަމެއްގެ ގޮތުގައި ގަބޫލު ކުރެވެނީ ކިމްގެ ސިއްހީ މައްސަލައެއް ހުރުމުން ދުރާލައި ދަރިފުޅަށް ގައުމު ހިންގާނެ ގޮތް ދަސްކޮށްދޭން ފެށުމެވެ. ތިން ވަނަ ކަމެއްގެ ގޮތުގައި އެ ރަސްމިއްޔާތުގައި އެ ކުއްޖާ ބައިވެރި ކުރުމަކީ މުސްތަގުބަލުގައި އެ ގައުމުގައި އުފައްދާ މުހިންމު ހަތިޔާރުތައް ތަރައްގީ ކުރުމާއި ގުޅޭ ރޯލެއް އޭނާ އާއި ހަވާލު ކުރުމެވެ.

މިއީ ދަރިފުޅު ދުނިޔެއަށް ދައްކާލި ފުރަތަމަ ފަހަރު ކަމަށް ވާއިރު އެ ގައުމުގެ ރައްޔިތުންނަށް ކިމްގެ ދަރިފުޅު އަލަށް ފެނިފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހު ފާހަގަ ކުރި އުތުރު ކޮރެއާގެ ގައުމީ ދުވަހުގެ މުނާސަބަތުގައި އާންމު ކުރި ވީޑިއޯއަކުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް