ގައުމީ ދުވަހުގެ ބާނީން ނިސްބަތްވާ ހއ. އުތީމުގައި ބެހެއްޓި ކަޅުއޮށްފުންމި އެ އަތޮޅު ބާރަށުގައި ބަހައްޓަން ނިންމާފައިވާ ކަމަށް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވެއްޖެ އެވެ.
މޮނިއުމެންޓެއް ގޮތަށް ކަޅުއޮށްފުންމި ހަދައި އުތީމު ބަނދަރުގައި ބަހައްޓައި ރަސްމީކޮށް އިފްތިތާހު ކުރީ2015 ވަނަ އަހަރުގެ ޑިސެމްބަރު15 ގައި އެވެ. އެއް މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ހެދިއެ ބިނާ ފުރަތަމަ ބޭއްވީ މާލޭ ދާރުލް އާސާރުގެ ގޯތި ތެރޭގައި އެވެ.
މި ސަރުކާޜު ވެރިކަމަށް އައި އިރުވެސް އޭގެ ދާއިމީ މަންޒިލް ކަމަށް ބުނި އުތީމު ބަނދަރަކު ކަޅުއޮށްފުންމިއެއް ނެތެވެ. އެހެންވެ މި ސަރުކާރުންވަނީ އެ ބިނާ ހޯދާނެ ކަމުގެ ވައުދުވެފައި އެވެ.
މިދިޔަ ހަފްތާގައި ރައްޔިތުންގެ މަޖިލީހުގައި ވާހަކަދައްކަވަމުން މިނިސްޓަރު ޔުމްނާ ވިދާޅުވީ ކަޅުއޮށްފުންމި އޮތީ އެ މިނިސްޓްރީގެ ބެލުމުގެ ދަށުގައި ކަމަށެވެ. އޭނާ ވިދާޅުވީ އެ ބިނާ ދެން އުތީމުގައި ނުބަހައްޓާނެ ކަމަށެވެ.
އެ ބިނާ ބެހެއްޓުން އެންމެ އައުލާކަން ބޮޑީ ބާރަށުގައިކަން ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ އެ ރަށަށް ގެންދަން ނިންމީ ބާރަށަކީ ކަޅުއޮށްފުންމި ބަތް ކަމަށް ބުނާ ރަށަށް ވާތީ އެވެ. އަދި އެ ސަރަހައްދަށް ދާ ފަރާތްތަކަށް ދައްކާލަން އެފަދަ ތާރީހީ ބިނާއެއް ބެހެއްޓުން މުހިންމު ކަމަށް ވިދާޅުވި އެވެ.
މިވީހާތަނަށް ކަޅުއޮށްފުންމި އޮތް ތަނެއް ނޭނގޭއިރު މިނިސްޓަރުގެ ވާހަކައިގަވެސް މިހާރު އެ އޮތް ތަނެއް ވިދާޅެއް ނުވެ އެވެ. އަދި ކަޅުއޮށްފުންމި ބާރަށުގައި ބެހެއްޓޭނެ ދުވަހެއްވެސް ވިދާޅެއް ނުވެ އެވެ.
ޔުމްނާ ވިދާޅުވީ އެ މަސައްކަތާއި ގުޅޭގޮތުން ބާރަށު ކައުންސިލާއި މަޝްވަރާ ކުރަމުންދާ ކަމަށެވެ.
ކަޅުއޮށްފުންމި" ބަނދެފައިވަނީ މެރިޓައިމް އަންޑަ ވޯޓާ ހެރިޓޭޖް ސޮސައިޓީއާ ހަވާލުކޮށްގެން ހދ. ނޭކުރެންދޫގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް