މުއައްސަސާތަކުން ލާމަރުކަޒީކޮށް ކަންކަން ކުރަން މަގުފަހިކޮށްދެއްވުމަށް މަސައްކަތްކޮށްދެއްވާނެ ކަަމަށް ނައިބު ރައީސް ފައިސަލް ނަސީމު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ހޯރަފުށީ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި އަދި ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގަ އެވެ.
ނައިބު ރައީސް ވިދާޅުވީ ސަރުކާރުން ކަންކަން ލާމަރުކަޒުކޮށް ކުރިޔަށްގެންދިއުމަށް މަގުފަހިކުރުމަށް ޚާއްޞަ އިސްކަމެއް ދެއްވައި އެކަމަށް މަސައްކަތްކުރަމުންގެންދާ ކަމަށެވެ. އަދި ކައުންސިލާއި ރަށުގެ މުއައްސަސާތަކުގެ ވެރިންނާއެކު ބައްދަލުކުރެއްވުމުގެ އެންމެބޮޑު ބޭނުންފުޅަކީ ވެސް ރައްޔިތުން ބޭނުންވާ ކަންކަމަކީ ކޮބައިތޯ ބައްލަވައި ޚިދުމަތްތައް ހަރުދަނާކުރުމަށް މަގު ފަހިކުރުންކަމުގަ އެވެ.
އެގޮތުން ކައުންސިލުން ހުށަހެޅުއްވި ކަންކަން ސަރުކާރުގެ އިދާރާތަކާ މަޝްވަރާކުރައްވައިގެން ކުރިޔަށްގެންދަވާނެކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.
ހޯރަފުށީ ކައުންސިލުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ކައުންސިލާއި މުއައްސަސާތަކުގެ ވެރިން ވަނީ ރަށުގެ ތަރައްޤީއަށް އެންމެ މުހިންމު ކަންކަން ފާހަގަކުރައްވާފަ އެވެ.
އެގޮތުން ކައުންސިލަރުން ވަނީ ބަޖެޓުގައި ހިމަނާފައިވާ މަޝްރޫއުތަކުގެ މަސައްކަތްތައް އަވަހަށް ފެށިގެންދިއުން ބޭނުންވާކަން ފާހަގަކުރައްވާފަ އެވެ. އަދި އެރަށުގައި އެޅުމަށް ހަމަޖެހިފައިވާ ހޮސްޕިޓަލުގެ މަސައްކަތް އަވަހަށް ފެށޭނެގޮތްވުން މުހިންމުކަން ކައުންސިލުން ފާހަގަކުރެއްވި އެވެ.
ހޯރަފުށީ ޞިއްޙީ މަރުކަޒުގެ ފަރާތުން ވަނީ އެތަނުގެ ޚިދުމަތްދިނުމުގައި އެންމެ ދަތިވާ މައްސަލަތަކާއި މިހާރުން މިހާރަށް ޙައްލުކުރަންޖެހޭ މައްސަލަތައް ފާހަގަކުރައްވާފަ އެވެ. އަދި ހއ. އަތޮޅު ސްކޫލުގެ ފަރާތުން ވެސް ވަނީ ސްކޫލަށް ޢުމްރާނީގޮތުންނާއި އިންސާނީ ވަޞީލަތުގެ ގޮތުން ބޭނުންވާ މުހިންމުކަންކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ޙިއްޞާކުރައްވާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް