މެންޗެސްޓާ ޔުނައިޓެޑަށް މިވަގުތު ދިމާ ވެފައިވާ، އެންމެ ބޮޑު މައްސަލައަކީ ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ކަމަށް ގިނަ ބަޔަކު ބުނިނަމަވެސް އެއީ ހަގީގަތެއް ކަމަށް ގަބޫލް ނުކުރާކަމަށް ދާދި ފަހުން ވެޓްފޯޑްގެ ކޯޗުކަމާއި ހަވާކުވި އިޓަލީ ކޯޗު ކްލައުޑިއޯ ރަނިއޭރީ ބުނެފިއެވެ.
ހޮނިހިރު ދުވަހު ޔުނައިޓެޑާއި ދެކޮޅަށް ވެޓްފޯޑް ކުޅޭ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ރަނިއޭރީ ބުނީ ގިނަ ބަޔަކު ފާހަގަ ކުރާ ގޮތުގައި ޔުނައިޓެޑް އަށް މިފަހަރުގެ ސީޒަނުގައި ދިމާވެގެން އުޅޭ އެންމެ ބޮޑު މައްސަލަ އަކީ ރޮނާލްޑޯއެވެ. ނަމަވެސް ރޮނާލްޑޯ އަކީ ޔުނައިޓެޑަށް ދިމާވެފައިވާ މައްސަލައެއް ކަމަށް ގަބޫލު ނުކުރާ ކަމަށް ރަނިއޭރީ ބުންޏެވެ.
މަލާމާތުގެ ރާގަކަށް ހިނިތުން ވެލަމުން ރަނިއޭރީ ބުނީ ޔުނައިޓެޑް އަށް ރޮނާލްޑޯ އަކީ މައްސަލައަކަށް ވާނަމަ އޭނާގެ ޓީމަށް ރޮނާލްޑޯ ދިނުމަށް އެދޭކަމަށެވެ. އަދި ދަނޑުމަތީގައި އޭނާގެ ޓީމު ކުޅޭ ކޮންމެ ސިކުންތަކު ރޮނާލްޑޯ އަށް ކުޅުމުގެ ފުރުސަތު ދޭނެ ކަމަށް ވެސް ރަނިއޭރީ ބުންޏެވެ.
ރަނިއޭރީ އިތުރަށް ބުނީ ރޮނާލްޑޯ އަކީ އެއްވެސް ޓީމަކަށް މައްސަލައަކަށް ވާނެ ފެންވަރުގެ ކުޅުންތެރިއެއް ނޫން ކަމަށާއި އެއީ ދުނިޔޭގައި މިވަގުތު ތިބި އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެއް ކަމަށެވެ. އެހެން ކަމުން އޭނާގެ ޓީމަށް ރޮނާލްޑޯ ލިބިއްޖެ ނަމަ އުފަލުން ގަބޫލު ކުރާނެ ކަމަށް ވެސް ރަނިއޭރީ ބުންޏެވެ.
" ރޮނާލްޑޯ އަކީ މައްސަލައެއް ނޫން. ޔުނައިޓެޑަށް ރޮނާލްޑޯ އަކީ މައްސަލައަކަށް ވާނަމަ އަހަރެމެންނަށް ރޮނާލްޑޯ ގެނޭ. އަހަރެން އުފަލުން އޭނާ ބަލައިގަންނާނަން އަދި އޭނާ ފުރަތަމަ އެގާރައި ހިމެނިގެން ހުރިހާ މެޗެއްގައި ކުޅުމުގެ ފުރުސަތު ވެސް ދޭނަން ." ސަމާސާ ރާގެއްގައި ރަނިއޭރީ ބުންޏެވެ.
މިދިޔަ ހޫނު މޫސުމުގައި ޔުވެންޓަސް އިން އަލުން އެނބުރި މެންޗެސްޓާ ޔުނައިޓެޑާ ގުޅުނު ފަހުން ރޮނާލްޑޯ އާ މެދުގައި ދަނީ ގިނަ ބަހުސް ތަކެއް ކުރެވެމުންނެ އެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ރޮނާލްޑޯ އަލުން އެނބުރި އައިސް ޔުނައިޓެޑާއި ގުޅުން ވީ ކޯޗު ސޮލްޝެއަރ އަށް ކުރިމަތިވި ބޮޑު ބޮލުގައި ރިހުމަކަށެވެ. ބައެއް ފަރާތްތަކުން ބުނާ ގޮތުގައި ސޮލްޝެއަރ އަށް ވަނީ ރޮނާލްޑޯ އަށް ފުރަތަމަ އެގާރައި ހިމެނިގެން ފުރިހަމަ ވަގުތު ހަމަވަންދެން ކޮންމެ މެޗެއް ކުޅުވުމަށް ޓެކްޓިކްސް ޕްލޭން ގުރުބާން ކުރަން ޖެހިފައެވެ. އެއީ އެހެން ކުޅުންތެރިންނަށް ދިމާވެފައިވާ ބޮޑު ގޮންޖެހުމެއް ކަމަށް ވެސް ގިނަ ބަޔަލު ގަބޫލް ކުރެއެވެ.
ރޮނާލްޑޯ އެނބުރި ޔުނައިޓެޑާއި ގުޅުނު ފަހުން މިހާތަނަށް ލީގުގައި ޔުނައިޓެޑާއި އެކު ކުޅުނު އަށް މެޗުގައި ހަތަރު ގޯލް ޖަހާފައެވެ. އަދި ޗެމްޕިއަންސް ލީގުގައި ކުޅުނު ހަތަރު މެޗުގައި ފަސް ގޯލު އޭނާ ވަނީ ޖަހާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް