ސްރީލަންކާގައި މިހާރު ކުރިއަށްދާ ފޯ ނޭޝަންސް ކަޕް މުބާރާތުގެ ފައިނަލް މެޗު ޝަރަފުވެރިކޮށް ދެއްވުމަށްޓަކައި ފެޑެރޭޝަން އިންޓަނޭޝަނަލް ޑި ފުޓްބޯލް އެސޯސިއޭޝަން (ފީފާ) ގެ ރައީސް ޖިއާނީ އިންފަންޓީނޯ ސްރީލަންކާއަށް ވަޑައިގެންފިއެވެ.
އެންމެ ފުރަތަމަ މި މުބާރާތުގެ ފައިނަލް މެޗު ކުޅެން ތާވަލު ކުރެވިފައި ވަނީ މިމަހުގެ 17 ވަނަ ދުވަހުއެވެ. ނަމަވެސް ފީފާގެ ރައީސް ވަޑައިގަންނަވާތީ އެދުވަސް މިއަދަށް ބަދަލު ކުރީ ކަމުގައި ލަންކާގެ ފުޓްބޯލް ފެޑަރޭޝަނުން މަޢުލޫމާތު ދެއެވެ.
އެގޮތުން ފީފާގެ ރައީސްގެ މި ދަތުރުފުޅުގައި ދެކުނު އޭޝިއާގެ ފުޓުބޯޅައިގެ ކަންކަން ބަލައި، ލަންކާ އާއި ދެކުނު އޭޝިއާގައި ފުޓުބޯޅަ ކުރިއަރުވަން ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާނެ ކަމުގައި ލަންކާގެ މީޑިއާތަކުން މަޢުލޫމާތު ދެއެވެ.
މީގެ އިތުރުން ފީފާގެ ރައީސް މިރޭގެ ވަގުތެއްގައި ފުރާ ވަޑައިގަންނަވާނެ ކަމުގައި ލަންކާގެ ފުޓްބޯލް ފެޑަރޭޝަނުން މަޢުލޫމާތުދެއެވެ.
މި މުބާރާތުގެ ފައިނަލް މެޗުގައި ސްރީލަންކާ އާއި ސީޝެލްސް ވާދަކުރާއިރު ފައިނަލް މެޗު ކުޅެން ހަމަޖެހިފައިވަނީ ރާއްޖޭގަޑިން މިރޭ 19:30 ގައެވެ. އަދި އެއީ ލަންކާ ގަޑިން 20:00 ގައެވެ. މި މުބާރާާތުގައި ހިތި ގޮތަކަށް އަލްވަދާޢު ކިޔާފައިވަނީ ރާއްޖެއާއި ބަންގްލަދޭޝްއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް