ހޯރަފުށީގެ މަގުހެދުމުގެ މަޝްރޫޢު، ނައިބު ރައީސް އިފްތިތާޙްކޮށްދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ ނައިބު ފައިޞަލް ނަސީމް، ހޯރަފުށީގެ މަގުހެދުމުގެ މަޝްރޫޢު މިއަދު އިފްތިތާޙްކޮށްދެއްވައިފި އެވެ. ހޯރަފުށީގައި މިއަދު އިފްތިތާޙްކުރި މަގުހެދުމުގެ މަޝްރޫޢު ކުރިޔަށް ގެންދަނީ އެމް.ޓީ.ސ...

19 Nov 2021 | 09:18

ރައީސުލްޖުމްހޫރިއްޔާ ނައިބު ފައިޞަލް ނަސީމް، ހޯރަފުށީގެ މަގުހެދުމުގެ މަޝްރޫޢު މިއަދު އިފްތިތާޙްކޮށްދެއްވައިފި އެވެ.

ހޯރަފުށީގައި މިއަދު އިފްތިތާޙްކުރި މަގުހެދުމުގެ މަޝްރޫޢު ކުރިޔަށް ގެންދަނީ އެމް.ޓީ.ސީ.ސީއާ ހަވާލުކޮށްގެން ނެވެ. މި މަޝްރޫޢުގެ ދަށުން ހޯރަފުށީގެ 11 މަގެއް ތާރުއަޅައި ރަނގަޅު ފެންވަރަށް ހެދުމަށް ހަމަޖެހިފައި ވެއެވެ.

މިއަދު ހެނދުނު ހޯރަފުށީގައި ބޭއްވި ރަސްމިއްޔާތުގައި މި މަޝްރޫޢު އިފްތިތާޙްކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މި ސަރުކާރުން ރައްޔިތުންނަށް ބޭނުންވާ ތަރައްޤީގެ މަޝްރޫޢުތައް ކުރިޔަށްގެންދިއުމުގައި ކުޑަރަށެއް ބޮޑު ރަށެއް ތަފާތު ނުކުރައްވާ މަޝްރޫޢުތައް ކުރިޔަށް ގެންދަވާކަން ފާހަގަކުރައްވާފަ އެވެ.

އޭގެ އިތުރުން ކޯވިޑް19 ގެ ދަތިކަމުގެ ތެރޭގައިވެސް ރައީސުލްޖުމްހޫރިއްޔާ ބެއްލެވީ ކަންކަން މެނޭޖްކުރައްވައިގެން، ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދެއްވުމަށްކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަކުރެއްވި އެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން ފާއިތުވެދިޔަ 3 އަހަރަކީ މީގެ ކުރިން ދުވަހަކުވެސް ނުހިންގާހާ ގިނަ ތަރައްޤީގެ މަޝްރޫޢުތައް ހިންގާފައިވާ 3 އަހަރުކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

މިގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އެމް.ޓީ.ސީއާއި ފެނަކައިން އިން ކުރިޔަށްގެންދާ ޕްރޮޖެކްޓްތަކަށް ބެލިނަމަވެސް ނުވަތަ ތަޢުލީމީ ދާއިރާ އަދި ޞިއްޙީ ދާއިރާއަށް ބެލިނަމަވެސް މި ސަރުކާރުން ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ކުރިޔަށްގެންދާތަން ފެނިގެންދާނެކަމުގައި ވިދާޅުވި އެވެ.

ހަމަ އެހެންމެ ރަނގަޅު ޖީލެއް އުފެއްދުމަށްޓަކައި ޒުވާނުންނަށް އަމާޒުކޮށް ކޮންމެރަށެއްގައިހެން މަޝްރޫޢުތައް ހިންގަމުން ގެންދާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ މީގެ 3 އަހަރު ކުރިޔާ ޚިލާފަށް މި ސަރުކާރުން ރައްޔިތުންނަށް ބަސްބުނެއުޅުމާއި ޚިޔާލުފާޅުކޮށް އުޅުމުގެ މިނިވަންކަން ކަށަވަރުކޮށްދީ، ރައްޔިތުންނަށް ހަމަޖެހުން ގެނެސްދީފައިވާކަމުގަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހއ. އަދި ހދ ގެ ބައެއް ރަށްރަށް ފެއްޓެވި މި ދަތުރުފުޅުގައި މިއަދު ހޯރަފުށްޓަށް ވަޑައިގެންފައިވާއިރު މި ދަތުރުފުޅުގައި ހދ. ނެއްލައިދުއާއި ވައިކަރަދޫގެ އިތުރުން ކުޅުދުއްފުށި ސިޓީއަށް އެމަނިކުފާނު ވަޑައިގަންނަވާނެއެވެ.ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ އިސްބޭފުޅުންގެ މައްޗަށް އެކުލެވޭ ވަފްދެއް ބައިވެރިވެވަޑައިގަންނަވަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް