2019 ވަނަ އަހަރުގެ ޘާނަވީ އިމްތިޙާނުތަކުގެ މަތީ ވަނަތަކަށް އިނާމު ދިނުމުގެ ޖަލްސާ ބާއްވައިފި އެވެ.
އަމީނިއްޔާ ސްކޫލުގައި މިކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި 2019 ވަނަ އަހަރު ޘާނަވީ ތަޢުލީމު ނިންމާ އިމްތިޙާނުތަކުން 2 ވަނަ ޙާޞިލުކޮށްފައިވާ 21 ދަރިވަރުންނަށް ޓްރޮފީއާ ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދެވެ. އަދި މި އިމްތިޙާނުތަކުން މުޅި ދުނިޔޭގެ ފެންވަރުގައި އެކިއެކި މާއްދާތަކުން 2 ވަނައިން ފެށިގެން 10 ވަނަ އާ ހަމަޔަށް ވަނަތައް ހޯދި 42 ދަރިވަރުންނަށް ކެމްބްރިޖް އިން ދެއްވާ ސެޓްފިކެޓާއި ގަލަން އަދި މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ދެއްވާ ޓްރޮފީއާ ހަނދާނީ ލިޔުން މި ޙަފްލާގައި އެދަރިވަރުންނާ ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމެވެ.
2019 ވަނަ އަހަރު ޘާނަވީ ތަޢުލީމު ނިންމާ އިމްތިޙާނުތަކުން މުޅި ދުނިޔޭގެ ފެންވަރުގައި އެކިއެކި މާއްދާތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑަލްއާއި މިނިސްޓްރީ އޮފް އެޑިއުކޭޝަނުންދޭ ޓްރޮފީއާ ހަނދާނީ ލިޔުން އަދި ކެމްބްރިޖުން ދެއްވާ ސެޓްފިކެޓާއި ގަލަން ޙާޞިލުކުރި 5 ދަރިވަރުންނަށް މި އިނާމުތައް ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެވެ.
މީގެ އިތުރުން 2019 ވަނަ އަހަރު ޘާނަވީ ތަޢުލީމު ނިންމާ އިމްތިޙާނުތަކުން 1 ވަނަ ޙާޞިލުކޮށްފައިވާ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމާއި މިނިސްޓްރީ އޮފް އެޑިއުކޭޝަނުންދޭ ޓްރޮފީއާ ހަނދާނީ ލިޔުން ލިބޭ 10 ދަރިވަރުންނަށް މި އިނާމުތައް ޙަވާލުކޮށްދެއްވީ ވެސް ރައީސުލްޖުމްހޫރިއްޔާ އެވެ.
2019 ވަނަ އަހަރުގެ ޘާނަވީ އިމްތިޙާނުތަކުގެ މަތީ ވަނަތައް ޙާޞިލްކޮށް މިރޭގެ ޖަލްސާގައި އިނާމު ޙާޞިލުކުރި ކުދިންގެ ތެރޭގައި، މުޅި ދުނިޔެއިން އެއްވަނަ ހޯދި 5 ދަރިވަރަކު ހިމެނޭއިރު، ދުނިޔޭގެ އެންމެ މޮޅު 10 ވަނައިގައި ހިމެނުނު 42 ދަރިވަރަކު ހިމެނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް