ބޮލީވުޑްގެ މަޝްހޫރު ދެތަރިން ކަމުގައިވާ ސައިފް އަލީ ޚާން އާއި އަންހެނުން ކަރީނާ ކަޕޫރު ޚާންގެ ގެއަށް ނުދަންނަަ އަންހެނަކު (އަންހެން ސަޕޯޓަރެއް) ޒިޔާރަތް ކުރުމުން ކަރީނާގެ ކުރިމަތީގައި ސައިފް ބިރުން ފިތް ކަނޑައިގެން ހިނގައްޖެ އެވެ.
ސައިފް މިކަން ހާމަ ކޮށްފައިވަނީ ބޮލީވުޑްގެ މަޝްހޫރު ބަތަލާ ރާނީ މުކަރުޖީ އާއި އެކު ދެކެވުނު ވާހަކަ ތަކެއްގެ ތެރެއިން ނެވެ.
ސައިފް ބުނެފައިވަނީ މި ހާދިސާ ހިނގާފައިވަނީ މީގެ ދެ އަހަރު ކުރިން ކަމަށާއި ކަރީނާ އާއި ސައިފް ގޭގައި ތިއްބާ ނުދަންނަ އަންހެނަކު އައިސް ގޭގެ ދޮރުގައި ބެލްޖެހި ކަމަށެވެ.
ދޮރު ހުޅުވާލުމުން ވަރަށް ހަމަޖެހިލާފައި މައުސޫމް ގޮތަކަށް އެ އަންހެންކުއްޖާ ގޭތެރެއަށް ވަދެގެން އައި ކަމަށާއި އެހެންކަމުން ސައިފް އާއި ކަރީނާވެސް ހައިރާންވެފައި އެ ނުދަންނަ އަންހެންކުއްޖާ އާއި ދިމާލަށް ބަލަހައްޓައިގެން ތިބި ކަމުގައި ބުނެފައި ވެއެވެ. އަދި އެ އަންހެން މީހާ ސައިފް އާއިި ދިމާލަށް ބަލަން ހުރުމަށްފަހު "އެހެންވީމާ މިއީ ސައިފް ދިރިއުޅޭ ގެ ދޯއޭ" ބުނުމުން ސައިފް ނިކަން ހާސްވި ކަމުގައި ބުނެފައި ވެއެވެ.
ސައިފް އިތުރަށް ކިޔައިދީފައިވާ ގޮތުން އެވަގުތު ކަރީނާ އޭނާ ގާތު އިތުރު އެއްޗެއް ބުނަން ބޭނުންވޭތޯ އެހުމުން ސައިފަށް ބުނެވުނީ މިހުރީ ބިރުން ފިތް ކަނޑައިގެން ގޮސްފައި ކަމަށާއި އެއަށްފަހު ސައިފް އެ އަންހެން މީހާ ކައިރިން އެގެއިން ނިކުމެގެން ދިއުމަށް އެދުމުން އޭނާ ނިކުމެގެން ގޮސްފައިވާ ކަމުގައި ސައިފް ހާމަ ކުރިއެވެ.
ސައިފް އާއި ކަރީނާގެ ކައިވެންޏަށް ނުވަ އަހަރު ވެފައިވާއިރު، އެ ކައިވެންޏަށް މިހާރު ދެ ފިރިހެން ދަރިން ލިބިފައި ވެއެވެ. ކަރީނާ އާއި ސައިފްގެ ދޮށީ ދަރިފުޅު ތައިމޫރު އަލީ ޚާން ލިބުނީ 2015 ވަނަ އަހަރު އެވެ. ދެވަނަ ދަރިފުޅު ޖެހަންގިރް އަލީ ހާން (ޖޭ) ލިބުނީ މިއަހަރުގެ ފެބްރުއަރީ މަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް