ސޮލްޝެއަރ ޔުނައިޓެޑް ގެ ސީނިއަރ ކުޅުންތެރިންނާއި އެކު ބައްދަލުވުމެއް ބާއްވައިފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު އޮލި ގަނަ ސޮލްޝެއަރ ޔުނައިޓެޑް ގެ ސީނިއަރ ކުޅުންތެރިންނާއި އެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި ކަމަށް މީޑިއާ ރިޕޯޓުތަކުން ބުނެފިއެވެ. ހޮނިހިރު ދުވަހު ލީގުގައި ވެޓްފޯޑާ...

19 Nov 2021 | 05:59

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު އޮލި ގަނަ ސޮލްޝެއަރ ޔުނައިޓެޑް ގެ ސީނިއަރ ކުޅުންތެރިންނާއި އެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި ކަމަށް މީޑިއާ ރިޕޯޓުތަކުން ބުނެފިއެވެ.

ހޮނިހިރު ދުވަހު ލީގުގައި ވެޓްފޯޑާއި ދެކޮޅަށް ކުޅެން ހަމަ ޖެހިފައިވާ މެޗުގެ ކުރިން ކެރިންގްޓަންގައި ބޭއްވި މި ބައްދަލުވުމުގައި ޔުނައިޓެޑްގެ ސީނިއަރ ލެވެލްގެ ގިނަ ކުޅުންތެރިން ތަކެއް ބައިވެރިވެފައި ވާއިރު، އޭގެ ތެރޭގައި ޓީމުގެ ކެޕްޓަން ހެރީ މެގުއާ އާއި ކްރިސްޓިއާނޯ ރޮނާލްޑޯ، ބްރޫނޯ ފެނާންޑޭސް، ލޫކް ޝާ، ވިކްޓަރ ލިންޑެލޯފް އަދި ނެމަންޖާ މަޓިޗް ހިމެނެއެވެ.

ރިޕޯޓުތަކުން ބުނާ ގޮތުގައި ސޮލްޝެއަރ ގެ މި މަޝްވަރާ ބައްދަލުވުމަކީ ޔުނައިޓެޑް މިހާރު އޮތް ހާލަތުން އަރައިގަތުމަށް ކުރެވޭނެ ކަންތަކާއި މެދު މަޝްވަރާ ކުރުމަށް ބޭއްވި ބައްދަލުވުމެކެވެ. އެގޮތުން ކުލަބުގެ ޓެކްޓިކަލް ޕްލޭނާއި ގުޅޭ ގޮތުން ގިނަ މަޝްވަރާތަކެއް ކުރިއިރު، މި ފަހަރުގެ ސީޒަން ކާމިޔާބު ކުރުމަށް ކުރަން ޖެހޭ އަދި ކުރެވެން ހުރި ކަންތަކާއި މެދު ވަނީ ވާހަކަ ދެކެވިފައި ކަމަށް ރިޕޯޓުތައް ބުނެއެވެ.

ލީގުގައި މިހާތަނަށް ކުޅުނު 11 މެޗުގެ ތެރެއިން ޔުނައިޓެޑް ވަނީ ހަތަރު މެޗުން ބަލިވެފައެވެ. ދެ މެޗުން އެއްވަރު ވެފައި ވެއެވެ. މޮޅުވެފައިވަނީ އެންމެ ހަ މެޗުންނެވެ. އެހެން ކަމުން މިފަހަރުގެ ސީޒަނުގެ ގަދަ ހަތަރެއްގައި ވެސް ޔުނައިޓެޑް ނުހިމެނޭއިރު، އެޓީމުން އޮތީ17 ޕޮއިންޓާއި އެކު ތާވަލުގެ ހަ ވަނާގައެވެ.

އެހެން ކަމުން ޔުނައިޓެޑް މިހާރު އޮތް ހާލަތާއި ގުޅިގެން ސޮލްޝެއަރ ގެ ބޮޑެތި ކަންބޮޑުވުންތަކެއް ހުރި އިރު، މާދަމާގެ މެޗުން މޮޅެއް ހޯދުމަކީ ސޮލްޝެއަރ ގެ އެންމެ ބޮޑު އެއް އެދުމައް ވާނެ އެވެ.

އިންޓަނޭޝަނަލް ބްރޭކަށް ފަހު މިހާރު ޓީމުގެ ފަރިތަކުރުންތައް ވެސް ފަށާފައި ވާއިރު، މާދަމާ އަމިއްލަ ދަނޑުގައި ވެޓްފޯޑާއި ދެކޮޅަށް ކުޅެ މޮޅެއް ހޯދުމަކީ ސޮލްޝެއަރ އަށް ފާޑުކިޔާ ގިނަ ބައަކަށް ދެވޭނެ ރައްދެއް ކަމަށް އޭނާ ދެކެއެވެ. ސޮލްޝެއަރ ބުނި ގޮތުގައި އަންނަ އަންގާރަ ދުވަހުގެރޭ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ވިލަރެއާލް އާ ދެކޮޅަށް ކުޅޭ މެވުން ވެސް މޮޅެއް ނުހޯދިއްޖެ ނަމަ އިތުރު ޕްރެޝަރެއް އޭނާ އަށް ކުރިމަތިވާނެއެވެ.

އެހެން ކަމުން ކުރިޔައް އޮތް ކޮންމެ މެޗަކީ ވެސް މުހިމު އަދި ބޮޑު އިމްތިހާނެއް ކަމަށް ދެކި އެ އިމްތިހާން ތަކުން ކާމިޔާބު ހޯދުމަށް ގިނަ މަސައްކަތް ތަކެއް ކުރަން ޖެހޭކަމަށް ސޮލްޝެއަރ ބުނެފައިވެއެވެ. އެގޮތުން ކުރިޔައް ހުރި މެޗުތައް ކާމިޔާބު ކޮށް މި ފަހަރުގެ ސީޒަނުގައި ރަނގަޅު ކާމިޔާބީ ތަކެއް ހޯދަން އާ އަޒުމަކާއި އެކު ގަދަ އަލާ މަސައްކަތް ކުރުމަށް ސޮލްޝެއަރ ވަނީ ޔުނައިޓެޑް ގެ ސީނިއަރ ކުޅުންތެރިންގެ ކިބައިން އެދިފައި ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި ފަހަކަށް އައިސް ސޮލްޝެއަރ އާއި އެކު ޔުނައިޓެޑުން ހޯދަމުން އަންނަ ދައް ނަތީޖާތަކުގެ ސަބަބުން ގިނަ ބައެއްގެ ފާޑުކިޔުންތައް އޭނާ އަށް އަންނަނީ އަމާޒުވަމުންނެވެ. އަދި ސޮލްޝެއަރ މަގާމުން ދުރުކުރުމަށް އެކުލަބުގެ ސަޕޯޓަރުން އަންނަނީ ގޮވާލަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް