ސިފައިންގެ މީހާ ރަހީނު ކުރީ ޒާތީ ކަމެއްގައި: ފުލުހުން

އިއްޔެރޭ ރަހީނުކޮށް ސިފައިންގެ މީހަކަށް އަނިޔާ ކުރީ ޒާތީ ކަމެއްގައި ކަމަށް ފުލުހުން ބުނެފި އެވެ. މިހާދިސާގައި އަނިޔާކޮށްފައިވަނީ ހދ. މަކުނުދޫ/ ޝޭޑީ ގްރޯވް، އުމުރުން 37 އަހަރުގެ ހަސަން ފަހީމެވެ. އޭނާ ފ...

19 Nov 2021 | 05:17

އިއްޔެރޭ ރަހީނުކޮށް ސިފައިންގެ މީހަކަށް އަނިޔާ ކުރީ ޒާތީ ކަމެއްގައި ކަމަށް ފުލުހުން ބުނެފި އެވެ.

މިހާދިސާގައި އަނިޔާކޮށްފައިވަނީ ހދ. މަކުނުދޫ/ ޝޭޑީ ގްރޯވް، އުމުރުން 37 އަހަރުގެ ހަސަން ފަހީމެވެ. އޭނާ ފަޙީމް ރަހީނުކުރީ މާފަންނު އޭސް ހާޑްވެއާ ކައިރީގައި އޮންނަ ގޯޅިގަނޑަކުން އިއްޔެރޭ 11:30 ހާއިރު ހިނގާފައި ދަނިކޮށް ކަމަށް ވެއެވެ.

ފުލުހުން ބުނީ، މި މައްސަލައިގެ ތަހުގީގުގައި މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު, ރަހީނުކޮށްފައިވަނީ މާލެއިންކަމަށް ނުބެލެވޭކަމަށެވެ. އަދި މިކަން ހިނގާފައިވަނީ އޭނާގެ އަމިއްލަ ދިރިއުޅުމާ ގުޅުންހުރި ޒާތީ ކަމެއްގެ ތެރެއިންކަމަށް މިހާތަނާށް ލިބިފައިވާ މައުލޫމާތުން ބެލެވޭކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ ފަހީމަށް އަނިޔާ ކުރީ އެއީ އެމްއެންޑީއެފް މީހަކަށް ވާތީ ކަމަށް ބެލެވޭނެ އެއްވެސް ހެއްކެއް އަދި މައުލޫމާތެއް ލިބިފައި ނުވާ ކަމަށެވެ.

މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ދިވެހި ފުލުހުންގެ ހިދުމަތުގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ދަނީ ތަހުގީގު ކުރަމުންނެވެ.

އެމްއެންޑީއެފުން މައުލޫމާތުދޭ ގޮތުގައި ސްޓާފް ސާޖަންޓް ހަސަން ފަހީމްއަށް ލިބިފައިވާ ޒަހަމް ތަކަށް ހޮސްޕިޓަލުގައި ފަރުވާދިނުމަށް ފަހު އިއްޔެ ވަނީ ގެއަށް ދޫކޮށްލާފަ އެވެ. އޭނާގެ ހާލަތު އެމްއެންޑީއެފްގެ ލީޑާޝިޕުން ވަރަށް ގާތުން ބަލަމުން ދާކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް