އަންނަ އަހަރު ގަތަރުގައި އޮންނަ ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމުގައިވާ ފީފާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތައް ޕޯޗުގަލް ގައުމީ ތީމު ކޮލިފައި ނުވެއްޖެ ނަމަ ކޯޗުގެ މަގާމުން އިސްތިއުފާ ދޭނެ ކަމަށް ޕޯޗުގަލްގެ މިހާރުގެ ހެޑް ކޯޗު ފެނާންޑޯ ސަންޓޯސް ބުނެފިއެވެ.
ޕޯޗުގަލް ޓީވީއަށް ދިން އިންޓަވިއުއެއްގައި ވާހަކަ ދައްކަމުން ސަންޓޯސް ބުނީ އޭނާގެ މިހާރުގެ އެންމެ ބޮޑު އަމާޒަކީ އަންނަ އަހަރުގެ ވޯލްޑްކަޕަށް ޕޯޗުގަލް ކޮލިފައި ވުމަށް ކުޅެން ޖެހޭ ޕްލޭއޮފް މެޗުތައް ކާމިޔާބު ކޮށްގެން ވޯލްޑްކަޕަސް ކޮލިފައިވުން ކަމަށާއި އެކަން ނުވެއްޖެ ނަމަ މަގާމުން އިސްތިއުފާ ދޭން ތައްޔާރަށް ހުރި ކަމަށެވެ.
" އަހަރެންނާއި އަހަރެންގެ ޓީމުގެ އެންމެ ބޮޑު އަމާޒަކީ އަންނަ އަހަރުގެ ވޯލްޑްކަޕައް ކޮލިފައިވުން. އެކަން ނުވެއްޖެ ނަމަ އަހަރެން މަގާމުން އިސްތިއުފާ ދޭނަން." ސަންޓޯސް ބުންޏެވެ.
އިތުރަށް ވާހަކަ ދައްކަމުން ސަންޓޯސް ބުނީ އެންމެ ފަހުން ސާބިއާ އަތުން ފަހު ވަގުތު ބަލިވެ ޕްލޭއޮފް ކުޅެން ޖެހުމަކީ ބޭނުންވި ގޮތް ނޫން ކަމަށާއި ނަމަވެސް ނަސީބު އަތުގައި ނުހިފީކަމަށެވެ. ސާބިއާ އަތުން ބަލިވި މެޗަކީ ކޮލިފައިންގައި ބަލިވި ފުރަތަމަ މެޗުކަން ފާހަގަކޮށް ސަންޓޯސް ބުނީ ފުޓްބޯޅަ އަކީ އެކަހަލަ އެއްޗެއް ކަމަށާއި ކޮންމެ ފަހަދަ ގޮތަކަށް ވެސް ނަތީޖާ ނިކުމެދާނެ ކަމަށެވެ. ނަމަވެސް އަދި ފުރުސަތު އެބައޮތް ކަމަށާއި އެފުރުސަތުގެ ބޭނުން ހިފާ މުބާރާތައް ކޮލިފައި ވެވޭނެ ކަމަށް އުންމީދު ކުރާކަމަށްވެސް އޭނާ ބުންޏެވެ.
ސަންޓޯސް ބުނީ ޕްލޭއޮފްގައި ކޮންމެ ޓީމަކާއި ދެކޮޅަށް ކުޅެން ޖެހުނަސް އިދިކޮޅު ޓީމު ބަލިކުރެވޭ ވަރުގެ ވަރުގަދަ ސްކޮޑެއް ޕޯޗުގަލްގައި މިހާރު އެބައޮތް ކަމަށާއި ކޮންމެ ޓީމަކާއި ދެކޮޅަށް ވެސް ރަނގަޅު ކުޅުމެއް ދެއްކިއްޖެ ނަމަ މޮޅުވެވޭނޭ ކަމަށެވެ. އަދި ޕްލޭއޮފް ކުޅެން ޖެހުމަކީ އުންމީދު ކަނޑާލާ މާޔޫސްވާން ޖެހޭވަރުގެ ކަމެއް ނޫން ކަމަށާއި ޕޯޗުގަލްއަށް އެޓީމުން ބޭނުންވާ ލަނޑުދަނޑިއާއި ހަމައަށް ވާސިލު ވެވޭނޭ ކަމަށް ވެސް ސަންޓޯސް ބުންޏެވެ.
ސަންޓޯސް އިތުރަށް ބުނީ އަހަރެމެންގެ ޓީމުގައި މައި ތަނބަކީ ރޮނާލްޑޯ ކަމަށާއި އޭނާއަށް ރޮނާލްޑޯ އާއި މެދު ފުރިހަމަ އިތުބާރު އެބައޮތް ކަމަށެވެ. އަދި ރޮނާލްޑޯގެ އިތުރުން ޓީމުގެ ހުރިހާ ކުޅުންތެރިންނާއި މެދުވެސް އޭނާގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށް ވެސް ސަންޓޯސް ބުންޏެވެ.
އެންމެ ފަހުން ކޮލިފައިންގައި އަމިއްލަ ފަންގަނޑުގައި ސާބިއާ އާއި ދެކޮޅަށް ޕޯޗުގަލް ކުޅުނު މެޗުން އެޓީމުު ބަލިވެ ޕްލޭއޮފް ކުޅެން ޖެހުމާއި ގުޅިގެން ގިނަ ފާޑުކިޔުންތަކެއް ސަސްޓޯސް އަށް އަމާޒު ވެފައިވާއިރު، ޕޯޗުގަލްގެ ގިނަ އަދަދެއްގެ ސަޕޯތަރުން ވަނީ ސަންޓޯސްގެ އިތިއުފާއަށް ވެސް ގޮވާލާފައިވެއެވެ.
ސަންޓޯސް ވަނީ އޭނާގެ އިރުޝާދުގެ ދަށުން 2016 ވަނަ އަހަރު ފްރާންސްގައި ބޭއްވުނު ޔޫރޯ ފުޓްބޯޅަ މުބާރާތާއި 2018 ވަނަ އަހަރުގެ ޔޫއެފާ ނޭޝަންސް ލީގު ޕޯޗުގަލަ އަށް ކާމިޔާބު ކޮށްދީފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް