ރާއްޖެއަށް ސިނގިރޭޓު އެތެރެކޮށް ވިއްކާ، ރޫޓު ފިހާރައިން ސިނގިރޭޓު ވިއްކާ މިންވަރު ލިމިޓު ކޮށްފިއެވެ.
އެގޮތުން އެ ފިހާރައިން އާއްމުކޮށް ސިނގިރޭޓު ގަންނަ ފަރާތްތައް ނޫން އެހެން ފަރާތަކަށް ސިނގިރޭޓު ވިއްކުން ހުއްޓާލައި، ރަޖިސްޓަރީ ކޮށްފައި ހުރި ފިހާރަތަކަށް ވެސް ސިނގިރޭޓު ވިއްކާ މިންވަރު ރޫޓުން ވަނީ ކޮންޓްރޯލް ކޮށްފައެވެ.
މައުލޫމާތު ލިބޭ ގޮތުގައި ރޫޓް ފިހާރައިން މި ބަދަލުގެނައީ ސިނގިރޭޓުން ނަގާ ޓެކްސް ބޮޑުކުރުމަށް ސަރުކާރުން ނިންމުމުން ބައެއް ފަރާތްތަކުން އިތުރަށް ސިނގިރޭޓު ގަނެ، ގުދަން ކުރުމުގެ މަސައްކަތް ކުރަމުން ދާތީއެވެ. ރޫޓުން ގެނައި މި ބަދަލާއި އެކު، އެ ފިހާރައިގެ ދޮރު މަތީގައި އާންމުން ވަނީ ކިއު ހަދާފައެވެ.
އަދަދު ނޫހަށް މައުލޫމާތު ދެއްވަމުން ރޫޓު ފިހާރަ ހިންގާ ސީޖީޓީ ޕްރައިވެޓް ލިމިޓެޑްގެ ޑިރެކްޓަރ، އަބްދުﷲ ރާފިއު ވިދާޅުވީ، އާއްމުކޮށް އެ ފިހާރައިން ސިނގިރޭޓު ގަންނަ ވިޔަފާރީތަކަށް، މީގެ ކުރިންވެސް ނަގަމުން އައި ރޭޓުން ސިނގިރޭޓު ދޫކުރަމުންދާ ކަމަށެވެ.
ސިނގިރޭޓު އަދި ބިޑިން ނަގާ އިމްޕޯޓު ޑިއުޓީ އަށް ބަދަލުތަކެއް ގެނުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ.
އެގޮތުން ސިނގިރޭޓުން ނަގާ އެކްސްޕޯޓް އިމްޕޯޓުގެ ގާނޫނުގެ ހަތް ވަނަ މާއްދާގެ ދަށުން ޗެޕްޓރ24 ގެ ދަށުން ސިނގިރޭޓާއި ބިޑިއަށް ނަގާ އިމްޕޯޓު ޑިއުޓީގެ ސްޕެސިފިކް ރޭޓް3 ރުފިޔާއިން8 ރުފިޔާއަށް މަތިކުރުމާއި، ސިނގިރޭޓާއި ބިޑިން ނަގާ އެޑްވަލޮރަމް50 އިންސައްތަ މަތިކުރުން ހިމެނެއެވެ.
އެގޮތުން މި ބަދަލާއި އެކު މިހާރު105ރ އަށް ވިއްކަމުންދާ ސިނގިރޭޓު ފޮށްޓެއްގެ އަގު ދެ ގުނައަށް ބޮޑުވެގެން ދާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް