ޔޫއޭއީ އެމްބަސީ ހިންގި އިމާރާތަކަށް، ކުލީގެ ގޮތުގައި ލިބެންޖެހޭ 1.4 މިލިއަން ރުފިޔާ ހޯދުމަށް ހައިކޯޓަށް!

ރާއްޖޭގައި ހުންނަ ޔުނައިޓެޑް އަރަބް އެމިރޭޓްސް ޔޫއޭއީ އެމްބަސީ ހިންގި އިމާރާތުގެ ކުލި ހޯދުމަށް އެ އެމްބަސީއާ ދެކޮޅަށް ދައުވާކުރި މައްސަލަ ނުބެލޭނެ ކަމަށް ސިވިލް ކޯޓުން ނިންމި ނިންމުން ހައިކޯޓުގައި އިސ...

19 Oct 2024 | 08:43

ރާއްޖޭގައި ހުންނަ ޔުނައިޓެޑް އަރަބް އެމިރޭޓްސް ޔޫއޭއީ އެމްބަސީ ހިންގި އިމާރާތުގެ ކުލި ހޯދުމަށް އެ އެމްބަސީއާ ދެކޮޅަށް ދައުވާކުރި މައްސަލަ ނުބެލޭނެ ކަމަށް ސިވިލް ކޯޓުން ނިންމި ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފިއެވެ.

ޔޫއޭއީ އެމްބަސީ އާ ދެކޮޅަށް ގ.ނިއުޝާ އާމިނަތު އަޙްމަދު ދީދީ ޔޫއޭއީ އެމްބަސީ އާ ދެކޮޅަށް ހުށަހަޅާފައިވާ ދައުވާގައި ބުވެފައިވަނީ ޔޫއޭއީ އެމްބަސީ ގ.ނިއުޝާގެ ތިން ފަންގިފިލާއެއްގައި މެއި2020 އިން ފެށިގެން އޮކްޓޯބަރު2022ގެ ނިޔަލަށް ހިންގިއިރު އެތަނަށް ކުލި ދައްކާފައި ނުވާތީ އެއްބަސްވުން އުވާލާފައިވާ ކަމަށެވެ.

އެގޮތުން އިމާރާތުގެ ކުއްޔަށް އަރާފައިވަނީ1.4 މިލިއަން ރިފިޔާއެވެ.

އެ ފައިސާ ހޯދުމަށް ކުރި މި ދައުވާއާ ގުޅިގެން ޔޫއޭއީ އެމްބަސީގެ ފަރާތުން ޖަވާބުދާރީވުމަށް ދައުވާ ފޯމާއި ލިޔުންތައް ފޮނުވަން މަސައްކަތް ކުރި ނަމަވެސް އެ ތަކެތި ރައްދު ކުރެވިފައެއް ނުވެއެވެ. އެ މައްސަލާގައި މިދިޔަ ސެޕްޓެމްބަރ12 ވަނަ ދުވަހު ސިވިލްކޯޓުގެ ޤާޒީ ހާފިޒާ އަބްދުއްސައްތާރު އިއްވެވި ހުކުމްގައި ބުނެފައިވަނީ، ރާއްޖޭގައި ހުންނަ އެމްބަސީތަކާއި ހައި ކޮމިޝަންތަކަކީ ވިއެނާ ކޮންވެންޝަން އޮފް ޑިޕްލޮޮމެޓިކް ރިލޭޝަން މުއާހަދާގެ ދަށުން އިމްތިޔާޒު ލިބިގެންވާ ތަންތަން ކަމަށެވެ. އަދި މިފަދަ ތަންތަނާ ގުޅޭ އިމްތިޔާޒުތައް ރާއްޖޭގެ މަދަނީ އިޖުރާއަތުގެ ގާނޫނުގައިވެސް ބަޔާން ކޮށްފައިވާކަމަށް އެ ހުކުމުގައިވެއެވެ.

އެހެން ކަމުން އެ މައްސަލަ ނުބެލޭނެ ކަމަށް ސިވިލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.

އެ އެމްބަސީގެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކޮށްފައިވާއިރު ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީގެ އިމާރާތަށް ކުލި ނުދެއްކި މައްސަލާގައި ސުޕްރީމް ކޯޓުން ވެސް ނިންމާފައި ވަނީ ވިއެނާ ކޮންވެންޝާން އޮން ޑިޕްލޮމެޓިކް ރިލޭޝަންސްގައި ބައިވެރިވެފައިވާ ގައުމަކަށް ވާތީ ރާއްޖޭގައި ހުންނަ ބޭރުގެ އެމްބަސީތަކާ ދެކޮޅަށް ރާއްޖޭގެ ކޯޓުތަކުގައި ދައުވާ ނުކުރެވޭނެ ކަމަށެވެ.

ދިވެހިރާއްޖޭގެ މަދަނީ އިޖުރާއަތުގެ ގާނޫނުގައި ބުނެފައިވަނީ ދައުވާ ލިބޭ ފަރާތަކީ ގާނޫނެއްގެ ދަށުން މަދަނީ ދައުވާތަކުން އިމްތިޔާޒު ލިބިގެންވާ ފަރާތެއް ނުވަތަ ދިވެހި ސަރުކާރުގެ ފަރާތުން ޑިޕްލޮމެޓިކް އިމްތިޔާޒު ދީފައިވާ ފަރާތެއް ނަމަ އެފަދަ ފަރާތެއްގެ މައްޗަށް ރާއްޖޭގެ ކޯޓެއްގައި ދައުވާ އުފުލިގެން ނުވާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް