މޯލްޑިވްސް ޕްރޮފެޝަނަލް ސްޕީކަރސް އެސޯސިއޭޝަން (އެމްޕީއެސްއޭ) އިން، އެ ޖަމްއިއްޔާގެ މެމްބަރުންނާއި ބައިނަލްއަގުވާމީ ބައިވެރިންނާ ގުޅިގެން، ދިވެހިރާއްޖޭގެ ފުރަތަމަ ޕްރޮފެޝަނަލް ސްޕީކަރުންގެ ސަމިޓަށް ރަޖިސްޓަރ ވުމަށް ހުޅުވާލައިފިއެވެ.
އެމްޕީއެސްއޭ ޕްރޮފެޝަނަލް ސްޕީކަރސް ސަމިޓް 2024 ބޭއްވޭނީ އެމްއެންޔޫ ފެކަލްޓީ އޮފް އެޑިޔުކޭޝަންގެ އޯޑިޓޯރިއަމްގައެވެ. މި ސަމިޓުގެ މަގުސަދުތަކުގެ ތެރޭގައި ވާހަކަދެއްކުމުގެ ހުނަރު ކުރިއެރުވުމާއި މުވާސަލާތުކުރުމުގެ ހުނަރުތައް އިތުރަށް ތަރައްގީކުރުން ހިމެނެއެވެ. މި އިވެންޓުގެ ތީމްއަކީ "ޑިސްކަވަރ އެންޑް ގްރޯ" އެވެ.
މި ސަމިޓަކީ އެމްޕީއެސްއޭގެ މެމްބަރުންނަށާއި ވާހަކަދެއްކުމުގެ ދާއިރާއަށް ޝައުޤުވެރިވާ ފަރާތްތަކަށް އަމިއްލަ ނަފްސަށް އޮންނަ އިތުބާރު އިތުރުކޮށް ގިނަ ފުރުސަތުތަކެއް ހުޅުވިގެންދާނެ ސަމިޓެކެވެ. ވާހަކަދެއްކުންތެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތައް އެއްތަނަކުން ބައްދަލުވެ މައުލޫމާތު ޚިޔާލު ފާޅުކުރެވޭ މުހިއްމު ފުރުސަތަކަށްވެސް މި ސަމިޓް ވެގެންދާނެއެވެ. މި ސަމިޓްގައި ބައިވެރިވުމުގެ ފުރުސަތު ވަނީ އާންމުކޮށް ހުޅުވާލާފައެވެ.
މި ސަމިޓްގައި ޕްރޮފެޝަނަލް ސްޕީކިން ދާއިރާއިން ދުނިޔޭގެ ލެވެލްގައި ފާހަގަކޮށްލެވޭ ބޭފުޅުންގެ ކީ ނޯޓް ސްޕީޗަސްތަކާއި މާސްޓާ ކްލާސްތަކާ ޕެނަލް ޑިސްކަޝަންތައް ކުރިއަށް ގެންދާނެއެވެ. މި މައުލޫމާތުތަކުގެ އަލީގައި ބައިނަލް އަގުވާމީ ފެންވަރުގެ ވާހަކަ ދެއްކުންތެރިއަކަށް ވުމަށާއި އެ ދާއިރާއިން ތަޖުރިބާކާރަކަށް ވުމަށް އެހީތެރިވާނެއެވެ. އަދި ކޮމިއުނިކޭޝަން ދާއިރާގެ ތަޖުރިބާކާރަށްވުމަށްވެސް މަގުހުޅުވިގެންދާނެއެވެ.
އިވެންޓުގެ ތަފްސީލު:
- ސަމިޓް ބާއްވާ ތަން: އެމްއެންޔޫ ފެކަލްޓީ އޮފް އެޑިޔުކޭޝަން އޯޑިޓޯރިއަމް
- ސަމިޓުގެ ތީމް: ޑިސްކަވަރ އެންޑް ގްރޯ
މި ސަމިޓާ ބެހޭގޮތުން ވާހަކަދައްކަވަމުން އެމްޕީއެސްއޭ ރައީސް އިޔާޒް ވަހީދު ވިދާޅުވީ " މީ ރާއްޖޭގައި ބާއްވާ މިފަދަ ފުރަތަމަ ސަމިޓް. ކޮމިއުނިކޭޝަންގެ ހުނަރުތައް ތަރައްގީކުރަން ބޭނުންވާ ކޮންމެ ފަރާތަޖަށް ވެސް މި ސަމިޓްގެ ބައިވެރިވުމުގެ ފުރުސަތު މި ވަނީ ހުޅުވާލާފަ. މި ސަމިޓްގަ އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ރާއްޖެއާއި ރާއްޖޭން ބޭރުގެ ތޖުރިބާކާރުންނާއި ބައްދަލުވުމުގެ ފުރުސަތު ލިބިގެން ދިއުން" ކަމަށެވެ.
ތިރީގައިވާ ލިންކް މެދުވެރިކޮށް މި ސަމިޓްގައި ބައިވެރިވެވޭނެއެވެ.
"https://form.jotform.com/242893535185062"
މި ސަމިޓް ވެގެންދާނީ ޕްރޮފެޝަނަލް ސްޕީކިން އަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފަރާތްތަތަކުގެ ހުނަރު އިތުރުކުރުމަށާއި އަދި މި ދާއިރާއަށް ވަނުމުގެ ވިސްނުމުގައި ތިބި ފަރާތްތަކަށް ވެސް ހުޅުވޭނެ ވަރަށް ފަހު ފުރުސަތަކަށެވެ.
އެމްޕީއެސްއޭ އަކީ ޕްރޮފެޝަނަލް ސްޕީކިން އަށް ޚާއްސަކޮށްގެން އުފައްދާފައިވާ ޖަމިއްޔާއެކެވެ. މި ޖަމިއްޔާ އިން ދަނީ މިހާރުވެސް ޕްރޮފެޝަނަލް ސްޕީކިން އާއި ބެހޭ ސެޝަންތައް ބާއްވަމުންނެވެ. މި ސަމިޓްގެ އިތުރުން ކުރިއަށް ވެސް ޖަމިއްޔާގެ ހަރަކާތްތައް އެބަހުރިކަމަށް އެ ޖަމްއިއްޔާއިން މައުލޫމާތުދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް