ވައިގެ މަގުން ރާއްޖެއައި އިންޑިއާގެ ދެމީހެއްގެ ލަގެޖުން މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފިއެވެ.
ކަސްޓަމްސް އިން ބުނެފައިވާގޮތުގައި މިތަކެތި އަތުލައިގަނެފައިވަނީ 2024 އޮކްޓޯބަރު 15 ވަނަ ދުވަހު، މެލޭޝިއާއިން ރާއްޖެއައި އިންޑިއާގެ ދެފަސިންޖަރުން (އުމުރުން 41 އަހަރުގެ ފިރިހެނަކާއި، އުމުރުން 38 އަހަރުގެ އަންހެނެއް) ގެ ލަގެޖްގައި މަސްތުވާތަކެތި ރައްކާކޮށްގެން ގެނެސްފައިވާ ކަމަށް ޝައްކުކުރެވިގެން، މިދެފަސިންޖަރުންގެ ލަގެޖް ބަލައިފާސްކުރުމުގެ ތެރޭގައެވެ.
ބަލާފާސްކުރުމުގެ ތެރޭގައި މި ދެފަސިންޖަރުގެ ލަގެޖުން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތަކެތި ފެނުމުން، އެ ތަކެތި ފުރަތަމަ މަރުހަލާގައި ކަސްޓަމްސް އިން ތަޙުލީލުކުރި އިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިން (Heroin)އަށް ވަނީ ޕޮޒިޓިވް ވެފައި ކަމަށާއި، މިތަކެތީގެ ބަރުދަނުގައި ޕެކިންއާއި އެކު ޖުމްލަ 2.05 ކިލޯ ހުރިއިރު، މިތަކެތީގެ މަގުމަތީ އަގަކީ 2,050,000.00 (ދެ މިލިއަން ފަންސާސް ހާސް) ދިވެހި ރުފިޔާކަމަށް ލަފާކުރެވޭކަމަށް ކަސްޓަމްސް އިން ބުނެފައިވެއެވެ.
ކަސްޓަމްސް އިން އިތުރަށް ބުނެފައިވާގޮތުގައި، މި މައްސަލަ އިތުރަށް ތަޙްޤީޤްކުރުމަށްޓަކައި، މައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެއްޗާއި ދެފަސިންޖަރުން މިހާރު ވަނީ ދިވެހި ފުލުހުންގެ ޚިދުމަތާއި ޙަވާލުކުރެވިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް