އިސްރާއީލުން ޣައްޒާއަށް ހަމަލާތަށް ދެމުން ގެންދާތާ މެދުކެނޑުމެއްނެތި މިއަދަށް 13 ދުވަސް ވެފައި ވާއިރުވެސް ހަމަލާތަކަށް ހުއްޓުމެއް ނެތެވެ. ކޮންމެ ދުވަހަކު ކުށެއްނެތް އެތައްބައެއްގެ ފުރާނަދަނީ ގެއްލެމުންނެވެ.
ފަލަސްތީނުގެ ވަފާ އެޖެންސީން ބުނީ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުގެ ފަތިހުން ފެށިގެން އިސްރާއީލުން ޣައްޒާގެ މީހުން ދިރިއުޅޭ އެކި ސަރަހައްދުތަކަށް އަމާޒުކޮށް ދިން ހަމަލާތަކުގައި ފަލަސްތީނުގެ އެތައް ބަޔަކުވަނީ ޝަހީދުވެފަ އެވެ.
ރަފާ ބޯޑަރުގައި މިސައިލް ހަމަލާތަކުގައި އެކި އާއިލާތަކުގެ 30 އަށް ވުރެ ގިނަ މީހުންގެ ފުރާނަ ގެއްލި، އެތައް ބަޔަކު ވަނީ ޒަހަމްވެފަ އެވެ. ރަފާގެ އަލް މަސްރީ ޓަވަރުގެ މަތީ ފަންގިފިލާއަށް ވެސް އިޒްރޭލުގެ މަތިންދާ ބޯޓުތަކުން ވަނީ ބޮން އަޅާފަ އެވެ.
މީގެ އިތުރުން ޚާން ޔުނިސްގެ ހުޅަނގުން މީހުން ދިރިއުޅޭ އިމާރާތަކަށް ވެސް އިސްރާއީލުން ވަނީ ބޮމުގެ ހަމަލާއެއް ދީފަ އެވެ. މި ހަމަލާގައި ފަލަސްތީނުގެ އެކަކު ޝަހީދުވެ، 21 މީހަކު ވަނީ ޒަޚަމްވެފަ އެވެ.
އިޒްރޭލުން މި ހަމަލާ ދީފައި މިވަނީ ގާހިރާ އާއި ތެލްއަވީވްއާ އެކު އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށްފަހު އެތައް ހާސް ބަޔަކު އެހީގެ އިންތިޒާރުގައި ތިބި ދަނޑިވަޅެއްގައެވެ.
ބައިޑަން ވިދާޅުވީ މިސްރުގެ ރައީސް އަބްދުލް ފައްތާހް އަލް ސީސީ ވަނީ މިދިޔަ ހުކުރު ދުވަހުން ފެށިގެން ޣައްޒާއަށް 20 ޓްރަކްގެ އެހީ ދިނުމަށް އެއްބަސްވެވަޑައިގެންފަ އެވެ. އަދި ހަލާކުވެފައިވާ މަގުތައް މަރާމާތު ކުރުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ކުރަމުން އަންނަ ކަމަށެވެ.
އިސްރާއީލުން މީގެ ކުރިން ވަނީ ޣައްޒާ މުޅިން ވަށާލައި، ތެލާއި ކާބޯތަކެއްޗާއި ފެން ފަދަ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ތަކެތި ހުއްޓުވާފައެވެ. މި ފިޔަވަޅު ތަކަކީ ބައިނަލްއަޤްވާމީ ޖަމާޢަތްތަކާއި އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމާޢަތްތަކުން ވަރަށް ބޮޑަށް ކުށްވެރިކުރާ ފިޔަވަޅެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް