އޮކްޓޯބަރު 17 ވީ އަންގާރަ ދުވަހުގެ ގާޒާ ގަޑިން 06:59 ހާއިރު އެ ބޮޑު ބިޔަ ގޮވުމަކުން ހޮސްޕިޓަލު ގުގުމާލި އެވެ. އެ ގޮވުންތައް ފަހުން ވީޑިއޯއެއްގެ ސިފައިގައި ތަންކޮޅެއް ދުރުން ފެނިގެންދިޔަ ހަމަ އެވަގުތު ސޯޝަލް މީޑިއާގައި އެ ހާދިސާގެ ވީޑިއޯތަކާއި ފޮޓޯތައް ފުރާލި، މި ހާދިސާއަކީ ހޮސްޕިޓަލެއްގައި ހިމާޔަތް ހޯދައިގެން ތިބި ކުށެއް ނެތް އެތައް ސަތޭކަ ގާޒާ ރައްޔިތުންނާއި އެ ހޮސްޕިޓަލުން ފަރުވާ ހޯދަމުންދިޔަ އެތައް ސަތޭގަ ބަލި މީހުންނެއް މަރުވި ހާދިސާއެވެ.
ރޭގަނޑު 08:23 ގައި އިޒްރޭލު ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސޯޝަލް މީޑިއާ އެޑްވައިޒަރު ހަނަންޔަ އަނަފްތާލީ އެ ހަމަލާގެ އުފާ ފާޅުކުރިއެވެ.
އޭނާ ޓްވިޓާގައި ބުނެފައިވަނީ ހަމާސްގެ ޓެރަރިސްޓް ބޭސްއެއްގެ ގޮތުގައި ބޭނުންކުރި ހޮސްޕިޓަލަކަށް އިޒްރޭލު ވައިގެ ފައުޖުތަކުން ހަމަލާ ދީފައިވާކަމަށާއި އެތައް ޓެރަރިސްޓުންނެއް މަރުވި ކަމަށެވެ.
ހަމާސް އިން ކުށެއް ނެތް އާންމުން ނިވާފަތްގަނޑަކަށް ހަދައި ހޮސްޕިޓަލުތަކާއި މިސްކިތްތަކާއި ސްކޫލުތަކުންވެސް ރޮކެޓް ހަމަލާތައް ލޯންޗުކުރުމަކީ ހިތާމަކުރާ ކަމެއް ކަމުގައިވެސް އޭނާގެ ޓްވިޓާ ޕޯސްޓްގައި އޭނާ ބުނެފައިވެއެވެ.
އެހެން ނަމަވެސް އޭނާ ވަނީ އެ ޓްވީޓް ލަސް ނުކޮށް ޑިލީޓް ކުރިއެވެ.
މާ ގިނަ އިރުތަކެއް ނުވެ އިޒްރޭލުން އެކަން ދޮގުކޮށް އެ ހަމަލާ ދިނީ ގާޒާގެ ތެރެއިން ކަން ދެއްކުމަށް ސީސީޓީވީ ފުޓޭޖް ވީޑިއޯ ތަކަކާއެކު ޓްވީޓެއް ކުރިއެވެ. އެ ޓްވީޓްގައި އިޒްރޭލުން ބުނެފައިވަނީ އެ ހަމަލާއަކީ އިޒްރޭލަށް އަމާޒުކޮށް ހަމާސްއިން ފޮނުވާލަން އުޅުނު ހަމަލާއެއް ފެއިލްވެ ހޮސްޕިޓަލަށް އަމާޒުވި އަމާޒުވުމެއް ކަމަށެވެ.
އެހެން ނަމަވެސް އިޒްރޭލުން ހާމަކުރި ވީޑިއޯތަކުގައިވާ ގަޑިއާއި ހަމަލާ އަމާޒުވި ގަޑިއާއި ގަޑިއެއްހާއިރުގެ ތަފާތެއް ހުރިކަން ބަޔަކު ފާހަގަކުރުމުން އެ ވީޑިއޯތައްވެސް އިޒްރޭލުން ޑިލީޓް ކުރިއެވެ.
އިޒްރޭލުގެ ރަސްމީ އެހެން އެކައުންޓްތަކުން އެހެން ވީޑިއޯއެއްވެސް އާންމު ކުރިއެވެ. އެހެން ނަމަވެސް ފަހުން އެނގުނު ގޮތުގައި އެ ވީޑިއޯއަކީ އޮގަސްޓް 2022 ގެ ވީޑިއޯއެއްކަން އެނގުމުން އެ ވީޑިއޯވެސް ޑިލީޓް ކުރިއެވެ.
އެއަށްފަހު އަލް ޖަޒީރާއެއްގެ ނޫސްވެރިއެއްކަމަށްބުނެ ފަރީދާ ޚާން ނަމަކަށް ކިޔާ އެކައުންޓަކުން ޓްވީޓެއް ކުރިއެވެ. އެ ޓްވީޓްގައި ބުނެފައިވަނީ ހަމާސް އިން އެ ހަމަލާ ދިން މަންޒަރު އޭނާގެ ހަމަ ލޮލަށް ފެނުނު ކަމަށެވެ.
ނަމަވެސް އެއީ ފޭކް އެކައުންޓެއްކަން ލަސްތަކެއް ނުވެ އަލް ޖަޒީރާއިން ހާމަކުރިތާ މަދު ވަގުތުކޮޅެއްގެ ތެރޭގައި ޓްވިޓާއިން އެ އެކައުންޓް ގެއްލުނެވެ.
ދެން އިޒްރޭލުން ބޭނުންކުރީ އަލް ޖަޒީރާގެ ވީޑިއޯއެކެވެ. އެ ވީޑިއޯއިން ފެންނަނީ މާ ދުރުން މަތިން މިސައިލެއް ގޮއްވާލާ ތަނާއި އަލް އަހްލީ ހޮސްޕިޓަލުގެ ބޮޑު ގޮވުމެވެ. އެހެން ނަމަވެސް އެއީ ތަފާތު ދެ ގޮވުމެއްކަމާއި ދުރުމިން ވަރަށް ދުރުކަން އެ ވީޑިއޯއިން ސާފުކޮށް ފެނެއެވެ.
އިޒްރޭލުން އަންނަނީ އެކަން ތަހުގީގު ކުރުމަށް ތަހުގީގު ޓީމުތައް ގާޒާއަށް ވަނުމަށްވެސް ހުރަސް އަޅަމުންނެވެ. އެހެން ނަމަވެސް އެކަމަކީ ހަމާސް އިން ކުރި ކަމެއްކަން ދައްކަން އަދިވެސް ސޯޝަލް މީޑިއާގައި ޕްރޮޕަގެންޑާ އަންނަނީ ފަތުރަމުންނެވެ.
މިއީ އެ ހަމަލާއާއި ގުޅިގެން އަލް ޖަޒީރާގެ އިންވެސްޓިގޭޝަން ޓީމުން ހިންގި އިންވެސްޓިގޭޓިވް ޖާނަލިޒަމް ރިޕޯޓެއްގެ ތަރުޖަމާއެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް