ކުރިއަށް އޮތް ދުވަސްތަކުގައި ގައުމު ހަމަ މަގަށް އެޅުވުމުގައިވެސް، ރިޔާސީ އިންތިހާބުގެ ކެމްޕޭނު ތެރޭގައި ކެމްޕޭނު ޓީމުތަކުން ދެއްކި އެކުވެރިކަން ދެމެހެއްޓުމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިލައްވައިފިއެވެ.
ޑރ. މުއިއްޒު މިކަމަށް އެދިލެއްވީ މާލޭގެ ކެމްޕޭނު ޓީމުތަކާ ބައްދަލުކުރެއްވުމަށް މިރޭ ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެޖެންޑާގައި ޑރ. މުއިއްޒު ވާހަކަފުޅު ދައްކަވަން ނެތް ނަމަވެސް މުއިއްޒު ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކެމްޕޭނު ޓީމުތަކުންކުރީ ހިތްވަރު ގަދަ ބުރަ، އިހްލާސްތެރި ގައުމީ މަސައްކަތްތަކެއް ކަމަށެވެ.
"ގައުމު މިއަދު މި އޮތް ހާލަތުން އަޅުގަނޑުމެން އެދޭ މަންޒިލަށް ދިވެހީންގެ ރާއްޖެ ގެންދިއުމަށް ހުރިހާ ބޭފުޅުންވެސް ރެއާ ދުވާލު ކުރީ ވަރަށް ވަރުގަދަ ގައުމީ މަސައްކަތެއް" ޑރ. މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ އެކުވެރި ކަމަކީ ގަދަފަދަ ބާރެއް ކަމަށާއި ކެމްޕޭނު ތެރޭގައި ދެއްކި އެކުވެރިކަން، ނުގުޑާނެ ފަދަ އަޒުމެއްގައި، ގައުމު އުޖާލާ މަންޒިލަކަށް ގެންދިއުމުގައިވެސް ދެއްކުމަށް އެދިލައްވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް