ގާޒާގެ އެތެރެއަށް ވަދެގަތުމަށް ތައްޔާރަށް ތިބުމަށް އިޒްރޭލުގެ ފައުޖުތަކަށް އެ ގައުމުގެ ޑިފެންސް މިނިސްޓަރު ޔޯވް ގަލަންޓު އަންގައިފިއެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި އޭނާ ވަނީ ފައުޖުތަކަށް ގާޒާ މިހާރު ފެންނަނީ ތަންކޮޅެއް ދުރުން ނަމަވެސް ދާދި ކައިރިން އަދި އެތެރެއިން ގާޒާ ފެނުމުގެ ފުރުސަތު ދާދި އަވަހަށް ލިބޭނެ ކަމަށް އެންގި ކަމަށެވެ.
"ކޮމާންޑު އަންނާނެ" އޭނާގެ އޮފީހާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނެއެވެ.
އެ އޯޑަރު ވެގެންދާނީ ގާޒާގެ ތެރެއަށް ބިމުގެ މަގުން އިޒްރޭލު ސިފައިންގެ ފައުޖުތައް ވަދެގަންނަ އޯޑަރަށެވެ. އެ އޯޑަރަށް ތައްޔާރުވުމަށް އިޒްރޭލު ސިފައިންގެ ފައުޖުތަކާއި ހަނގުރާމަމަތީ އުޅަނދުތައް ވަނީ ގާޒާ ބޯޑަރު ސަރަހައްދަށް ޖަމާކޮށްފައެވެ.
މުރާސިލުން ބުނާގޮތުގައި ބިމުގެ މަގުން ވަދެގެންފިނަމަ އިޒްރޭލުން ހަނގުރާމައިގެ އެތައް އެތައް ޖަރީމާއެއް ހިންގާނެއެވެ. އަދި ކުށެއް ނެތް އެތައް އެތައް ބަޔަކު މަރާނެއެވެ.
އިޒްރޭލުން ގާޒާއަށް ވަދެގަންނަން ތައްޔާރުވަމުން އަންނައިރު ދުނިޔޭގެ ދެ ބާރު ކަމުގައިވާ އެމެރިކާއާއި އިނގިރޭސިވިލާތުން ވަނީ އެ ދެ ގައުމުގެ ލީޑަރުން އިޒްރޭލަށް ގޮސް އެ ގައުމުތައް އޮތީ އިޒްރޭލާއި އެކުގައިކަން ފާހަގަކޮށްފައެވެ.
އނަމަވެސް މުސްލިމުންގެ ހައްގުގައި ނިކުންނާން ތިބި، އިޒްރޭލުގެ ވަށައިގެން އޮތް ބޮޑެތި އަރަބި ގައުމުތަކުގެ ވެރިން އަދި އެއްވެސް އަމަލީ ސިފައެއްގައި ގާޒާގެ މުސްލިމުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމުންތަކެއް ނިންމާފައެއް ނުވެއެވެ. އެހެން ނަމަވެސް ހަމަ މިވަގުތު އުރުދުންގެ ބޮޑުވަޒީރު ހުންނެވީ މިސްރުގެ ރައީސާއެކު ސިއްރު ބައްދަލުވުންތަކެއްގައި މިސްރުގައެވެ. މަޝްވަރާ ކުރަނީ އިޒްރޭލު ހުއްޓުވާނެ ގޮތަކާއިމެދުގައި ކަމަށް އުރުދުންގެ ރޯޔަލް ހައި ކޯޓުން ބުނެފައިވެއެވެ.
މި މަހުގެ ހަތްވަނަ ދުވަހުން ފެށިގެން ހުއްޓުމެއްނެތި އިޒްރޭލުން ގާޒާއަށް ހަމަލާތައް ދެމުން އަންނައިރު އެ ހަމަލާތަކުގައި މިހާތަނަށް ގާޒާއިން 3785 މީހަކު މަރުވެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް