ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ މަސައްކަތް ވީ އެންމެ ބާރަށް ކުރިޔަށްގެންގޮސް، 2024 ވަނަ އަހަރުގެ ހޮލިޑޭ ސީޒަންއަށް އެއަރޕޯޓްގެ މަސައްކަތްތައް ނިންމުމަށް އަމާޒު ހިއްޕަވައި ފައިނެންސަރުންނާއި ކޮންޓްރެކްޓަރުންނާ އެކު މަސައްކަތްކުރައްވާނެކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޑރ. މުއިއްޒު މިހެން ވިދާޅުވީ ޖެނެރަލް މެނޭޖާސް ފޯރަމް 2023 ފެށުމުގެ ޖަލްސާގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ.
މިއަދު މުއިއްޒު ވިދާޅުވީ އެންމެ މުހިއްމު ކަމެއްގެ ގޮތުގައި، ދިވެހީން ދުނިޔޭގައި ހިފަހައްޓަމުން އަންނަ، މާކެޓް ލީޑަޝިޕް ދެމެހެއްޓުމަށް ހުރި ގޮންޖެހުންތައް ދެނެގަނެ، އެކަންކަމާ އެކުވެސް، ދުނިޔޭގެ މައިދާނުގައި ފަތުރުވެރިކަމުގެ އެންމެ އިސް މަޤާމު ދެމެހެއްޓުމަށް މަސައްކަތްކުރުންޖެހޭ ކަމަށެވެ.
މިއަދުވެސް ފަތުރުވެރިކަމުގެ ސަބަބުން އެތައް ޢާއިލާތަކެއްގެ ދިރިއުޅުން އުފުލައިދީފައިވާކަން ފާހަގަކުރެއްވިއެވެ. މިއާ އެކުއެކީ، ފަތުރުވެރިކަމުގެ ފައިދާ ބެހިގެންދިޔުން ފުޅާކޮށް، ޞިނާޢަތަކީ ކޮންމެ ދިވެއްސަކަށް ފައިދާކުރަނިވި ޞިނާޢަތަކަށް ހެއްދެވުމަށް އުއްމީދުކުރައްވާކަމަށް ވިދާޅުވިއެވެ. މި ގޮތުން، މުވައްޒަފުންގެ ދުޅަހެޔޮކަން ކަށަވަރުކުރުމަށް އިސްކަންދެއްވުމާއި މަސައްކަތާ އެކަށޭނަ ރަނގަޅު މުސާރައެއްގެ ކަށަވަރުކަމާއި މުވައްޒަފުންގެ އާއިލާތަކާ އެކު ހޭދަކުރުމަށް ލިބޭ ވަގުތު އިތުރުކުރުމަށް މަސައްކަތްކުރައްވާނެކަމަށް ވިދާޅުވިއެވެ.
ފަތުރުވެރިކަމުގެ މުސްތަޤުބަލު ދިވެހިރާއްޖޭގެ މުސްތަޤުބަލާ ގުޅިލާމެހިފައިވާކަން ފާހަގަކުރައްވަމުން މުއިއްޒު ވިދާޅުވީ ފަތުރުވެރިކަމުގެ ބިންގާއަޅައިދީ މިހާ ހިސާބަށް މުޅި ޞިނާޢަތު ނަގަހައްޓަވައިދެއްވި ފަރާތްތަކުގެ މިންނެތް މަސައްކަތުން ކަމަށެވެ. ހަމަ އެނޭވާގައި އެ ފަރާތްތަކަށް ތަޢުރީފުކުރެއްވިއެވެ.
ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ޢަދަދު 2 މިލިއަނާ ގާތްކޮށްފައިވާ އިރު، މި ކާމިޔާބަށް ވާސިލުވުމުގެ ހިއްސާދާރުންކަމުގައިވާ ފަތުރުވެރިކަމުގެ ދާއިރާގެ ޕައިނިއަރުންނާއި ވުނޭރުންނާއި (އިންވެސްޓަރުންނާއި) އިސް ހިންގުންތެރިންނާއި މަސައްކަތްތެރި މުވައްޒަފުންގެ ޤުރުބާނީ ފާހަގަކުރައްވައި، އެ ހުރިހާ ފަރާތްތަކަށް ޝުކުރުއަދާކުރެއްވިއެވެ. އަދި ފަތުރުވެރިކަމުގެ ޞިނާޢަތަކީ ދިވެހީންގެ އިޖުތިމާޢީ ކުރިއެރުމާ ގުޅިލާމެހިފައިވާ، އަދި އޭގެ އަސަރުތައް ދިވެހީންގެ ކުރިއެރުމުގެ ކޮންމެ ދިމާލަކަށް އަސަރުކުރުވާ އެންމެ މުހިންމު އެއް ޞިނާޢަތްކަމަށް ވިދާޅުވިއެވެ.
މިއަދުވެސް ފަތުރުވެރިކަމުގެ ސަބަބުން އެތައް ޢާއިލާތަކެއްގެ ދިރިއުޅުން އުފުލައިދީފައިވާކަން ފާހަގަކުރައްވަމުން ޑރ. މުއިއްޒު ވިދާޅުވީ މިއާ އެކުއެކީ، ފަތުރުވެރިކަމުގެ ފައިދާ ބެހިގެންދިޔުން ފުޅާކޮށް، ޞިނާޢަތަކީ ކޮންމެ ދިވެއްސަކަށް ފައިދާކުރަނިވި ޞިނާޢަތަކަށް ހެއްދެވުމަށް އުއްމީދުކުރައްވާކަމަށް ވިދާޅުވިއެވެ. މި ގޮތުން، މުވައްޒަފުންގެ ދުޅަހެޔޮކަން ކަށަވަރުކުރުމަށް އިސްކަންދެއްވުމާއި މަސައްކަތާ އެކަށޭނަ ރަނގަޅު މުސާރައެއްގެ ކަށަވަރުކަމާއި މުވައްޒަފުންގެ އާއިލާތަކާ އެކު ހޭދަކުރުމަށް ލިބޭ ވަގުތު އިތުރުކުރުމަށް މަސައްކަތްކުރައްވާނެކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން، ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުންނަށް ޚާއްސަ ރިޓަޔަރމަންޓް ސްކީމެއް ތަޢާރަފްކުރެއްވުމަށާއި އެ ފަރާތްތަކަށް ޚާއްސަ ސޯޝަލް ހައުސިން ސްކީމެއް ތަޢާރަފްކުރުމަށް ވެވަޑައިގެންފައިވާ ވަޢުދު ތަކުރާރުކުރެއްވިއެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާގެ ހިންގުމުގެ އިސް މަޤާމުތައް ދިވެހީންނަށް ފަހިކޮށްދިނުމަށް ކުރެވެން ހުރި މަސައްކަތްތަކަށް ސަމާލުކަންދެއްވާނެކަމަށް ވިދާޅުވިއެވެ.
ފަތުރުވެރިކަމުގައި އަންހެނުންގެ ބައިވެރިވުން ފުޅާކުރުމަށް ޤާނޫނީ އޮނިގަނޑުތަކުގެ ތެރެއިން ގެންނަޖެހޭ ބަދަލުތައްގެނެސް، ހަމަހަމަ އުޖޫރު ލިބިދެވޭކަން ޔަގީންކޮށް، ފަތުރުވެރިކަމުގައި އަންހެނުންގެ ދައުރާއި ބައިވެރިވުން އިތުރުކުރުމަށް ޚާއްސަ ސަމާލުކަމެއްދެއްވާނެކަމަށް ވިދާޅުވިއެވެ. އަދި
ފަތުރުވެރިކަމުގެ ފައިދާ ސީދާ ގޮތެއްގައި ޒުވާނުންނަށް ފައިދާވާނެ މަގަށް ސިޔާސަތުތައް ބައްޓަންކުރުމަށް އުއްމީދުކުރައްވާކަމަށާއި، އެ މަގަށް ޞިނާޢަތުގެ ހުރިހާ ޙިއްސާދާރުންވެސް މަސައްކަތްކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ.
މީގެ އިތުރުން ދިވެހި އިޤްތިޞާދު ސިންދަފާތުކުރުމުގެ (ޑައިވަރސިފައިކުރުމުގެ) އިތުރަށް ފަތުރުވެރިކަމުގެ ޞިނާޢަތުވެސް ސިންދަފާތުކުރުމަށް މަސައްކަތްކުރަންޖެހޭކަން ފާހަގަކުރެއްވިއެވެ. އަދި އެންމެ މުހިއްމު ކަމެއްގެ ގޮތުގައި، ދިވެހީން ދުނިޔޭގައި ހިފަހައްޓަމުން އަންނަ، މާކެޓް ލީޑަޝިޕް ދެމެހެއްޓުމަށް ހުރި ގޮންޖެހުންތައް ދެނެގަނެ، އެކަންކަމާ އެކުވެސް، ދުނިޔޭގެ މައިދާނުގައި ފަތުރުވެރިކަމުގެ އެންމެ އިސް މަޤާމު ދެމެހެއްޓުމަށް މަސައްކަތްކުރުންޖެހޭކަން ފާހަގަކުރެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް