ދިރާގު މޯލްޑިވްސް ރޯޑް ރޭސް (ޑީ.އެމް.އާރް.އާރް) ގެ ކޯޗިންގ ޕާޓްނަރެއް ކަމަށްވާ ސާއިދު ސްޕޯޓްސްއާއެކު ކުޑަކުދިންނަށް ޚާއްސަ ރަނިންގ ކްލިނިކެއް ބޭއްވުމަށް ދިރާގުން ނިންމައިފިއެވެ.
ޑީ.އެމް.އާރް.އާރްގެ 13 އަހަރުން ދަށް އަދި 13 އަހަރުން މަތީގެ ސްކޫލް 5K ކެޓެގަރީގެ ދަރިވަރުންނަށް އަމާޒުކޮށްގެން ބާއްވާ މި ރަނިންގ ކްލިނިކް ކުރިއަށް ދާނީ އަންނަ އާދީއްތަ ދުވަހު ހަވީރު 4:30 އިން 5:45 އަށް މާލޭ ރަނިން ޓްރެކްގައި ކަމަށް ދިރާގުން ބުނެފައިވެއެވެ.
އަދި މި ރަނިންގ ކްލިނިކްގައި ބައިވެރިވުމަށް ޝައުގުވެރިވާ ދަރިވަރުންނަށް މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެ ކަމަށް ދިރާގުން ހާމަކުރައްވާފައިވެއެވެ.
ދިރާގުން ބުނީ މި ރަނިންގ ކްލިނިކުން ދަރިވަރުންނަށް ސާއިދު ސްޕޯޓްސް އާއި ދިރާގު ބްރޭންޑް އެމްބެސެޑަރ އަދި ރާއްޖޭގެ އެންމެ ހަލުވި ދުވުންތެރިޔާ ކަމަށްވާ ހަސަން ސާއިދުގެ ފަރާތުން ކޯޗިންގ އިރުޝާދު ލިބޭނެ ކަމެވެ.
މީގެ އިތުރަށް، ޑީ.އެމް.އާރް.އާރް 2023 ގެ މެޑިކަލް ޕާޓްނަރ، ޓްރީ ޓޮޕް ހޮސްޕިޓަލްގެ ޚާއްސަ ސެގްމަންޓެއްވެސް ކުރިއަށްދާނެ ކަމަށް ދިރާގުން ބުނެއެވެ. އެގޮތުން އެ ހޮސްޕިޓަލްގެ ޑރ. އިބްރާހިމް އިޔާޒު ދުވުމާއި ސިއްހަތާ ގުޅޭ ގޮތުން ތަފާތު ޓިޕްސް ބައިވެރިންނަށް ކިޔައިދޭނެއެވެ.
ދިވެހިރާއްޖޭގައި ބާއްވާ އެންމެ ބޮޑު ދުވުންކަމަށްވާ ދިރާގު މޯލްޑިވްސް ރޯޑް ރޭސް ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހު 27 ވާ ހުކުރު ދުވަހު ހުޅުމާލެ ސެންޓްރަލް ޕާރކްގައި ކަމަށް ދިރާގުން ބުނެއެވެ.
4000 އަށް ވުރެ ގިނަ ބައިވެރިންނާއެކު މި އަހަރުގެ ރޯޑް ރޭހުގައި ފުރަތަމަ ފަހަރަށް ހާފް މެރަތަންއަށް ދުވުމުގެ ފުރުސަތުވެސް ދުވުންތެރިންނަށް ލިބިގެންދާނެ ކަމަށާއި އެހެން އަހަރުތަކެކޭ އެއްފަދައިން5K އަދި 10K ދުވުންވެސް އޮންނާނެ ކަމަށް އެ ކުންފުނިން ވަނީ ފާހަގަކުރައްވާފައެވެ.
ޑީ.އެމް.އާރް.އާރް އަކީ ދިވެހިރާއްޖޭގައި ބާއްވާ ފުރަތަމަ އަދި ހަމައެކަނި ބައިނަލްއަޤްވާމީ ދުވުމެވެ.
އަދި މިއީ ވަރލްޑް އެތުލެޓިކްސް ސަރޓިފައިޑް ރޭސް ރޫޓަކާއެކު އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރަތަންސް އެންޑް ޑިސްޓަންސް ރޭސަސް (އެއިމްސް) ވަރލްޑް ރަނިންގ ކަލަންޑަރުގައި ލިސްޓުކޮށްފައިވާ ދުވުމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް