އިޒްރޭލުން ގާޒާއަށް ދެމުން އަންނަ ހަމަލާތަކުގައި ގާޒާގެ އެއް މިލިޔަން ރައްޔިތުން މަގުމަތިވެ ވިއްސިވިހާލިވެފައިވާކަމުގައި އދ އިން ބުނެފިއެވެ.
އދ އިން ބުނެފައިވާގޮތުގައި އެ އެއް މިލިޔަން މީހުންގެ ތެރެއިން 352،000 މީހުން އަންނަނީ ގާޒާގައި އދ ގެ ރިލީފް އެންޑް ވޯކް އޭޖެންސީން ހިންގަމުން އަންނަ ހިޔާވަހި ސްކޫލުތަކަށް ގޮސްފައެވެ.
އެއް މިލިޔަން މީހުން މަގުމަތިވެފައިވާއިރު އެއީ މުޅި ގާޒާގެ އާބާދީއަށް ބަލާއިރު ގާތްގަނޑަކަށް ދެބައިކުޅަ އެއްބައިގެ އާބާދީއެކެވެ.
މިމަހުގެ ހަތްވަނަ ދުވަހުން ފެށިގެން އިޒްރޭލުން ގާޒާއަށް ހުއްޓުމެއްނެތި ހަމަލާތައް ދެމުން އަންނައިރު ގާޒާ ވަނީ ޒަރޫރި އިންސާނީ އެހީއަށް ވަރަށް ބޮޑަށް ބޭނުންވެފައެވެ. އެގޮތުން ފެނާއި ތެލާއި ކާބޯތަކެއްޗަށް އިންތިހާއަށް ބޭނުންޖެހިފައިވާކަން އދ އިން އަދި ކަމާބެހޭ އެހެން ފަރާތްތަކުން އަންނަނީ މެދުނުކެނޑި ފާހަގަކުރަމުންނެވެ.
އެހެން ނަމަވެސް މިހާރު ހުރިހާ ބޯޑަރު ގޭޓެއްގެ ކޮންޓްރޯލުވެސް އޮތީ އިޒްރޭލުގެ އަތުގައިކަމުން އިންސާނީ އެހީ ގާޒާއަށް އެތެރެވުން ވަނީ މުސްތަހީލު ކަމަކަށް ވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް