އަނެއްކާވެސް އެމެރިކާގެ ވީޓޯ ބާރުގައި ހަނގުރާމަ މެދުކަނޑާލުމާއި އިންސާނީ އެހީ އެތެރެވުން ހުއްޓުމަކަށް !

އިޒްރޭލުން ފަލަސްތީނުގެ ގާޒާއަށް ދެމުން އަންނަ ހަމަލާތައް ވަގުތީގޮތުން ހުއްޓާލައި އިންސާނީ އެހީ ގާޒާއަށް ލިބޭނެ ފުރުސަތު ފަހިކޮށްދިނުމަށް ގޮވާލައި ބްރެޒިލް އިސްވެ އޮވެ އދ ގެ ސެކިއުރިޓީ ކައުންސިލަށް ހު...

19 Oct 2023 | 02:19

އިޒްރޭލުން ފަލަސްތީނުގެ ގާޒާއަށް ދެމުން އަންނަ ހަމަލާތައް ވަގުތީގޮތުން ހުއްޓާލައި އިންސާނީ އެހީ ގާޒާއަށް ލިބޭނެ ފުރުސަތު ފަހިކޮށްދިނުމަށް ގޮވާލައި ބްރެޒިލް އިސްވެ އޮވެ އދ ގެ ސެކިއުރިޓީ ކައުންސިލަށް ހުށަހެޅި މައްސަލަވެސް އެމެރިކާގެ ބާރުގައި ބޭރުކޮށްލައިފިއެވެ.

މި މައްސަލައިގާ އެމެރިކާއިން ވަނީ އެ މީހުންގެ ވީޓޯ ބާރު އަނެއްކާވެސް ބޭނުންކޮށްފައެވެ.

ބްރެޒިލް އިސްވެ ހުށަހެޅި ހުށަހެޅުމުގައި އޮތީ ހަނގުރާމަ މެދުކަނޑާލައި އިންސާނީ އެހީ ގާޒާއަށް އެތެރެކުރުމުގެ ފުރުސަތު ދިނުމަށެވެ.

އދ ގެ ސެކިއުރިޓީ ކައުންސިލުގައި ހިމެނޭ 15 މެންބަރު ގައުމުގެ ތެރެއިން 12 ގައުމުން އެ ހުށަހެޅުމާ އެއްކޮޅަށް ވޯޓު ދިނެވެ. ރަޝިޔާ އަދި އިނގިރޭސިވިލާތުން އެ ވޯޓުގައި ބައިވެރިވެފައެއް ނުވެއެވެ. އާއްމު އުސޫލުން ބަލާނަމަ އެ ހުށަހެޅުން ފާސްވާން ބޭނުންވާ ނުވަ ވޯޓަށްވުރެ އިތުރަށް ތިން ވޯޓު ލިބުނު ނަމަވެސް އެމެރިކާއިން ވަނީ އެމީހުންގެ ވީޓޯ ބާރު ބޭނުންކޮށް އެ ހުށަހެޅުން ބޭކާރުކޮށްލާފައެވެ.

ވީޓޯ ބާރަކީ ސެކިއުރިޓީ ކައުންސިލްގެ ދާއިމީ ފަސް މެންބަރު ގައުމު ކަމުގައިވާ ރަޝިޔާ، ޗައިނާ، ފްރާންސް، އިނގިރޭސިވިލާތް އަދި އެމެރިކާއަށް ލިބިގެންވާ ނުރައްކާތެރި ބާރެކެވެ.

އާންމު އުސޫލުން ބަލާނަމަ އެ ކައުންސިލުގައި ހުށަހެޅުމެއް ފާސްވާން ބޭނުންވާނީ 15 ވޯޓުގެ ތެރެއިން ނުވަ ވޯޓެވެ. އެހެން ނަމަވެސް ދާއިމީ ފަސް ގައުމުން ކުރެ އެންމެ ގައުމަކުން އެ ހުށަހެޅުމާ ދެކޮޅަށް ވީޓޯ ބާރު ބޭނުން ކުރިޔަސް އެ ހުށަހެޅުމެއް ފާހެއް ނުވާނެއެވެ.

އެމެރިކާއިން ބުނެފައިވަނީ ބްރެޒިލްގެ އެ ހުށަހެޅުމުގައި އިޒްރޭލަށް ގައުމު ދިފާއު ކުރުމުގެ ހައްގުގެ ވާހަކަ ހިމަނާފައި ނެތް ކަމަށެވެ.

އިޒްރޭލުން ދެމުން އަންނަ ހަމަލާތަކަށް ފާޅުގައި އެމެރިކާ އަދި އިނގިރޭސިވިލާތުން ވާގިވެރިވަމުން އަންނައިރު އިއްޔެ އެމެރިކާގެ ރައީސް ޖޯ ބައިޑަން އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ބައްދަލުކުރިއެވެ. އަދި އެ ހަނގުރާމަ އިތުރަށް ކުރިއަށް ގެންދިއުމަށް ފެހި ސިގްނަލް ދިނެވެ. އަދި އެހީތެރިކަން ފޯރުކޮށްދޭނެކަމަށްވެސް އެއްބަސް ވިއެވެ.

ބައިޑަންގެ އެދުމުގެ މަތިން އިންސާނީ އެހީ ގާޒާއަށް އެތެރެކުރަން ފުރުސަތުދޭން ނިންމާފައިވާކަން އިޒްރޭލުން އިއްޔެ އިއުލާނުކުރިނަމަވެސް މިއަދުގެ މިވަގުތާ ހަމައަށްވެސް އެ ފުރުސަތު ދީފައެއް ނުވެއެވެ.

އިއްޔެ އިޒްރޭލުން ބުނެފައިވަނީ އެ ފުރުސަތު ދޭނީ މިސްރާއި ވީ ފަޅިން ރަފާ ބޯޑަރު ގޭޓުން ކަމަށެވެ. އިޒްރޭލާއި ވީ ފަޅިން އެއްވެސް އެހީއެއް އެތެރެވުމުގެ ފުރުސަތު ނުދޭނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް