ޒަޔާން މަރުވުމުގެ ކުރިން ހަމަލާދިން މީހުން ބުނެދިން: ފުލުހުން

އައްޑޫ ސިޓީ ފޭދޫ، ސޮލިޑް، އުމުރުން 21 އަހަރުގެ މުހައްމަދު ޒަޔާން މަރުވުމުގެ ކުރިން ހަމަލާދިން މީހުންގެ މައުލޫމާތު ބުނެދިން ކަމަށް ފުލުހުން ބުނެފި އެވެ. ޒަޔާނަށް ތޫނު އެއްޗަކުން ހަމަލާ ދީ ޒަހަމް ކޮށްލީ...

19 Oct 2022 | 16:14

އައްޑޫ ސިޓީ ފޭދޫ، ސޮލިޑް، އުމުރުން 21 އަހަރުގެ މުހައްމަދު ޒަޔާން މަރުވުމުގެ ކުރިން ހަމަލާދިން މީހުންގެ މައުލޫމާތު ބުނެދިން ކަމަށް ފުލުހުން ބުނެފި އެވެ.

ޒަޔާނަށް ތޫނު އެއްޗަކުން ހަމަލާ ދީ ޒަހަމް ކޮށްލީ މިދިޔަ ޖޫން މަހުގެ ދެ ވަނަ ދުވަހުގެ ރޭ ދަންވަރު ގެއަށް ވަންނަނިކޮށެވެ. އޭނާ މަރުވީ އިކުއެޓޯރިއަލް ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށެވެ.

އެ މައްސަލައިގަ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑެތު އެންޑް ހޮމިސައިޑް އިންވެސްޓިގޭޝަން ޔުނިޓްގެ ހެޑް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ސާމިހް ވިދާޅުވީ ހަމަލާގެ ރިޕޯޓު ފުލުހުންނަށް ރިޕޯޓު ކުރީ ޒަޔާންގެ އާއިލާއިން ކަމަށެވެ.

ރިޕޯޓު ކުރީ އެރޭ މެންދަމު 3:10 ހާއިރުކަމަށާއި ފުލުހުން ސީނަށް ދިޔައީ 3:16 ހާއިރު ކަމަށް ސާމިހް ވިދާޅުވި އެވެ. އޭރު ޒަޔަން ވާހަކަ ދައްކާކަން ފާހަގަކޮށް ސާމިހު ވިދާޅުވީ ފުލުހުން އޭރު ޒަޔާންއާ ސުވާލުކުރުމުން ހަމަލާ ދިން މީހުންނާ ބެހޭ ގޮތުން މައުލޫމާތުތަކެއް ހިއްސާކޮށް ޒަޔާން ވާހަކަ ދެއްކި ކަމަށެވެ.

ފުލުހުންގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ޒަޔާންއަށް ހަމަލާދިނީ ދުރާލާ ރާވައިގެން އެރޭ އެގޭތެރެއަށް ވަގަށްވަދެ ތިބެގެން ކަމަށެވެ. އަދި އެއީ އޭގެ ދެ ދުވަސް ކުރިން ދެ ގްރޫޕެއް ދެމެދުގައި ހިނގި ހަމަނުޖެހުމެއްގެ ބަދަލު ކަމަށް ބުނެފައިވެ އެވެ.

މީގެ އިތުރުން އިތުރު މަގުސަދެއް ޒަޔާން މަރާލުމުގައި ވާކަން ތަހުގީގަށް އެނގުނު ކަމަށް ފުލުހުން މައުލޫމާތުދެ އެވެ. އެކަމަކު އޭގެ ތަފްސީލެއް ނުދެ އެވެ.

މި މައްސަލައިގައި 18 އަހަރުން ދަށުގެ ހަތަރު ކުދިން ހިމެނޭ ގޮތަށް ޖުމްލަ 11 މީހަކު މިހާރު ހައްޔަރުކޮށްފައިވެ އެވެ. ކުޑަކުދިންގެ ތެރޭގައި ހިިމެނެނީ 15 އަހަރުން ދަށުގެ ދެ ކުއްޖަކާއި 16 އަހަރުގެ ކުއްޖަކާއި 17 އަހަރުގެ ކުއްޖެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް