ޤައުމީ ސަރފިންގ ޓީމުތަކުގެ އޮފިޝަލް ޕާޓްނަރއަކަށް ބީއެމްއެލް!

މޯލްޑިވްސް ސަރފިންގ އެސޯސިއޭޝަން (އެމްއެސްއޭ) އާ އެކު ގައުމީ ސަރފިންގ ޓީމުތަކުގެ އޮފިޝަލް ސްޕޮންސަރަށް ވުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އެއްބަސްވެއްޖެ އެވެ. މިއީ އެބޭންކުން ރާއްޖޭގައި ކުޅިވަ...

19 Oct 2022 | 12:02

މޯލްޑިވްސް ސަރފިންގ އެސޯސިއޭޝަން (އެމްއެސްއޭ) އާ އެކު ގައުމީ ސަރފިންގ ޓީމުތަކުގެ އޮފިޝަލް ސްޕޮންސަރަށް ވުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އެއްބަސްވެއްޖެ އެވެ.

މިއީ އެބޭންކުން ރާއްޖޭގައި ކުޅިވަރު ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ވެވުނު އެއްބަސްވުމެކެވެ.

މި ޕާޓްނަރޝިޕްގެ ދަށުން، ޒުވާން މޮޅު ކުދިންގެ ހުނަރު ޕްރޮމޯޓް ކުރުމަށް އެމްއެސްއޭ އިން ކޮންމެ އަހަރަކު ބޭއްވުމަށް ހަމަޖެހިފައިވާ ނޭޝަނަލް ޖޫނިއަރ ސަރފިންގ ޗެންޕިއަންޝިޕަށް އެހީވުމަށް ވަނީ ހަމަޖެހިފަ އެވެ.

މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ އިންޗާރޖް އަދި އެކްޓިންގ އެމްޑީ ޢާއިޝަތު ނޫރައްދީން ވިދާޅުވީ ބީއެމްއެލް އިސްލާމިކްއާ ގުޅިގެން މޯލްޑިވްސް ސަރފިންގ އެސޯސިއޭޝަން އަށް އެހީތެރިވުމަށް އެއްބަސްވެވޭކަމީ ލިބޭ ފަހުރެއް ކަމަށެވެ. އަދި ރާއްޖޭގެ ރާޅާއެޅުންތެރިންގެ ހުނަރާއި ހޯދަމުންދާ ކާމިޔާބީއަކީ އެންމެންނަށް ވެސް ފާހަގަކޮށްލެވޭކަމެއް ކަމަށެވެ.

"މި ޕާރޓްނަރޝިޕްގެ ދަށުން އަޅުގަނޑުމެން އުންމީދު ކުރަނީ މި ކުޅިވަރު ކުރިއެރުވުމާއި ޒުވާން އެތްލީޓުންގެ ހުވަފެން ހަގީގަތަކަށް ހެދުމުގައި އަޅުގަނޑުމެންގެ އެހީތެރިކަން ލިބިގެންދިއުން." އޭނާ ވިދާޅުވި އެވެ.

ބޭންކް އޮފް މޯލްޑިވްސް އިން ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ވަނީ ގައުމީ ފުޓްބޯޅަ، ސްވިމިންގ ގެ އަދި ޓެނިސް އާއެކު ޕާޓްނަރޝިޕް ގާއިމްކޮށް ފައެވެ.

ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ހިންގަމުންދާ ހަރަކާތްތަކުގެ ތެރެއިން ދާދިފަހުން ބޭންކުން ވަނީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއާ ގުޅިގެން މޮޅު އެތްލީޓުންނަށް ސްޕޯޓްސް ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް