ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ވައުދުފުޅުގައި ހިމެނޭ "ކުޑަގިރި" ޕިކްނިކް އައިލެންޑް އަންނަމަހު ހުޅުވުމަށް މަސައްކަތް ފަށައިފި ކަމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ހާމަކޮށްފި އެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމްއަށް މައުލޫމާތު ދެއްވަމުން އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ވިދާޅުވީ ޕިކްނިކް އައިލެންޑް ހުޅުވުމުގެ ފަހުގެ ތައްޔާރީތައް މިހަރުކުރަމުން އަންނަކަމަށެވެ.
އެގޮތުން ރަށް ފެހި ކުރުމުގެ މަސައްކަތްތައް ޚާއްސަ އިސްކަމެއް ދީގެން ކުރިއަށްގެންދާއިރު، ގަސް އިންދިމުގެ އެކި ކަހަލަ ޕްރޮގްރާމްތައް ވެސް ކުރިއަށް ގެންގޮސް، ޚިދުމަތްތަކާއި ފެސިލިޓީތައް ގާއިމު ކުރުމުގެ 95 އިންސައްތަ މިހާރުނިމިފައިވާކަމަށް އަކްރަމް އާ ހަވާލާދީ ޕީއެސްއެމް އިން ބުނެފައި ވެއެވެ.
އެރަށް ހުޅުވުމަށް ކުރިން ނިންމާފައި އޮތީ މިއަހަރުގެ މިނިވަން ދުވަސް، ޖުލައި 26 ވަނަ ދުވަހު އެވެ. އެހެންނަމަވެސް އެ މުއްދަތު ފަސްކުރީ ރަށަކީ ހިއްކާފައިވާ ރަށަކަށް ވުމާއެކު އެތަން ފެހި ކުރުމުގެ އިތުރު މަސައްކަތްތައް ކުރިއަށްގެންދިއުމަށް ކަމަށް ބުނެއެވެ.
މާލެ ކައިރި ކުޑަގިރި ފަޅުން 8 ހެކްޓަރު ހިއްކައިގެން ކުޑަގިރި ތަރައްޤީ ކުރާއިރުޔ، ރަށާ އިންވެގެން 1.5 ހެކްޓަރުގެ ކުޑަ ފިނޮޅެއް ވެސް ވަނީ ހަދާފަ އެވެ. މިއީ މާލެއިން ލޯންޗުގައި ދިހަވަރަކަށް މިނެޓުން ދެވޭހާ ކައިރީގައި ހަދާފައިވާ ރަށެކެވެ.
މި މަސައްކަތް ދެ ފިޔަވައްސަކަށް ބަހާލައިގެން ސަރުކާރުން ކުރިއަށް ގެންދާއިރު، ފްރަންޓް އޮފީހަކާއި އިންޖީނުގެއާއި މިސްކިތާއި ދަތުރުދާ މީހުން ބޭނުންކުރުމަށް 15 ހަޓް ވެސް ވަނީ ހަދާފަ އެވެ. އަދި އާއްމު ފާޚާނާއެއް ވެސް ހަދާފައި ވެއެވެ.
މީގެއިތުރުން ވޯޓަރ ސްޕޯޓްސްއާއި އެކި ކަހަލަ ކުޅިވަރުތައް ކުޅެވޭނެ އިންތިޒާމްތައް ވެސް ހަމަޖައްސާފައި ވެއެވެ. ރަށުގެ މަސައްކަތް ނިމޭއިރު އެތަނުގައި، ރޭގަނޑު މަޑުކުރެވޭގޮތަށް އެކަމަޑޭޝަން ބޮލޮކްތައް ވެސް ހަދާފައި ވެއެވެ.
ރަށަށް ބޭނުންވާ ކަރަންޓާ ފެނާއި ނަރުދާމާގެ ޚިދުމަތްތައް ވެސް މިހާރު ވަނީ ޤާއިމުކޮށް ނިމިފައިވާިއރު، ޕިކްނިކް އައިލެންގެ މަސައްކަތް ކުރަނީ ސަރުކާރުގެ 5 ކުންފުންޏެއް ގުޅިގެން ނެވެ.
އެގޮތުން ޕިކްނިކް އައިލެންޑްގެ މާސްޓަރ ޕްލޭން ތައްޔާރު ކުރީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނެވެ. ރަށް ތަރައްޤީކުރުމުގެ މަސައްކަތުގައި ދެން ބައިވެރިވަނީ އެމްޓީސީސީ، އެމްޑަބްލިއެސްސީ ފެނަކަ އަދި ސްޓެލްކޯ އެވެ.
މާލެ ކައިރިން ދަތުރުދާނެ ރަށެއް ތަރައްޤީކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ވަޢުދުފުޅެކެވެ. މި ޕްރޮޖެކްޓްގެ ކަންކަމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙު ވަރަށް ގާތުން ބައްލަވަމުންދާ މަސައްކަތެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް