އެއްޖިންސުން ގުޅުން ހިންގާ މީހުންނަށް އަފްގާނުގައި މަރުގެ އަދަބު ދޭން ފަށައިފި

އިސްލާމީ ޝަރީއަތާއި އެއްގޮތަށް ވެރިކަން ކުރާނެކަން އިއުލާނު ކޮށްފައިވާ އަފްގާނިސްތާނުގައި އެއް ޖިންސުން ގުޅުން ހިންގާ މީހުންނަށް މަރުގެ އަދަބު ދޭން ފަށައިފި އެވެ. އެކަން ހާމަވީ މިދިޔަ ހަފްތާތެރޭގައި އ...

19 Oct 2022 | 08:23

އިސްލާމީ ޝަރީއަތާއި އެއްގޮތަށް ވެރިކަން ކުރާނެކަން އިއުލާނު ކޮށްފައިވާ އަފްގާނިސްތާނުގައި އެއް ޖިންސުން ގުޅުން ހިންގާ މީހުންނަށް މަރުގެ އަދަބު ދޭން ފަށައިފި އެވެ.

އެކަން ހާމަވީ މިދިޔަ ހަފްތާތެރޭގައި އެވެ. އަފްގާންގައި ވެރިކަން ކުރާ ތޯލިބާނުން މަރުގެ އަދަބު ދީފައިވާކަން އެނގުނީ އުމުރުން 22 އަހަރުގެ ހާމިދު ސަބޯރީ ކިޔާ މީހަކަށެވެ.

އޭނާ މަރާލީ މިދިޔަ އޮގަސްޓު މަހު ކަމަށްވެ އެވެ. އަދި އޭނާ މަރާލާ މަންޒަރު ވީޑިއޯކޮށް ތޯލިބާނުން ވަނީ އޭގެ ދުވަސްތަކެއް ފަހުން އާއިލާއަށް ފޮނުވާފައި އެވެ. އަދި ވީޑިއޯ މިހާރު ވަނީ އަފްގާނުގައި އެއްޖިންސުން ގުޅުން ހިންގާ މީހުންގެ ގްރޫޕުތަކަށްވެސް ފޮނުވާފައި އެވެ.

ރިޕޯޓުތައް ބުނާގޮތުގައި އެ ވީޑިއޯ ގްރޫޕުތަކަށް ތޯލިބާނުން ފޮނުވުމުގެ މައިގަނޑު ބޭނުނަމީ އަފްގާނިސްތާނުގައި އެއް ޖިންސުން ގުޅުން ހިންގާ މީހުންނަށް އެކަމަށް ފުރުސަތު ނެތްކަން ބުނެދިނުމެވެ. ތޯލިބާނުންގެ މި އަމަލާއި ގުޅިގެން އަފްގާންްގައި އުފައްދާފައި އޮންނަ އެއް ޖިންސުން ގުޅުން ހިންގާ މީހުންގެ ޖަމާއަތުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި އެވެ.

އެމީހުން ބުނީ ކުރީގައި ފާޅުގައި އެއްޖިންސުން ގުޅުން ހިންގުމުގެ ފުރުސަތު ނެތް ނަމަވެސް މިހާ ބޮޑު ބިރުވެރިކަމެއް އެމީހުންނަށް ނެތް ކަމަށެވެ. އަފްގާންގައި ކުރީގެ ރައީސް އަޝްރަފް ގަނީގެ ވެރިކަމުގައި 2018 ވަނަ އަހަރު ވަނީ އެއްޖިންސުން ގުޅުން ހިންގާ މީހުންނަށް ފަހިވާނުވާނެ ގޮތަށް ގާނޫނެއް ފާސްކޮށްފައި އެވެ.

ތޯލިބާނުން ދެކެ ބިރުން އެ ގައުމުގެ އެއްޖިންސުން ގުޅުން ހިންގާ މީހުން މިހާރު ދަނީ ސޯޝަލް މީޑީއާގައި ހަދާފައިވާ ގްރޫޕުތައް އުވާލައި ސޯޝަލް މީޑިއާވެސް ބޭނުން ކުރުން ހުއްޓާލަމުންނެވެ. އޭގެ ތެރެއިން ގިނަ ބަޔަކު ބޯޑަރު ހުރަސްކޮށް ޕާސްކިތާނާއި ސަރަހައްދުގެ އެހެން ގައުމުތަަކށް އެތެރެވަމުންދާ ކަމަށް ބުނެ އެވެ.

މިކަމާއި ގުޅޭގޮތުން ބައިނަލްއަގުވާމީ މީޑިއާގައި ވާހަކަ ދެއްކި އަފްގާންގެ ކުރީގެ ފަނޑިޔާރަކުވެސް ވިދާޅުވެފައިވާގޮތުގައި ތޯލިބާނުންނާއި ދެކޮޅު ވިޔަސް އެއްޖިންސުން ގުޅުން ހިންގުމަށް އެ ގައުމުގައި ޖާގަ ދެވޭނެ ކަމަށް ގަބޫލު ނުކުރާ ކަމަށެވެ. އެފަދަ މީހުން ޖެހޭނީ ރަޖަމު ކުރަން ކަމަށް ވިދާޅުވެފައިވެ އެވެ.

އެހެންވެ މިފަދަ މީހުންނަށް ކުރީގެ މަތީ ފަންތީގެ މީހުންގެ އެއްބާރުލުންވެސް އެ ގައުމުގައި ނުލިބެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް