މިޔަންމާގެ ރޮހިންގާ ދަރިކޮޅުގެ މުސްލިމުންނާއި ދެކޮޅަށް ލާއިންސާނީ އަމަލުތައް ހިންގާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެންނަން ޖެހޭކަމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ނެރުނު ބަޔާނެއްގައި ބުނެފިއެެވެ.
އީޔޫގެ ހާރިޖީ ވަޒީރުން ނެރުނު މި ބަޔާނުގައި ބުނެފައިވަނީ ނުހައްގު ބާރު ބޭނުންކޮށްފައިވާކަމުގެ ތުހުމަތުތަކާއި ގުޅިގެން މިޔަންމާގެ ހުރިހާ އިސް ލީޑަރުންނަށް ޔޫރަޕަށް އައުމަށް ދޭ ދައުވަތުތައް ވަގުތީ ގޮތުން މެދުކަނޑާލައި، މިޔަންމާއާއެކު އޮންނަ ހުރިހާ އަޝްކަރީ ގުޅުމެއް އަލުން މުރާޖާ ކުރަން ނިންމާފައިވާކަމަށެވެ.
މި ބަޔާނުގައި ބުނެފައިވަނީ މިޔަންމާގައި ކުޑަކުދިންނަށް އަނިޔާދިނުންފަދަ ނުރައްކާތެރި ލާއިންސާނީ އަމަލުތައް ހިންގަމުންދާ ކަމުގެ މައުލޫމާތު އިތުބާރު ހުރި މަސްދަރުތަކުން ލިބޭކަމަށާއި މިކަން ވަރަށް ރަނގަޅަށް ތަހުގީގު ކުރަން ޖެހޭ ކަމަށެވެ.
ނިމިގެން ދިޔަ އޮގަސްޓް މަހުގައި މިޔަންމާގެ އަޝްކަރިއްޔާއިން ހިންގަންފެށި އުދުވާނުން ރައްކާތެރިކަން ހޯދުމަށް ބައި މިލިޔަނަށްވުރެ ގިނަ ރޮހިންގާ ރައްޔިތުން ވަނީ އެގައުމު ދޫކޮށް ބަންގްލަދޭޝްއަށް ހިޖުރަކޮށްފައެވެ. އދ އިން ބުނެފައިވަނީ ބަންގްލަދޭޝްގައި ތިބި ރޮހިންގާ ރެފިޔުޖީންނަށް އަސާސީ ހިދުމަތްތައް ހޯދައިދިނުމުގައި ގިނަ ގޮންޖެހުންތަކެއް އެބަހުރިކަމަށާއި ރޮހިންގާ ރެފިޔުޖީންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި މުޅި ބައިނަލަގްވާމީ މުޖުތަމައުގެ އެހީ ބޭނުންވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް