ރައީސް ޔާމީންގެ އިތުބާރު ނެތް މައްސަލަ ވައްދައިފިނަމަ އެބަޔަކު ލަދުގަންނަވާލާނަން: އަދުރޭ

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވައްދައިފިނަމަ އެކަން ކުރި ބަޔަކު ލަދުގަންނަވާލާނެ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ރައް...

19 Oct 2015 | 04:30

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވައްދައިފިނަމަ އެކަން ކުރި ބަޔަކު ލަދުގަންނަވާލާނެ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގައި ފޮނަދޫ ދާއިރާ ތަމްސީލު ކުރައްވާ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.

އަދުރޭ މިހެން ވިދާޅުވީ ރޭ ޓީވީއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"ރައީސްގެ މައްޗަށް އިތުބާރު ނެތް މައްސަލައެއް ހުށަހެޅިދާނެ، ނަމަވެސް އެކަން ކުރާ ބަޔަކު ލަދުގަތުން ފިޔަވާ އިތުރު ކަމެއް ނުވާނެ" އަދުރޭ ވިދާޅުވި އެވެ.

އެ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން އަދުރޭ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވެއްދި ނަމަވެސް އެފަދަ ވޯޓެއް ކާމިޔާބު ނުކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އަދި ޕީޕީއެމްގެ ޕީޖީ ގްރޫޕް އޮތީ ވަރަށް ބަދަހި ގުޅުމަކުން ގުޅިފައި ކަމަށާއި އެ ގުޅުން ބައިބައި ނުކުރެވޭނެ ކަމަށްވެސް އަދުރޭ ވިދާޅުވި އެވެ.

" މަޖިލީހުގައި ރައީސުލްޖުމްހޫރިއްޔާގެ ދިފާއުގައި ނިކުންނަން ތިބީ ހަމައެކަނި ޕީޕީއެމްގެ މަޖިލިސް މެންބަރުން ނޫން، އެމްޑީއޭ އާއި ޖުމްހޫރީ ޕާޓީގެ މެންބަރުން ވެސް ޕީޕީއެމްގެ މެންބަރުންނާއި އެކު" އަދުރޭ ވިދާޅުވި އެވެ.

މެމްބަރު އަދުރޭ އިތުރަށް ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވެސް ގެންދަވަނީ މިހާދިސާ އާއި ގުޅިގެން ސަރުކާރަށް ވަރަށް ބޮޑަށް އެއްބާރުލުން ދެއްވަމުން ކަމަށާއި ގާސިމް އިބްރާހީމް ހުންނެވީ މިކަމުގައި ސަރުކާރަށް ފޯރުކޮށްދެއްވެން އޮތް ކޮންމެ އެހީތެރިކަމެއް ފޯރުކޮށްދެއްވަން ތައްޔާރަށް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް