ދޫމް 4 ކުޅުމަށް ބޮލީވުޑް މެގަ ސްޓާ އަމީތާބު ބަޗަން އާއި ރިތިކް ރޯޝަން ސޮއިކޮށްފައިވާކަމަށްބުނެ ދައުރުވަމުން އަންނަ ރިޕޯޓްތައް އެ ފިލްމުގެ ޑައިރެކްޓަރު ވިޖޭ ކްރިޝްނާ އަޗާރްޔާ، ދޮގުކޮށްފި އެވެ.
އޭނާ ބުނީ އެ ފިލްމުގައި އެކްޓް ކުރަން އަދި އެއްވެސް މީހަކު ލައްވާ ސޮއިކޮށްފައި ނުވާ ކަމަށާއި އެފަދަ ޕްލޭނެއް އަދި ނުގެންގުޅޭ ކަމަށެވެ.
އޭނާ އިތުރަށް ބުނެފައިވަނީ ދޫމް 4ގެ ވާހަކަ ދައްކަން އަދި މާ އަވަސް ކަމަށާއި އެހެންނަމަވެސް ވަރަށް އަވަހަށް އެ ފިލްމުގެ ވާހަކަ ރަސްމީކޮށް އިއުލާނު ކުރާނެ ކަމަށެވެ. އަދި ފިލްމުގައި ހަރަކާތްތެރިވާނެ ތަރިން ކަށަވަރުވާނީ އެއަށް ފަހުގައި ކަމަށްވެސް ޑައިރެކްޓަރު ވަނީ ބުނެފަ އެވެ.
ދޫމްގެ ތިން ފިލްމު މިހާތަނަށް ނެރެފައިވާއިރު ދޫމް އެކެއްގައި ބޮޑެތި ރޯލުތައް ކުޅެފައިވަނީ އަބީޝޭކް ބަޗަން އާއި އުދޭ ޗޯޕްރާ އާއި ޖޯން އަބްރަހަމްގެ އިތުރުން އިޝާ ޑިއޯލް އެވެ. ދޫމް ދޭއްގައި ރިތިކް ރޯޝަން، އަބީޝޭކް ބަޗަން، އައިޝްވާރްޔާ ރާއި އަދި ބިޕާސާ ބާސޫ، ލީޑް ރޯލްތައް ކުޅެފައިވާއިރު ދޫމް ތިނެއްގައި ލީޑް ރޯލްތައް ކުޅެފައިވަނީ އާމިރު ޚާން އާއި ކަތްރީނާ ކެއިފް ގެ އިތުރުން އަބީޝޭކް ބަޗަން އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް