ޒިނޭކުރި އަންހެނަކު ރަޖަމް ކުރުމަށް ގއ ގެމަނަފުށީ ކޯޓުން އިއްޔެ ހުކުމް ކޮށްފައިވާއިރު އެ ހުކުމް ކުރި ފަނޑިޔާރުގެ ހިތްވަރަށް އައްސަރިބަހާ ސާބަސް ރައްދު ކުރާ ކަމަށް ޑރ. މުހައްމަދު އިޔާޒު އަބްދުއްލަތީފް ވިދާޅުވެއްޖެ އެވެ.
އިޔާޒު މިހެން ވިދާޅުވީ އިއްޔެ ކުރި ހުކުމާއި ބެހޭގޮތުން އިޔާޒުގެ ފޭސްބުކް ޕޭޖްގައި ލިޔެފައިވާ ސްޓޭޓަސްއެއްގަ އެވެ.
އެ ހުކުމާއި ގުޅިގެން އެކި ފަރާތްތަކުން ވާހަކަ ދައްކަމުންދާތީ އިޔާޒުގެ ޕޭޖުގައި ލިޔެފައިވާ ސްޓޭޓަސްގައި ބުނެފައިވަނީ މުހްސަނަކު (ކައިވެންޏެއްގެ ރަހަ ލިބިފައިވާ މީހާ) ޒިނޭ ކޮށްފިނަމަ އެކަމުގެ ހުކުމަކީ ރަޖަމް ކުރުން ކަމަށެވެ.
"މިއީ އިލްމުވެރިންގެ މެދުގައި އިހްތިލާފު އޮތް މައްސަލައެއް ނޫނެ، މިއީ ޤުރުޢާން އާއި ސުންނަތުން ސާބިތުވާން އޮތް ހުކުމް، ވީމާ އެ ހުކުމް ކުރެއްވި ފަނޑިޔާރުގެ ހިތްވަރަށް އައްސަރިބަހާ ސާބަސް ރައްދުކުރަން" އިޔާޒުގެ ޕޭޖުގައި ބުނެފައި ވެ އެވެ.
miadhu GA. Gemanafushi court in ivvi rajam kurumuge hukumaai gulhigen eki beyfulhun eki vaahaka dhakkavamun... Posted by Dr. Muhammad Iyaz Abdul Latheef on Sunday, October 18, 2015
އެ ސްޓޭޓަސްގައި އިތުރަށް ބުނެފައިވަނީ ﷲ އެންގެވި ގޮތަށް ހުކުމް ނުކުރެވޭނަމަ މަގާމުގައި ދެމި ހުރުމުގެ ބޭނުމެއް ނެތް ކަމަށާއި ﷲ އަށް ތަޤްވާވެރި ވެއްޖެ މީހަކު ހީވެސް ނުކުރާ ފަދަ ގޮތަށް މާތް ﷲ މަގު ދައްކަވާނެކަން ކީރިތި ޤުރުޢާނުގައި އަންގަވާފައި ވާކަމަށެވެ. އެހެންކަމުން ވަޒީފާ ގެއްލިދާނެ ކަމުގެ ބިރެއް ގަންނަން ނުޖެހޭ ކަމަށާއި އަދުލު އިންސާފު ގާއިމުވާނީ ﷲ ބާވާލެއްވި ހުކުމްތައް ޤާއިމްކޮށްގެން ކަމަށްވެސް އިޔާޒުގު ޕޭޖްގެ ސްޓޭޓަސްގައި ބުނެފައި ވެ އެވެ.
ޑރ. އިޔާޒު މިހެން ވިދާޅުވެފައިވާއިރު ގއ. ގެމަނަފުށީ، އޯޝަންރީޑް، އައިޝަތު ލަތީފާ ރަޖަމު ކުރަން ގެމަނަފުށީ ކޯޓުން އިއްޔެ ކުރި ހުކުމް ސުޕްރީމް ކޯޓުން ވަނީ ރޭގެ ވަގުތެއްގައި ބާތިލުކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް