އާދީއްތަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި އައިއެސް ޖަމާއަތަށް އަމާޒުކޮށް ދިން ވައިގެ ހަމަލާއެއްގައި އެ ޖަމާއަތުގެ 40 މީހަކު މަރުވެފައިވާކަމަށް ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަންރައިޓްސް(އެސްއޯއެޗް) އިން ބުނެފި އެވެ.
އިނގިރޭސިވިލާތަށް ނިސްބަތްވާ އެސްއޯއެޗް އިން ބުނެފައިވަނީ އެ ހަމަލާ ދީފައިވަނީ އިރާގުގެ ރައްގާއިން ސީރިޔާގެ ހަމާ ޕްރޮވިންސަށް ދަތުރު ކުރަމުންދިޔަ އައިއެސްގެ ވަފުދަކަށް އަމާޒުކޮށް ކަމަށެވެ. އަދި އެ ވަފުދުގައި ހިމެނޭ 16 ވެހިކަލަކަށް ހަމަލާ ދީފައިވާއިރު ހަމަލާ ދިނީ ރަޝިޔާގެ ހަނގުރާމަވެރިންކަމެއް ނުވަތަ ސީރިޔާ ސަރުކާރަށް ނިސްބަތްވާ ހަނގުރާމަވެރިންކަމެއް ބުނަން ނޭނގޭ ކަމަށް އެސްއޯއެޗް އިން ބުނެފައި ވެ އެވެ.
ސީރިޔާގެ ހަމާ ސަރަހައްދަކީ އާންމުގޮތެއްގައި ސީރިޔާ ސިފައިންގެ ހަމަލާތައް އަމާޒުވާ ސަރަހައްދެއް ނަމަވެސް ސީރިޔާގެ ރައީސް ބައްސާރުލް އަސަދަށް ވާގިވެރިވުމަށް ރަޝިޔާއިން އައިއެސްއާ ދެކޮޅަށް ހަމަލާދެމުން އަންނައިރު ރަޝިޔާއިން އަންނަނީ އިރާގާއި ސީރިޔާގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށް ހަމަލާތައް ދެމުންނެވެ.
ސީރިޔާގެ ދާހިލީ ހަނގުރާމައިގެ ތެރެއަށް ރަޝިޔާއިން ވަދެ އައިއެސްއާއި ދެކޮޅަށް ރަޝިޔާގެ ހަމަލާތައް ދޭން ފަށާފައިވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް