ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލައި ދިން ހަމަލާގެ ޒިންމާ ނަގަންޖެހޭނީ ސިފައިން ކަމަށް ރައްޔިތުންގެ މަޖިލީހުގައި ތިމަރަފުށީ ދާއިރާ ތަމްސީލު ކުރައްވަމުން ގެންދަވާ މެމްބަރު، މުހައްމަދު މުސްތަފާ(ތިމަރަފުށީ މުސްތަފާ) ވިދާޅުވެއްޖެ އެވެ.
މުސްތަފާ މިހެން ވިދާޅުވީ ރޭ ސަންގު ޓީވީގެ "ހަބަރަށްފަހު" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މުސްތަފާ ވިދާޅުވީ އެ ހަމަލާއަކީ ހަމައެކަނި ރައީސް ޔާމީނަށް އެކަނި ދިން ހަމަލާއެއް ނޫން ކަމަށާއި އެ ހަމަލާއަކީ ކުރިއަށް އަންނަން ތިއްބެވި ރައީސުންނަށް ވެސް އަމާޒުކުރެވުނު ހަމަލާއެއް ކަމަށެވެ. އަދި މި ހާދިސާ ހިނގަން މެދުވެރިވީ ސިފައިންނާއި، ޚާއްސަކޮށް ރައީސްގެ ސެކިޔުރިޓީ ބަލަހައްޓަން ތިބި ފަރާތްތަކުގެ އިހުމާލުންކަމަށް މުސްތަފާ ވިދާޅުވި އެވެ.
" ސަރުކާރު ހިންގާ ކޯލީޝަން ބަލިކަށިވެފައެއް ނުވޭ، މި ހާދިސާގެ ފަހުން ކޯލިޝަން ކުރިއަށްވުރެ މާ ވަރުގަދަ، ކޯލީޝަންގެ ހުރިހައި ބައިވެރިން އަންނަނީ ރައީސަށް ހަމްދަރުދީ ފާޅުކޮށް ހިތާމައިގާ ބައިވެރިވަމުން" މުސްތަފާ ވިދާޅުވި އެވެ.
މުސްތަފާ އިތުރަށް ވިދާޅުވީ ރާއްޖޭގައި ހިނގާ ހުރިހާ ނުބައިކަމެއްގެ ޒިންމާ ނައިބް ރައީސްގެ އިސްތަށިފުޅުގައި އަޅުވަމުން ގެންދާކަމަށާއި އެހެން ނަމަވެސް ރައީސް އާއި ނައިބް ރައީސާ ދެމެދު އެއްވެސް ނުތަނަވަސްކަމެއް ނެތް ކަމަށެވެ. އަދި ނައިބްރައީސް މިހާރުވެސް ހުންނެވީ ސަރުކާރުގެ ރަސްމީ ދަތުރުފުޅެއްގައި ކަމަށާއި، މި ދަތުރުފުޅަކީ ރައީސް އާއި ނައިބް ރައީސްގެ ދެމެދުގައި އޮތް ނުތަނަވަސްކަން ފޮރުވުމަށް ދައްކާ ދަޅައެއް ކަމަށް ބުނާމީހުންގެ ވާހަކައަކީ ދޮގެއް ކަމަށްވެސް މުސްތަފާ ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް