ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮވި ހާދިސާއަކީ އިދިކޮޅު ސިޔާސީ ފަރާތްތަކަށް ހަޖަމު ނުވެގެން ދިން ހަމަލާއެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެމްބަރު އަލީ އަލީ އާރިފު ވިދާޅުވެއްޖެ އެވެ.
އެމްޕީ އަލީ އާރިފް މިހެން ވިދާޅުވީ ރޭ ޓީވީއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ. އޭނާ ވިދާޅުވީ ވިދާޅުވީ ރައީސް ޔާމީނަށް ދިން ހަމަލާއަކީ ރާއްޖޭގެ ތަރައްގީއަށް ހުރަސް އެޅުމަށް ދިން ހަމަލާއެއް ކަމަށެވެ.
"މި ހާދިސާއަކީ ގަސްތުގައި ރާއްޖޭގެ މުސްތަގްބަލް ހަލާކުކޮށްލައި ރައީސް ޔާމީންގެ ވެރިކަމުގައި ރާއްޖެއިން އިޖްތިމާއީ ނަހަމަކަން ނައްތައިލުމަށް ކުރައްވާ މަސައްކަތަށް ހުރަސް އެޅުމަށް ދިން ހަމަލާއެއް" އަލީ އާރިފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިސަރުކާރުން ރާއްޖޭގެ ވެރިކަމަށް އައި ފަހުން އެތައް ތަރައްގީއެއް އައިސްފައި ވާކަމަށާއި ސިއްހީ ދާއިރާއަށްވެސް ކުރި އެރުންތަކެއް އައިސްފައި ވާކަމަށެވެ. ރާއްޖޭގެ 194 ރަށުގައި މީހުން ދިރިއުޅޭއިރު 181 ރަށުގައި ސަރުކާރުން އެސްޓީއޯއާއި ގުޅިގެން ބޭސްފިހާރަ ވެސް ގާއިމްކޮށްފައި ވާކަމަށް ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން އަލީ އާރިފް ވިދާޅުވި އެވެ.
ރޭގެ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ހެލްތް މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވީ ރައީސް ޔާމީނަށް އަމާޒުކޮށްދިން މި ހަމަލާގެ ސަބަބުން ސިއްހީ ދާއިރާއަށް އެއްވެސް ގޮންޖެހުމެއް ކުރިމަތިނުވާ ކަމަށެވެ. އަދި އެއްވެސް ޕްރޮޖެކްޓަކަށް ހުއްޓުމެއްވެސް އައިސްފައި ނުވާ ކަމަށެވެ.
ރިޔާސީ ލޯންޗުކޮޅުގައި ހިނގި ހާދިސާގެ ތުހުމަތު އިދިކޮޅު ސިޔާސީ ފަރާތްތަކުގެ ބޮލުގައި އެމްޕީ އަލީ އާރިފް އަޅުވާފައި ވާއިރު ޕީޕީއެމަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމް (ލޯޔަރު ވައްޑެ) ރޭ ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ އެ ހާދިސާގައި ނައިބުރައީސްގެ އިހުމާލު ވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް