ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާގައި ނައިބު ރައީސް އަހުމަދު އަދީބުގެ އިހުމާލު ވާކަމަށް ޕީޕީއެމްގެ ކައުންސިލް މެމްބަރު އަދި މަޖިލީހުގައި ތުލުސްދޫ ދާއިރާ ތަމްސީލު ކުރައްވާ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް(ލޯޔަރު ވައްޑެ) ވިދާޅުވެއްޖެ އެވެ.
މިއީ މި ހާދިސާގެ ތުހުމަތުގެ އިނގިލި ނައިބު ރައީސަށް ދިއްކުރަން ފެށިފަހުން ޕީޕީއެމްއަށް ނިސްބަތްވާ މެމްބަރަކު ފާޅުގައި މިހެން ބުނި ފުރަތަމަ ފަހަރެވެ. ލޯޔަރު ވައްޑޭ މިހެން ވިދާޅުވީ ރޭ ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ވައްޑޭ ވިދާޅުވީ މި ހާދިސާގައި އިހުމާލު އޮތީ ދިފާއީ ބާރުގައި ތިއްބެވި ބައެއް ބޭފުޅުންގެ ކަމަށާއި އަދި ނައިބު ރައީސްގެ އިހުމާލުވެސް މިކަމުގައި އެބަ އޮތް ކަމަށެވެ.
"އިހުމާލުވި ފަރާތްތަކުނ ޒިންމާއިން ދުރަކަށް ނުދެވޭނެ، އެއީ ބަޔަކު މީހުން ދިރާލާ ރާވައިގެން އަމިއްލަ އެދުމެއް އޮވެގެން ކޮށްފައިވާ ކަމެއް" އެ ހާދިސާ ވަރަށް ބޮޑަށް ކުށްވެރިކޮށް ވާހަކަފުޅު ދައްކަވަމުން ވައްޑޭ ވިދާޅުވި އެވެ.
ވައްޑޭ ވިދާޅުވީ އެއީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ފުރާނަފުޅު ދުއްވާލުމަށްޓަކައި ކޮށްފައިވާ ކަމެއް ކަމަށާއި ރައީސްގެ އިތުރުން ލޯންޗުކޮޅުގައި ތިއްބެވި ހުރިހާ ބޭފުޅުންގެ ފުރާނަ ދުއްވާލުމަކީ ވެސް އެކަން ކުރި ބައެއްގެ އަމާޒެއް ކަމަށެވެ. އަދި އެކަން ރާވާފައި ވަނީ ރައީސްގެ ފުރާނަފުޅު ދިޔުމުން މާބޮޑު ތަހުގީގެއް ނުކުރެވޭނެ ކަމަށް ބަލައިގެން ކަމަށްވެސް ވައްޑޭ ވިދާޅުވި އެވެ.
"އެހެންނަމަވެސް އެމީހުންގެ ރޭވުމަށްވުރެ ﷲ ތައާލާގެ ތަގުދީރު މާ ވަރުގަދަ ވީމާ އަޅުގަނޑުމެންގެ ރާއްޖޭގައި މި މޮޅު ވެރިކަން އޮތުމަށް ﷲ ތައާލާ ލެއްވީމާ މިގޮތަށް އަޅުގަނޑުމެންނަށް ފެނިގެން މި ދިޔައީ،" ވައްޑޭ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ނެތިއްޖެ ހާލަތެއްގައި ވެރިކަން ލިބޭނީ ކާކަށްކަން ގާނޫނު އަސާސީގައި ބަޔާން ކޮށްފައި ވާކަމަށާއި އެ ބޭފުޅަކީ ނައިބު ރައީސް ކަމަށާއި އެއީ ވެރިކަމުގެ ބޭނުމުގައި ކޮށްފައިވާ ކަމެއް ކަމުގައިވާނަމަ ވެރިކަން ލިބޭނީ ކާކަށްތޯވެސް ބަލަންޖެހޭ ކަމަށް ވައްޑޭ ވިދާޅުވިއެވެ.
" އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމް މުހައްމަދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އެފަދަ ހާލަތެއްގައި ވެރިކަން ނުލިބޭނެ" ވައްޑޭ ވިދާޅުވ އެވެ.
ވައްޑޭ އިތުރަށް ވިދާޅުވީ އެކުވެރިއެއްގެ ފަރާތުން ކޮންމެ ވަގުތަކު ކޮންމެ ކަމެއް ވެސް ކުރެވިދާނެ ކަމަށާއި ދުޝްމަނު މީހާއަކީ ކޮންމެތާކު ހުއްޓަސް ދުޝްމަނެއް ކަމަށް ވިސްނައިގެން ރައީސް އުޅުއްވާނެ ކަމަށެވެ. އަދި ހިތް ނުބައި ދުޝްމަނަކަށްވުރެ، ދުޝްމަނު ހަސަދަވެރިއަކަށްވުރެ އެކުވެރިއެއްގެ ގޮތުގައި ހުންނަ ހިތް ނުބައި މީހާ މާ ނުރައްކާތެރިކަން ބޮޑު ވާނެ ކަމަށާއި މިއީ ކޮންމެ މީހަކުވެސް ވިސްނަން ޖެހޭ ކަމެއް ކަމަށްވެސް ވައްޑޭ ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް