ޑރ ޝަހީމަށް ފިޔަވަޅު އަޅައިދެއްވުމަށް އެދި ޑރ އިޔާޒް ރައީސްއަށް ސިޓީއެއް ފޮނުވައިފި!

އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ރަސްމީ ޕޯޑިއަމެއްގައި ދެމަފިރިއެއްގެ ޒާތީ ވާހަކަތައް ދައްކާފައިވާތީ އެކަން ކުށްވެރިކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒަށް ސިޓީއެއް ...

19 Sep 2024 | 11:31

އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ރަސްމީ ޕޯޑިއަމެއްގައި ދެމަފިރިއެއްގެ ޒާތީ ވާހަކަތައް ދައްކާފައިވާތީ އެކަން ކުށްވެރިކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒަށް ސިޓީއެއް ފޮނުއްވައިފިއެވެ.

ހޯމަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އިސްލާމިކް މިނިސްޓްރީން ބޭއްވި ނޫސްކޮންފަރެންސްގައި ޑރ ޝަހީމް ވަނީ ނޫސްވެރިއަކު ކުރި ސުވާލަކާއި ގުޅިގެން ޑރ އިޔާޒް އަދި އިޔާޒް އަނބިކަނބަލުން ޝާދިޔާއާއި ބެހޭގޮތުން ޒާތެއްގެ ވާހަކައެއް ދައްކަވާފައެވެ.

ޝާދިޔާ ވަރިކުރުމަށް ޑރ ޝަހީމް އިޔާޒްއަށް ދެންނެވިންތޯ ސުވާލު ކުރުމުން ޑރ ޝަހީމް ވަނީ އެކަން ނުކުރާ ކަމަށް ވިދާޅުވެފައެވެ. އެހެން ނަމަވެސް ޑރ އިޔާޒް ވިދާޅުވީ ރަސްމީ ޕޯޑިއަމްއެއްގައި ހުންނަވައިގެން ދެމަފިރިއެއްގެ ދިރިއުޅުމުގެ ތެރެއަށް ވަދެވަޑައިގަތްކަމަަށް ބެލެވޭ ވާހަކަތަކެއް ދައްކާފައިވާތީ އެކަން ކުށްވެރި ކުރައްވާކަމަށެވެ. އެފަދަ އަމަލަކީ މިނިސްޓަރެއްގެ ހައިސިއްޔަތުން ކުރެއްވުން އެކަށީގެންނުވާ، އަދި އިސްލާމީ އަހްލާޤާއި ދިވެހި މުޖުތަމައުގެ އާދަކާދައާ ޚިލާފު އަމަލެއް ކަމުގައި ދެކި ވަޑައިގަންނަވާކަމަށެވެ.

އޭގެ އިތުރުން ރައީސުލްޖުމްހޫރިއްޔާއަށް ފޮނުއްވި އެ ސިޓީގައި ވަނީ، ޤައުމީ ނިޝާންޖެހި ޕޯޑިއަމެއްގައި ވާހަކަދައްކަވަން ކޮންމެ ބޭފުޅަކަށްވެސް ލިބިވަޑައިގަންނަވާނީ ރަސްމީ ހައިސިއްޔަތަކުން ރަސްމީ ވާހަކަފުޅު ދެއްކެވުުން ކަމަށެވެ.

"ރަސްމީ ހައިސިއްޔަތުގެ ބޭރުން ތިމާއާއި އަނެކާއާ ދެމެދު އޮތް ޒާތީކަމެއްގެ ކަންތައްތަކެއްގައި، ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށްގެން މީޑިއާ މެދުވެރިކޮށް ތިމާގެ ޒާތީ ޕީއާރު ރަގަނޅުކުރަން މަސައްކަތްކުރުމަކީ މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ތިމާއަށް ފައިދާ ހޯދަން އުޅުމުގެ ޖިނާއީކުށެއް" ޑރ އިޔާޒް ވިދާޅުވިިއެެެވެ.

އަދި މިކަމަކީ އެންޓި ކޮރަޕްޝަން ކޮމިޝަނުންވެސް ތަހުގީގުކުރައްވަން ޖެހޭ ބާވަތުގެ ކަމެއްކަން ވެސް ޑރ އިޔާޒް ވަނީ ފާހަގަ ކުރައްވާފައެވެ.

ޑރ އިޔާޒް ވަނީ މި މައްސަލަ ބައްލަވާ ވަޒީރު ޝަހީމްގެ މައްޗަަށް އެކަށީގެންވާ ފިޔަވަޅެއް އަޅުއްވައިދެއްވުމަށް ރައީސްގެ ކިބައިން އެދިލައްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް