ރާއްޖޭގެ އެންމެ އުތުރުގައި ހިންގާ އުތުރު ގޭޓްވޭ (ބަންކަރިންގ) ޕްރޮޖެކްޓްގެ ހާއްސަ މައި އޮފީސް ހުޅުވައިފިއެވެ.
ރޭގައި މި އޮފީސް ހުޅުއްވައިދެއްވީ ހއ. އުލިގަމުގެ ރިޓަޔަޑް މެޖިސްޓްރޭޓް އިދުރީސް އާދަމް އެވެ. އެ ރަސްމިއްޔާތުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ސީއީއޯ މުހައްމަދު ވަޖީހު އާއި އެސްޓީއޯގެ ސީއީއޯ އަހްމަދު ސިމާދު ބައިވެރިވެވަޑައިގެންނެވިއެވެ.
އުތުރު އައިއެސްޕީއެސް ގޭޓްގެ ނަމުގައި ހުޅުވިގެންދިޔަ އެ އޮފީހުގައި އެމްޕީއެލްއާއި އިމިގްރޭޝަނާއި ކަސްޓަމްސް އަދި އެމްއެންޑީއެފްގެ މުވައްޒަފުންނަށް ހާއްސަ އޮފީސް ޖާގަތައް ކަނޑައަޅާފައިވެއެވެ. މީގެ އިތުރުން ކަމެއް ދިމާވެއްޖެ ހާލަތެއްގައި ބޭނުންކުރުމަށް ޑީޓެންޝަން ރޫމެއްގެ އިތުރުން ސެކިއުރިޓީ ސްކްރީނިން މެޝިންވެސް ބަހައްޓާފައިވެއެވެ.
އެ އޮފީސް މެދުވެރިކޮށް 14 ހިދުމަތެއް ލިބިގެންދާނެކަމުގައި އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު ރޭގައި ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެ ހިދުމަތް ދިނުމުގެ ގާބިލިއްޔަތުކަން އެ ކުންފުނީގެ މުވައްޒަފުންގެ ކިބައިގައި އެބަހުރި ކަމަށާއި ދުވަހެއް ދުވަހަކަށް ކަންކަން ރަނގަޅުކުރަމުންދާނެ ކަމަށެވެ.
އެ ގޭޓުން ދެވޭ ހިދުމަތްތަކުގެ ތެރޭގައި ބޯޓުތަކަށް ފެނާއި ކާބޯތަކެތި ފޯރުކޮށްދިނުމާއި ކްރޫއިން ބަދަލުކުރުމުގެ ހިދުމަތާއި ކުނި އުކައިދިނުމުގެ ހިދުމަތާއި އަދި ޓަގް ސާވިސްގެ އިތުރުން މެއިންޓެނެންސް ސާވިސްވެސް ހިމެނެއެވެ.
މި އޮފީސް ރޭގައި ރަސްމީކޮށް ހުޅުވިނަމަވެސް ބަންކަރިންގެ ހިދުމަތް ފަށަން ހަމަޖެހިފައިވަނީ މިއަދުގެ ވަގުތެއްގައެވެ.
އެ އޮފީހަކީ އިހަވަންދިއްޕޮޅު ނުވަތަ މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭގައި އިންޓަނޭޝަނަލް ބަންކަރިން ފެސިލިޓީއެއް އެޅުމަށް އެސްޓީއޯއިން ނެދަލޭންޑްސްގެ ކުންފުންޏެއް ކަމުގައިވާ "ވިޓޯލް" އާއެކު ވެވުނު އެއްބަސްވުމެއްގެ ދަށުން ގާއިމުކޮށްފައިވާ އޮފީހެކެވެ.
ރޭގެ ރަސްމިއްޔާތުގައި އެސްޓީއޯގެ ސީއީއޯ ވިދާޅުވީ ހުޅުވިގެންދިޔަ އެ ގޭޓް ވެގެންދާނީ މާކެޓް ޕްލޭސްއަކަށް ކަމަށާއި އެ ސަރަހައްދުން ދަތުރުކުރާ އުޅަދުތަކާއި ޔޮޓްތަކާއި ކާގޯ ބޯޓުތަކާއި ކޮންޓެއިނާ ބޯޓުތަކަށް އެ ގޭޓުން ހިދުމަތް ފޯރުކޮށދީ ރާއްޖެއަށް އެކަމުގެ ނަފާ މަންފާ ލިބިގެންދާނެކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް