ބޯންމެރޯ ހަދަން އިތުރު 5 މީހަކު ފޮނުވަނީ

ބޯންމެރޯ ޓްރާންސްޕްލާންޓް ހަދަން އިތުރު ފަސް މީހުން ފޮނުވުމަށް ހެލްތް މިނިސްޓްރީން ނިންމައިފިއެވެ. ބޯންމެރޯ ހަދަން އިތުރު ފަސް މީހަކު ފޮނުވުމުގެ ލިޔުން ހަވާލު ކުރުން އޮތީ މިއަދު އެމިނިސްޓްރީގައެވެ. އެ...

19 Sep 2023 | 10:38

ބޯންމެރޯ ޓްރާންސްޕްލާންޓް ހަދަން އިތުރު ފަސް މީހުން ފޮނުވުމަށް ހެލްތް މިނިސްޓްރީން ނިންމައިފިއެވެ.

ބޯންމެރޯ ހަދަން އިތުރު ފަސް މީހަކު ފޮނުވުމުގެ ލިޔުން ހަވާލު ކުރުން އޮތީ މިއަދު އެމިނިސްޓްރީގައެވެ. އެ ފަރާތްތަކާ ލިޔުން ހަވާލު ކޮށްދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އަޙުމަދު ނަސީމް ވިދާޅުވީ،  ތެލެސީމިއާ ކުދިންނަށް ބޭނުންވާ ފަރުވާ އާއި ބޭސް ވީހާވެސް ލުއި ފަސޭހަ ގޮތެއްގައި ފޯރުކޮށްދިނުމަކީ މިސަރުކާރުގެ އެއް އަމާޒު ކަމުގައެވެ. އަދި އެ  އަމާޒަށް ވާސިލް ވުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރ ވަނީ ފާހަގަ ކުރައްވާފައެވެ.

އެގޮތުން، ތެލެސީމިއާގެ އާ ސެންޓަރެއް ގާއިމުކުރުމަށްޓަކައި ހުޅުމާލެއިން ބިމެއް ހޯދައި، އެބިމުގައި މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ އާ އިމާރާތެއް ޒާމާނީ ފެންވަރަށް ތަރައްގީކުރުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، މިސެންޓަރ ޤާއިމުވެގެންދިއުމުން ތެލެސީމިއާ ކުދިންނަށް ދެމުންގެންދާ ޚިދުމަތްތައް އިތުރަށް ފުޅާކުރެވި، ޖާގައިގެ ދަތިކަމަށް ހައްލެއް ލިބިގެންދާނެކަމަށެވެ. މީގެއިތުރުން މިއިމާރާތުގައި ނެޝަނަލް ބްލަޑް ބޭންކްގެ ޚިދުމަތް ޤާއިމުކޮށް، އެޚިދުމަތްވެސް ރާއްޖޭގެ ހުރިހާ ސިއްޙީ ޚިދުމަތްދޭ މަރުކަޒުތަކަށް ފޯރުކޮށްދެވިގެންދާނެ ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.

އަދި ބޯންމެރޯ ޓްރާންސްޕްލާންޓް ކުރުމުގެ ޚިދުމަތަކީވެސް ވަރަށް ޚާއްސަ އިސްކަމެއް ދެއްވާ، ބައްލަވަމުންގެންދަވާ މަސައްކަތެއްކަން ފާހަގަކުރައްވަމުން ވިދާޅުވީ، ފަރުވާގެ ކަންކަން ކާމިޔާބުކަމާއިއެކު ކުރިއަށް ގެންދިއުމަށް އެކި ޤައުމުތަކުން މި ޚިދުމަތް ދެމުންގެންދާގޮތް ހޯދައި ބަލައި ދިރާސާކުރުމަށް ގިނަ މަސައްކަތްތަކެއްކޮށްފައިވާ ކަމަށެވެ. އަދި މިކުރެވުނު މަސައްކަތުގެ އަލީގައި މިފަހަރު ބޯންމެރޯ ހަދަންދާކުދިންގެ ފަރުވާގެ ކަންކަން ކާމިޔާބު ކަމާއިއެކު ނިންމަލެވޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ތެލަސީމިއާ ފަރުވާ ދިނުމުގައި އެންމެ ބޮޑު ކާމިޔާބީ އަކީ ބޯންމެރޯ ޓްރާންސްޕްލާންޓޭޝަން ހެދުން ކަމަށްވާއިރު، މި ފަރުވާ ހޯދުމުގައި ދިގު މުއްދަތަކަށް ޚާއްސަ ސަމާލުކަމެއްދީގެން ކުއްޖާ ބަލަހައްޓަންޖެހެއެވެ.

އެގޮތުން ހޮސްޕިޓަލުންދެއްވާ އިރުޝާދުތަކަށް އެއްބާރުލުންދެއްވާ، ބޯންމެރޯ ޓްރާންޕްލާންޓްކޮށް، ރާއްޖެ އައުމަށްފަހުގައިވެސް ޤާވާއިދުން ހަދަންޖެހޭ ޓެސްޓްތައް ހެދުމަށް މޯލްޑިވިއަން ބްލަޑް ސަރވިސް (އެމް.ބީ.އެސް) ވަނީ އިލްތިމާސްކޮށްފައެވެ.

ތެލަސީމިއާ ބަލީގައި 650 ކުދިން މިހާރުވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުން ފަރުވާ ހޯދަމުންދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް