ރައްޔިތުންގެ ކިބައިން އެހީތެރިކަމަށް އެދެމުން މަޖިލިސް ޖަލްސާ ފެށުން ލަސްކޮށްލައިފި

ރައްޔިތުންގެ މަޖިލިސް ކުރިއަށްގެންދިއުމަށް ރައްޔިތުންގެ ކިބައިން އެހީތެރިކަމަށް އެދެމުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ރިޔާސަތުން ލަސްކޮށްލައިފިއެވެ. ރިޔާސަތުގައި އިންނެވި، ރައީސް، ރައީސް މު...

19 Sep 2023 | 04:59

ރައްޔިތުންގެ މަޖިލިސް ކުރިއަށްގެންދިއުމަށް ރައްޔިތުންގެ ކިބައިން އެހީތެރިކަމަށް އެދެމުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ރިޔާސަތުން ލަސްކޮށްލައިފިއެވެ.

ރިޔާސަތުގައި އިންނެވި، ރައީސް، ރައީސް މުހައްމަދު ނަޝީދު، ޖަލްސާ ލަސްކޮށްލިކަން އިއުލާނުކުރައްވަމުން ވިދާޅުވީ 10 ޖަހާއިރު އަލުން އަނބުރާ ފެށޭތޯ ބައްލަވާނެ ކަމަށާއި އުންމީދަކީ މިއަދު ޖަލްސާއެއް ބޭއްވުން ކަމަށެވެ.

"މަޖިލިސް ހުއްޓިފައި އޮތުން އެއީ ރައްޔިތުންނަށް ހެޔޮގޮތެއް ނޫން، އަޅުގަނޑު ރައްޔިތުންގެ ކިބައިންވެސް އެދެން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް އެހީތެރިވެދެއްވުމަށް" ރައީސް ނަޝީދު ވިދާޅުވިއެވެ.

އޭގެ ކުރިން ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ރައީސް ސޯލިހަށްވެސް ހޫނު ރައްދުތަކެއް ދެއްވިއެވެ.

އެގޮތުން ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލިސް ސަބަޓާޖްކޮށް ހުއްޓުވާފައި ބާއްވަނީ ރައީސުލްޖުމްހޫރިއްޔާގެ ބައިވެރިވުން އޮވެގެން ކަމަށާއި ރައީސް ސޯލިހް މަސައްކަތްޕުޅު ކުރައްވަނީ ދައުލަތުގެ ބާރުތައް އަތްޕުޅު މައްޗަށް ނަންގަވައިގެން ދައުލަތް ހުއްޓުވާލުމަށް ކަމަށެވެ.

“ވަރަށް ސާފުކޮށް ދަންނަވަން، އަޅުގަނޑުގެ މަސައްކަތް ނުހުއްޓުވޭނެ، ހުއްޓުނަ ނުދީ މަޖިލިސް ކުރިއަށް ގެންދާނަން” ރައީސް ނަޝީދު ވިދާޅުވިއެވެ.

އިއްޔެވެސް މި ހާލެއްގައި މަޖިލީހުގެ ޖަލްސާއެއް ބޭއްވިފައެއް ނުވެއެވެ.

ރައީސް ނަޝީދު ވިދާޅުވަމުން ގެންދަވަނީ އެމްޑީޕީގެ ޕާލަމަންޓަރީ ގްރޫޕްގެ މެންބަރުން ކުޑަދަށުގައި އެބަ ތިއްބަވާކަމަށާއި ތަޅުމަށް ވަޑައިނުގަންނަވާކަމަށެވެ. މަޖިލީހުގެ ކޯރަމަކީ 22 މެންބަރުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް