ވާހަކަ: އަބަދުވެސް އިންތިޒާރު ކުރާނަން – ދިހަވަނަ ބައި

ކުރީގެ އަދަދާއި ގުޅޭ... ޝޯއަށް ގެއްލިފައިހުރިވަރުން ނާޝިދަށް އެކަމެއް ފާހަގައެއް ނުކުރެވުނެވެ. ހުމޭދާ އެދިމާއަށް ބަލަންހުރުމަށްފަހު ސްޓޭޖަށް ބަލާލުމަށްފަހު އަނެއްކާވެސް މޫދާ ދިމާއަށް ބަލާލިއެވެ. އެދިމ...

19 Sep 2023 | 04:16

ކުރީގެ އަދަދާއި ގުޅޭ...

ޝޯއަށް ގެއްލިފައިހުރިވަރުން ނާޝިދަށް އެކަމެއް ފާހަގައެއް ނުކުރެވުނެވެ. ހުމޭދާ އެދިމާއަށް ބަލަންހުރުމަށްފަހު ސްޓޭޖަށް ބަލާލުމަށްފަހު އަނެއްކާވެސް މޫދާ ދިމާއަށް ބަލާލިއެވެ. އެދިމާ މޫދުގެ ލޮނުގަނޑުގެ ކުޑަތަންކޮޅެއް މަތިން ބޮޑުކަޅު ހިޔަންޏެއް ހުރިކަން ހުމޭދާއަށް ޔަޤީނެވެ. ދެފަރާތައް ހޫރިހޫރި ހުރި އެހިޔަނި ދަނީ ބޮޑުވަމުންނެވެ. ސްޓޭޖަށް ބަލަމުން ދިޔަނަމަވެސް ހުމޭދާ އިރުއިރުކޮޅާ އެދިމާއަށް ބަލާލައެވެ. ހުމޭދާ، ނާޝިދުގެ އަތުގައި ހިފަހައްޓައިގެންހުރި އިރު ހުމޭދާގެ އަތުގައި ތުރުތުރެއްހުރިކަން ނާޝިދަށް ފާހަގަ ކުރެވުނީ އިރުކޮޅެއް ފަހުންނެވެ. ނާޝީދު ހުމޭދާއަށް ބަލާލިއެވެ.

"ހުމޭ.. ކިހިނެތްތިވަނީ...؟ ހާދަކަންބޮޑުވެފަ ތިހިރީ....؟ ނާޝިދަށް ޝްރަދާއަށް މާގިނައިން ބެލުނީމަތަ... ؟ ހުމޭ މާލޯތްބޭ ޝްރަދާއަށްވުރެ...." ހުމޭދާގެ ކޮލުގައި ޖަހާލުމަށްފަހު ނާޝިދު މަޖާ ރާގަކަށް ބުނެލިއެވެ.

ހުމޭދާހުރީ އަދިވެސް އެދިމާއަށް ބަލަހައްޓައިގެންނެވެ.

"ނާޝިދު ބަލާބަލަ އެދިމާލުން މޫދަށް... " ހިޔަނި ފެންނަންހުރި ދިމާއަށް އިޝާރާތްކޮށްލަމުން ހުމޭދާ ބުނެލިއެވެ.

ނާޝިދު އެދިމާއަށް ބަލާލިވަގުތަކީ ބާރަޖެހިވަގުތު ކަމުގައިވާތީ ނާޝިދަށް ބަލާލެވުނު ވަގުތު ފުރަތަމަ ހަވާ އަރަނީއެވެ. މައްޗަށް ހަވާއެރުމަށްފަހު މަލެއް ފޮޅިގެންދިޔަ ގޮތަށް އެކިކުލަތަކުން ހަވާ ގޮވައިގެންދިޔަ ވަގުތު މުޅި ތަނަށް ހަވާގެ އަލި އެޅިގެންދިޔައީ ވަރަށް ފުރިހަމައަށެވެ.

"ކޯއްޗެއް އެތަނުން ފެންނަނީ.... އެހަވާ ގޮވިލެއް ވަރަށްސަޅި ދޯ... " އެދިމާލުން އެއްވެސް އެއްޗެއް ފެންނަން ނެތުމާއެކު ހަވާގެ ވާހަކަ ނާޝިދު ބުނެލިއެވެ.

ހުމޭދާ އަނެއްކާވެސް އެދިމާއަށް ބަލާލިއެވެ. އެހިޔަންޏެއް މިހާރަކު ފެންނާކަށްނެތެވެ. އެކަމަކު އެއީ ހީވިހީވުމެއް ނޫންކަން ހުމޭދާއަށް ޔަޤީން ވެއެވެ. ފަނަރަމިނިޓްވަންދެން ހަވާއެރުވުން ކުރިއަށް ގެންދިޔައެވެ. ނިޔުއިޔަރ ނައިޓް ވީމަ އެހެން ފަހަރުތަކަށްވުރެ މިފަހަރުގެ ހަވާއެރުވުން މާފުރިހަމައަށެވެ. ހަވަޔަށްފަހު އަނެއްކާވެސް ސްޓޭޖް ޝޯ ކުރިއަށް ދާންފެށިއެވެ. ނަމަވެސް ޝްރަދާ ކަޕޫރުގެ ހުށަހެޅުން ނިމިފައިވާތީ، ނާޝިދު އިތުރަށް ޝޯ ބަލަން ހުންނަ ހިތެއް ނުވިއެވެ. ހުމޭދާގެ މޫނުމަތިންވެސް އުފާވެރިކަމުގެ އަސަރެއް ފެންނަން ނެތުމާއެކު ނާޝިދު ބޭނުންވީ އެނބުރި ގެއަށް ދާށެވެ.

"ހުމޭ.. ދާންވީތަ..؟ ކިހިނެތްވެފަ ތިހިރީ މާ މޫޑް އޮފް ވެފަ... ؟ ހުމޭދާގެ އަތުގައި ހިފާލަމުން ނާޝިދު ބުނެލިއެވެ.

"ނާޝިދު ދާން ބޭނުމިއްޔާ ދާންވީ... އަޑުގަދަވީމަ ކަންނޭގެ ހުމޭ ބޮލުގަރިއްސަނީ..." ނާޝިދަށް ބަލާލަމުން ހުމޭދާ ބުނެލިއެވެ.

ނާޝިދުމެންނާއެކު ޝޯ ބަލަންދިޔަ އެހެން ކުދިން ބޭނުންވީ ޝޯ ނިމެންދެން އެތަނުގައި މަޑުކުރާށެވެ. އެކަމަކު ނާޝިދުމެންނާއެކު ރާއިދު ބޭނުންވީ ގެއަށް ދާށެވެ. ސައިކަލުގައި ފެރީ ޓާމިނަލްއާ ދިމާއަށް ދުއްވަމުންދިޔައިރު ވިލިނގިލީ ގަސްތަކުގެ ތެރޭން ހުމޭދާ އަށް ދިމާވި ކަންތައް ނާޝިދަށް ކިޔާދެމުންދިޔައެވެ. ނާޝިދު އެވާހަކަތައް ކަނުލާ އަޑުއަހަމުންދިޔައެވެ. އަދި މިރޭ ދިމާވި ކަންތަކުގެ ވާހަކަވެސް ހުމޭދާ ކިޔާދިނެވެ. އަދި މިކަމަށް ފަރުވާއެއް ލިބޭތޯ މާދަމާ ފުވައްމުލަކަށް ދާގޮތަށް މަންމަމެން ހަމަޖައްސާފައިވާ ކަމަށްވެސް ހުމޭދާ ބުންޏެވެ. ނާޝިދު އިނީ ވަރަށް ކަންބޮޑުވެ ހާސްވެފައެވެ.

"ނާޝިދު ބޭނުމެއްނޫން ހުމޭއަށް ދެރަގޮތެއް މެދުވެރިވާކަށް.... ތިހެން ކަންތައްތައް ތިދިމާވީ ކިހިނެތް ވެގެންތޯ ކޮންމެހެންވެސް ބަލަންވާނެ... ނާޝިދު ހުމޭދެކެ ވަރަށް ލޯބިވޭ... އިރާދަކުރެއްވިއްޔާ ހުމޭއަށް ދެރަގޮތެއް މެދުވެރިއެއްނުވާނެ... ހުމޭ ތިކަމުން ސަލާމަތްވާނެ... ނާޝިދު ދުޢާ ކުރާނަން..." ހުމޭދާގެ ވާހަކަތަކުން ފެންކަޅިވެފައިވާ ދެލޯ ފޮހެލަމުން ނާޝިދު ބުނެލިއެވެ.

އިތުރު ވާހަކައެއް ނާޝިދަކަށް ނުދެއްކުނެވެ. އެހެންއެވީ ކީއްވެބާއެވެ. ނާޝިދަށް ވަރަށް އަސަރުކޮށްފިއެވެ. ހުމޭދާ އިނީ ނާޝިދުގެ އުނގަނޑުގައި ހިފަހައްޓާލައިގެންނެވެ. ނާޝިދުގެ އެމަޑުމައިތިރި ކަމުން ހުމޭދާގެ ވާހަކަތަކުން ނާޝިދަށް ވަރަށް އަސަރުކޮށްފައިވާކަން ހުމޭދާއަށް ފާހަގަކުރެވުނެވެ. މިހާ ގިނަ ދުވަހު އެވާހަކަ ނުބުނަންހުރީވެސް އެހެންވެއެވެ. ނާޝިދު ހިތާމަކޮށް އެކަމާ ވިސްނާތަން ދެކެން ހުމޭދާގެ ހިތަށް ކުޅަދާނަ ނުވާނެތީއެވެ. ހުމޭދާވެސް އެހާބޮޑަށް ނާޝިދުދެކެ ލޯބިވެއެވެ. ފެރީ ޓާމިނަލްއާ ހަމައަށް ދެވެންދެންވެސް ދެމީހުންތިބީ ބަސްހުއްޓިފައި އެހިޔާލުތަކުގެ ތެރޭގައެވެ.

"މާދަން ކިހާއިރަކު ފުރަނީ..." ފެރީއަށް އަރާ އިށީންނަމުން ނާޝިދު އަހާލިއެވެ.

"ހަތަރުގަޑި ބައިގަ ފުރުންއޮތީ.... ލަސްވެގެން ތިނެއް ޖަހާއިރު އެއަރޕޯޓަށް ދާންޖެހޭނެހެން ހީވަނީ..." ހުމޭދާ ޖަވާބު ދިނެވެ.

"ކިހާދުވަހަކަށް ތިދަނީ.... ހުމޭ... ނާޝިދު ވަރަށް މިސްވާނެ... ނާޝިދުވެސް ބޭނުން ހުމޭ އާއެކީ ދާން.. " ހުމޭދާގެ އަތުގައި ހިފާލަމުން ނާޝިދު ބުނެލިއެވެ.

"ހުމޭ އާއިއެކީ ނާޝިދަކަށް ނުދެވޭނެއެއްނު ... ކިހިނެތް ނާޝިދު ދާނީ.... އަދި ޖޮބް ހަމަޖެހިގެން މިވީ އެންމެ  ހަފްތާއެއް...  ޗުއްޓީއެއްވެސް ނުލިބޭނެއެއްނު..... އިރާދާކުރެއްވިއްޔާ ވަރަށް އަވަހަށް ރަނގަޅުވެގެން ހުމޭ އަންނާނަމޭ....." ނާޝިދުގެ ކޮނޑުގައި ބޯޖަހާލަމުން ހުމޭދާ ބުނެލިއެވެ.

ފެރީން ފައިބައިގެން ހުމޭދާ ގެއަށް ލައިދޭން ނާޝިދާއި، ރާއިދު ދިޔައެވެ. ހުމޭދާ ގެއަށް ލައިދިނުމަށްފަހު ނާޝިދާއި، ރާއިދުވެސް ދިޔައީ ގެއަށެވެ. ހުމޭދާ ގެއަށް ވަންއިރު ހަސީނާ އާއި ޚާލިދު ސިޓިންގ ރޫމުގައި ޓީވީ ބަލަން ތިއްބެވެ.

"ދަރިފުޅާ.... ޝޯ ނުނިމެނިސް ތިއައީ ދޯ....؟ އަވަހަށް ގޮސް ކައިގެން ނިދަން އުޅޭ... !" ހުމޭދާ ގޭތެރެއަށް ވަނުމުން ހަސީނާ ބުނެލިއެވެ.

"އާން... ނިމޭއިރު މާލަސްވެފައެއްނު ހުންނާނީ... އެކެއްގެ ފަހުން މިރޭ ފެރީވެސް އޮންނާނީ ގަޑިޔަކު އެއްފަހަރު... އެހެންވީމާ ލަސްވެދާނެތީ މިއައީ...! ހުމޭދާ ގޮސް މަންމަ ކައިރީގައި އިށީންނަމުން ބުނެލިއެވެ.

"ދެންދޭ އަވަހަށް ކާން... މަންމަ އެހެރީ ކާންވެސް ހަދާފަ... " ހުމޭދާގެ ބުރަކަށީގައި އަތް ޖައްސާލަމުން ހަސީނާ ބުނެލިއެވެ.

"އެއްޗިހި ބަދަލުކޮށްލައިގެން އެބައަންނަން.." ހުމޭދާ ތެދުވަމުން ބުންޏެވެ.

ނާޝިދު ގެއަށް ދިޔައިރު މީހަކު ފެންނަން ނެތުމުން މަންމަވެސް އޮތީ ނިދާފަކަން އެނގުމާއެކު ކޮޓަރިއަށްވަދެ އެއްޗިހި ބަދަލުކޮށްލައިގެންގޮސް އައިސްއަލަމާރިން ކޯކު ފުޅިއެއް ނަގައިގެން ސިޓީން ރޫމަށް އައިސް ޓީވީ ހުޅުވާލިއެވެ. އޭރުވެސް ޓީވީން ދައްކަމުން ގެންދަނީ ނިޔުއިޔަރ އަހަރީ ޝޯއެވެ. ދަންމާނު ބޮޑުބެރު ގްރޫޕްގެ އައިޓަމެކެވެ. ޓީވީ ބަލަން އިން ކަމުގައިވިޔަސް ނާޝިދަށް އެއްވެސް ހިތްހަމަ ޖެހުމެއް ނުލިބެއެވެ. ވިސްނެމުންދަނީ ހުމޭދާ މިރޭ ދެއްކި ވާހަކަތަކާމެދުގައެވެ. ހުމޭދާއަށް އެދިމާވީ ކޮންކަހަލަ ކަމެއް ބާއެވެ. އިރާދަކުރެއްވިއްޔާ ހުމޭދާ އެކަމުން ސަލާމަތްވާނެއެވެ. ހުމޭދާ އާއި ނުލާ ނާޝިދަށް ދިރިއުޅުމަކީ ފަސޭހަކަމެއް ނޫނެވެ. އޭސީގެ ފިނަކަމުގެ ތެރޭގައިވެސް ނާޝިދު އިނީ ދާހިތްލާފޯވެފައެވެ. އެންމެ ފަހުން ނާޝިދު ގަސްދުކުރީ ފިނިކޮށްލަން ބޭރަށް ނިކުމެލާށެވެ. ގޯތިތެރޭގައިހުރި ޖޯލިފަތީގައި ނާޝިދުގޮސް އޮށޯވެލީ ފިނިކޮށްލުމަށެވެ. ވައިބާރު ވިލާގިނަ ރެޔެކެވެ. ނާޝިދު އުޑުމައްޗަށް ބަލާލިއެވެ. ހިސާބަކަށް ވިއްސާރަވިލާވެސް ގިނަ ރެޔެކެވެ. ހަނދުވަރުގެ އަލިކަމެއް އެއްގޮތަކަށްވެސް ނެތެވެ. ދަންވަރުގެ ވަގުތު ކަމުގައިވާތީ ގޭގައި ހުރި ބަނބުކެޔޮ ގަހުން ކޮންމެސް ދޫންޏެއް ގޮވާލާއަނޑު ނޫން އެއްވެސް އަޑެއްބަޑެއް ނީވެއެވެ. ނާޝިދު އޮތީ އުޑިމަތިން ފެންނަ ވިލާތަކަށް ބަލަހައްޓައިގެން ހުމޭދާގެ ހިޔާލުތަކަށް ގެއްލިފައެވެ. އުޑުމަތީގައި މަޑުމަޑުން ކަޅުވިލާ ބޯވަމުންދިޔައެވެ. ވައިވެސް ކުރިއަށްވުރެ ބާރުވަމުން ދިޔައެވެ. ޖައްވު ތެރޭގައި ފިނިކަން ހިފަމުން ދިޔައެވެ. ހީވަނީ ވާރޭ ވެހެން އުޅޭހެނެވެ. ނާޝިދު ސިއްސައިގެން ދިޔައީ ބަނބުކެޔޮ ގަހުން ކޮންމެސް އެއްޗެއް ވެއްޓުނު އަޑަށެވެ. އެއަޑަށް ނާޝިދު ސިހިފައި އެދިމާއަށް ބަލާލިއެވެ. ގަހުން ވެއްޓިފައިތީ ބަނބުކެޔޮލެކެވެ. ކުއްލިއަކަށް ވަރަށް ބޮޑަށް ވިދާލުމަށްފަހު ބާރު ގުގުރިއެއް ޖަހާލައިފިއެވެ. ނާޝިދު ދިޔައީ ސިއްސައިގެން ދުވެފާގޮސް ގޭތެރެއަށް ވަދެވުނީ ކިރިޔާއެވެ. ވާރޭ ވެހެން ފަށައިފިއެވެ.


ނުނިމޭ... ވާހަކައިގެ އާ ބައެއް، 21 ސެޕްޓެމްބަރ، ބުރާސްފަތި ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ....

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް