ރަށްރަށުގެ އިޖްތިމާއީ ކުރިއެރުމަށް ކައުންސިލްތަކުން ކުރާ ކަންކަމަށް ސްޓެލްކޯއިން އެއްބާރުލުންދޭނެކަމުގައި ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަހްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
އެމްޑީ ޝަރީފް މިހެން ވިދާޅުވީ އއ އަދި އދ އަތޮޅުގައި ސްޓެލްކޯއިން ހިދުމަތްދޭ ރަށްރަށުގެ މަގުބައްތިތައް މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތާއި އެ ކުންފުނިން ހަވާލުވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން ޝަރީފް ވިދާޅުވީ ރައްޔިތުންގެ ހެވާއި ލާބައަށް މަސައްކަތްކުރުމަކީ އެ ކުންފުންޏަށް ލިބޭ ހިތްހަމަޖެހުމެކެވެ. ކުންފުނި އުފެއްދުމުގެ އެންމެ ބޮޑު މަގްސަދަކީ އެއީ ކަމުގައިވެސް ޝަރީފް ވިދާޅުވިއެވެ.
ރޭގައި ބޭއްވި ރަސްމިއްޔާތުގައި އއ. އަތޮޅާއި، އދ. އަތޮޅުގެ މީހުން ދިރިއުޅޭ 14 ރަށެއްގެ މަގުބައްތިތައް މަރާމާތުކޮށް ބެލެހެއްޓުމާ ސްޓެލްކޯއިން ޙަވާލުވުމުގެ އެއްބަސްވުންތަކުގައި ވަކިވަކިން ވަނީ ސޮއިކޮށްފައެވެ. މި 14 ރަށުގެ ތެރޭގައި އއ. އަތޮޅުގެ ފަސް ރަށަކާއި، އދ. އަތޮޅުގެ ނުވަ ރަށެއް ހިމެނެއެވެ. އެ ރަށްތަކަކީ އއ. މަތިވެރި، ބޮޑުފޮޅުދޫ، ފެރިދޫ، މާޅޮސް، ހިމެންދޫ، އދ. ހަންޏާމީދޫ، އޮމަދޫ، ކުނބުރުދޫ، މަހިބަދޫ، މަންދޫ، ދަނގެތި، ދިގުރަށް، ދިއްދޫގެ އިތުރުން އެއަތޮޅު ފެންފުއްޓެވެ.
މި އެއްބަސްވުންތަކުގެ ދަށުން އެ ރަށްރަށގައި މަގުބައްތިތައް މަރާމާތުކޮށް ބެލެހެއްޓުމަށްހިނގާ ހުރިހާ ހަރަދެއްކުރާނީ ސްޓެލްކޯއިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް