އެއާޕޯޓުން އަތުލައިގަތް އިންޑިއާ ޖާސޫސުން މައްސަލަ 241 ކޮމިޓީއަށް

ޖާސޫސްކުރާކަމުގެ ތުހުމަތުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އަތުލައިގަތް އިންޑިއާއަށް ނިސްބަތްވާ ދެ "ޖާސޫސުން" ގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ، ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ "241 ކޮމިޓީ" އަށ...

19 Sep 2022 | 15:43

ޖާސޫސްކުރާކަމުގެ ތުހުމަތުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އަތުލައިގަތް އިންޑިއާއަށް ނިސްބަތްވާ ދެ "ޖާސޫސުން" ގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ، ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ "241 ކޮމިޓީ" އަށް ހުށަހަޅައިފިއެވެ.

މި މައްސަލަ 241 ކޮމިޓީއަށް ހުށަހެޅުއްވީ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދެވެ.

ދުވަހަށް މައުލޫމާތުދެއްވަމުން ސައީދު ވިދާޅުވީ މި މައްސަލަ މިއަދު ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއްގެ ގޮތުގައި ހުށަހެޅިނަމަވެސް މަޖިލީހުގެ ތަޅުމުން އެ މައްސަލަ ބޭރުކޮށްލީ ކަމަށެވެ. އަދި 241 ކޮމިޓީއަށް ހުށަހަޅަން ނިންމީ އެއާޕޯޓަކީ ރާއްޖޭގެ އިގްތިސާދީ މައި ނާރުކަމުގައިވާ ފަތުރުވެރިކަމާ ފަތުރުވެރިންގެ ރައްކާތެރިކަމާ ގުޅިފައިވާ މައި ދޮރާށިކަމުގައިވާއިރު އެ ދޮރާށީގެ ރައްކާތެރިކަން ކަށަވަރު ނުކުރެވޭފަދަ އިންތިހާއަށް ނުރައްކާތެރިކަމެއްގެ ގޮތުގައި މިކަން ފާހަގަކުރެވޭތީ ކަމަށެވެ. އަދި މިކަަމުގައި ފުލުހުުން ސާފު މައުލޫމާތު ހާމަނުކުރާތީ ކަމަށެވެ.

މިއަދު ދުވަހަށް މައުލޫމާތުދެމުން ފުލުހުންގެ މީޑިއާ ޑިޕާޓްމަންޓުން ވިދާޅުވީ ސްޕައި ކުރަން ބޭނުންކުރާ ޒާތުގެ ބަޓަން ކެމެރާއެއް ގެންގުޅުނުކަމުގެ ތުހުމަތުގައި ހައްޔަރުކުރި އެ ދެމީހުންގެ މައްޗަށް ޖިނާއީ ތުހުމަތެއް އުފުލޭވަރަށް ހެކި ލިބިފައިނުވާކަމަށެވެ. އެހެންކަމުން މި މަހުގެ އަށްވަނަ ދުވަހު އެމީހުން ދޫކޮށްލާފައިވާކަމަށެވެ. އަދި މި މަހުގެ ނުވަވަނަ ދުވަހު އެ ދެމީހުން ރާއްޖެއިން ފޮނުވާލާފައިވާކަމަށެވެ.

ޖާސޫސް ކުރިކަމުގެ ތުހުމަތަށް އެއާޕޯޓުން މި ދެމީހުން ހައްޔަރުކުރީ މިދިޔަ މަހުގެ 28 ވަނަ ދުވަހުގައެވެ. އޭރު ހައްޔަރުކުރުމަށްފަހު ބަންދަށް 10 ދުވަހުގެ މުއްދަތެއް ޖެހިއެވެ.

މި ދެމީހުން ދޫކޮށްލައި ގައުމަށް ފޮނުވާލާފައިވާއިރު ރާއްޖޭގެ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާގޮތުގައި އެ މީހުން ދިޔައީ ސްޕައި ކެމެރާއެއް ހަރުކޮށްގެން އެއާޕޯޓުގެ މަންޒަރުތައް އެހެން ދިމާލަކަށް ވަގުތުން ފޮނުވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް