ޔޯގާ ހުއްޓުވި ދުވަހު ހަމަނުޖެހުން ހިންގި މައްސަލައިގާ ޝައިޚް އާދަމް ނިޝާން ޕޮލިހަށް ހާޒިރުވާން އަންގައިފިއެވެ.
މިކަން ހާމަކޮށް ނިޝާން ބުނެފައިވަނީ ކޯޓު އަމުރެއްގެ ދަށުން އޭނާގެ އަޑުގެ ސާމްޕަލް ނެގުމަށް ފުލުހަށް ހާޒިރުވާން މިއަދު އަންގާފައިވާކަމަށެވެ.
މި މައްސަލައިގާ މި އަހަރުގެ ޖޫން 22 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ޝައިޚް ނިޝާން ހައްޔަރުކުރުމަށްފަހު ޝަރުތު ތަކަކާއެކު ދޫކޮށްލީ މިދިޔަ އޯގަސްޓް މަހުގެ ހަތްވަނަ ދުވަހުގައެވެ.
މާލެއިން ބޭރަށް ވަޑައިނުގަތުމާއި، ފޯނު ނަންބަރު ބަދަލުވެއްޖެނަމަ އެންގެވުމާއި، ފުލުހުންގެ ތަހުގީގަށް ހާޒިރުވާން އަންގައިފިނަމަ ހާޒިރުވެވަޑައިގަތުމަށް ވަނީ ޝަރުތުކޮށްފައެވެ.
ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާ ހަރަކާތް ހިންގިދުވަހު ހިންގި ހަމަނުޖެހުންތަކުގައި ނިޝާން އިސްކޮށް އުޅުނުކަމަށް ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރަކަށް ހެކި ލިބިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. އެގޮތުން ހަމަނުޖެހުން ހިންގި މީހުންނާ މުއާމަލާތްކޮށް އެކަމަށް ހިތްވަރު ދިނުމަށް ސޯޝަލްމީޑިއާގައި މަސައްކަތްކުރި ކަމުގެ ހެކިތައް ލިބިފައިވާ ކަމަށް ދައުލަތުންނާއި ފުލުހުން ވެސް ހައިކޯޓުގައި ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް