އެމްޓީސީސީގެ އައު ޑްރެޖަރު ބޮޑު ޖައްރާފު ރަސްމީކޮށް އިފްތިތާހު ކުރުމާއި ގއ. ދާންދޫ ބިން ހިއްކުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
ގއ. ދާންދޫގައި ބޭއްވުނު މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މުހައްމަދު އަސްލަމާއި، ދާންދޫ ދާއިރާގެ މަޖިލިސް މެންބަރު ޔައުގޫބު އަބްދުﷲ އާއި ދާންދޫ ކައުންސިލްގެ ރައީސް މުހައްމަދު އާސިފުއާއި، އެމްޓީސީސީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އާދަމް އާޒިމްގެ އިތުރުން އެމްޓީސީސީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
އެމްޓީސީސީން ހާމަކުރައްވާގޮތުގައި ދާންދޫގެ ބިން ހިއްކުމުގެ މަޝްރޫއު ނިމޭއިރު، މިހާރު ދާންދޫގައި އޮތްވަރުގެ ޖާގައިގެ ބިމެއް އެރަށަށް އިތުރުކުރެވިގެންދާނެއެވެ. އަދި މިހާރުގެ ދާންދުއާ އަލަށް މި ހިއްކާ ބިން، ބްރިޖަކުން ގުޅާލެވިގެންދާއިރު، މި އައު ބިން ވެގެންދާނީ، ޒަމާނީ ދާންދޫގެ އާ ހަޔާތެއްގެ ފެށުމަށެވެ. މަޝްރޫއު ނިމިގެންދާއިރު، ރައްޔިތުން މޫދަށް އެރި، ހިތް އުފާކޮށްލާނެ އަތިރިމަތިތައް ލެވިގެންދާނެއެވެ. ދާންދޫގެ ބިން ހިއްކުމަށްޓަކައި ބޭނުންކުރެވޭނީ ބޮޑު ޖައްރާފެވެ. މިއީ މި ޖައްރާފް ބޭނުންކޮށްގެން ހިންގޭ ތަރައްގީގެ އެންމެ ފުރަތަމަ މަޝްރޫއެވެ.
ބޮޑު ޖައްރާފު އެމްޓީސީސީގެ ފްލީޓްގައި ހިމެނުމާއެކު އެމްޓީސީސީ ވަނީ މި ސަރަހައްދުގައި ޑްރެޖިން ދާއިރާގެ އެންމެ ކުރީ ސަފުގައި ހިމެނޭ އެއް ކުންފުންޏަށް ވެފައެވެ.
ބޮޑު ޖައްރާފު ބޭނުންކޮށްގެން ހިންގޭ ދާންދޫ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން، 975،500 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި ބިން ހިއްކުމާއި 807 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި 555 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިންސް ޖެހުމުގެ މަސައްކަތް ހިމެނެއެވެ. މި މަޝްރޫއަކީ 186.64 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ވޭތުވެދިޔަ ތިން އަހަރުތެރޭ އެމްޓީސީސީން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަޝްރޫއުތަކެއް ނިންމާފައެވެ. 1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްގީގެ ދަތުރުގެ މުހިންމު މަރުހަލާއެއްގައެވެ. ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ އުމްރާނީ ތަރައްގީއާއި އިޖްތިމާއީ ވަސީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް