"ސުޕަރ ޓައިފޫން" އެއްގެ ދަރަޖަ ދީފައިވާ ތޫފާން ނަންމަޑޯލް ޖަޕާނަށް އަރައިފިއެވެ.
އިއްޔެގެ ވަގުތެއްގައި މި ތުފާން ޖަޕާނަށް އަރާފައިވަނީ ޖަޕާނުގެ ހުޅަނގު ދެކުނު އައްސޭރިން ކަގޮޝީމާ ސިޓީއާއި ދުރު ނޫން ސަރަހައްދަކުންނެވެ.
މި ތޫފާނުގެ ބާރު އިންތިހާއަށް ގަދަވާނެކަމަށް ލަފާކުރެވޭތީ ހަތަރު މިލިޔަނަށްވުރެ ގިނަ މީހުން ސަލާމަތީ އައްސޭރިތަކަށް ގެންދިއުމަށް ދުރާލާ އޮތީ އިންޒާރު ދީފައެވެ. ތޫފާން އެރި އިރުވެސް ތޫފާނުގެ ބާރު ގަދަކަމުން ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑި އެއްގަމާއި ވައިގެ ދަތުރުފަތުރުތަކަށް ވަނީ ބުރޫ އަރާފައެވެ.
މި ތޫފާނުގައި ގަޑިއަކު 101 މޭލު ބާރުމިނަށް ވައިގަދަވެފައިވާއިރު މި ތޫފާން ވެރިރަށް ޓޯކިޔޯއާއި ހަމައަށް މާދަމާ ފޯރާނެކަމަށް އަންދާޒާކޮށްފައިވެއެވެ.
މި ތޫފާނަކީ މީން ޒަމާނަކުވެސް ޖަޕާނަށް ނާރާވަރުގެ ތޫފާނަކަށް ވެދާނެކަމުގައި ޖަޕާނުގެ މޫސުމާއިބެހޭ އިދާރާއިން ވަނީ އަންދާޒާކޮށްފައެވެ.
މިއީ ތޫފާނަކަށް ތޫފާން ނަންމަޑޯލްގެ ނަން ދޭ ހަތަރުވަނަ ފަހަރެވެ. މައިކްރޯނޭސިއާ ސަރަހައްދުގައި ތޫފާންތަކަށް ދޭ މިފަދަ ނަންތައް ތަކުރާރުކުރެއެވެ.
ތޫފާން ނަންމަޑޯލަކީ ނުރައްކާތެރިކަމުގެ މާޒީއެއްވެސް އޮތް ތޫފާނެކެވެ. އެގޮތުން 2004 ވަނަ އަހަރު ތައިވާނަށް އެރި ތޫފާން ނަންމަޑޯލްގައި 77 މީހަކު މަރުވިއެވެ. 2011 ގައި ފިލިޕިންސް ތައިވާން އަދި ޖަޕާނަށް އެރި ތޫފާން ނަންމަޑޯލްގައި 33 މީހަކު މަރުވިއެވެ. 2017ގައި ޖަޕާނަށް އެރި ތޫފާން ނަންމަޑޯލްގައި 42 މީހަކު މަރުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް