ޕްރިމިއަރ ލީގުގައި އާދިއްތަ ދުވަހުގެރޭ ވެސްޓް ހަމް ޔުނައިޓެޑުގެ މައްޗަށް މެންޗަސްޓަރ ޔުނައިޓެޑުން ކުރިހޯދައިފިއެވެ.
ވެސްޓްހަމްގެ ދަނޑުގައި ކުޅުނު މިމެޗުން ޔުނައިޓެޑް މޮޅުވީ 1-2 ގެ ނަތީޖާއަކުންނެވެ.
ވާދަވެރި ކުޅުމެއް ދެޓީމުގެވެސް ފަރާތުން ފެނިގެންދިޔަ މިމެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑުނެގީ ވެސްޓްހަމް އިންނެވެ. ފުރަތަމަ ހާފުގެ 30 ވަނަ މިނެޓުގައި މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ބޮވެންގެ އެހީތެރިކަމާއި އެކު ސައިދް ބެންރަހްމާ އެވެ.
ޔުނައިޓެޑުން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ ވެސްޓް ހަމްއިން ލަނޑު ޖެހިތާ ފަސް މިނެޓުފަހުންނެވެ. ޔުނައިޓެޑުން ނަތީޖާ ހަމަހަމަކުރި މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އެޓީމުގެ ތަޖުރިބާކާރު ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. މިއީ މިފަހަރުގެ ސީޒަނަށް ޔުަނއިޓެޑަޑް ބަދަލުވި ފަހުން ރޮނާލްޑޯ އެޓީމަށް ކާމިޔާބު ކޮށްދިން ހަތަރު ވަނަ ލަނޑެވެ.
މެޗުން ޔުނައިޓެޑް މޮޅުކޮށްދިން ލަނޑު މެޗުގެ ފުރިހަމަވަގުތު ހަމަވާން މިނެޓަކަށް ވެފައިވަނިކޮށް ކާމިޔާބު ކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ޖޭސޭ ލިންގާޑެވެ. މި ލަނޑު ލިންގާޑު ކާމިޔާބު ކުރީ އޭރިއާ ތެރެއިން ވެސްޓް ހަމްގެ ދެކުޅުންތެރިން ކައިރިން ނަށްޓާލުމަށްފަހު ގޯލުގެ މަތީ ކަނަށް ބޯޅަ ފޮނުވާލައިގެންނެވެ.
ލިންގާޑުގެ މި ލަނޑުން ޔުނައިޓެޑް ލީޑުގައި އޮވެ މެޗުގެ ކުޅުން ނިމެން ދަނިކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްލަން ވެސްޓްހަމްއަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. މި ޕެނަލްޓީ ފޮނުވާލީ އެވަގުތު ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް މާކް ނޯބަލް ވެސްއެވެ. އޭނާ ފޮނުވާލި މި ޕެނަލްޓީ ޔުނައިޓެޑުގެ ކީޕަރު ޑޭވިޑް ޑެހިއާ ވަނީ ދިފާއުކޮށްފައެވެ.
މި މޮޅާއި އެކު ޔުނައިޓެޑުވަނީ ކުޅުނު ފަސްމެޗުން ލިބުނު 13 ޕޮއިންޓާއެކު ތާވަލުގެ ދެވަނައަށް ޖެހިލާފައެވެ. އެއްވަނައިގައި ލިވަޕޫލްވެސް އޮތީ ފަސް މެޗުން ހަމަ މިއަދަދަށް ޕޮއިންޓު ލިބިގެންނެވެ. ލިވަޕޫލަށް ކުރި ލިބެނީ ފައިދާ ގޯލުގެ ތަފާތުންނެވެ. މެޗުން ބަލިވި ވެސްޓްހަމް އޮތީ ތާވަލުގެ 8 ވަނައިގައި 5 މެޗުން 8 ޕޮއިންޓާއެކުއެވެ.
ލީގުގައި ޔުނައިޓެޑް ދެން ބައްދަލުކުރާނީ މިމަހުގެ 25 ވަނަ ދުވަހު އެސްޓަން ވިލާއާއެވެ. ނަމަވެސް އޭގެ ކުރިން އިނގިރޭސި ލީގު ކަޕްގެ މެޗެއް ޔުނައިޓެޑުން ކުޅޭނެއެވެ. މިމަހުގެ 22 ވަނަ ދުވަހު ކުޅޭ މި މެޗުގައި އަމިއްލަ ދަނޑުގައި ބައްދަލުކުރާނީ މިރޭ އެޓީމު އަތުން ބަލިވި ވެސްޓް ހަމްއާއެވެ.
ޕްރިމިއާ ލީގުގެ އިތުރު މެޗެއް ވެސް މިރޭ ވަނީ ކުޅެފައެވެ. ބަރައިޓަންއާއި ލެސްޓާ ސިޓީ ބައްދަލު ކުރި މި މެޗު 1-2 އިން ކާމިޔާބު ކޮށްފައިވަނީ ބްރައިޓަންއިންނެވެ. މި މޮޅާއި އެކު ބްރައިޓަން އޮތީ 12 ޕޮއިންޓާއި އެެކު ލީގުގެ ތިންވަނާގައެވެ. ލެސްޓާ ސިޓީ އޮތީ 6 ޕޮއިންޓާއި އެކު ލީގުގެ 12 ވަނާގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް