ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި ޝުޖާޢު ފަހަތަށް ނުޖެއްސޭނެ: ޕްރޮގްރެސިވް ކޯލިޝަން

ޝުޖާޢުގެ ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި ފަހަތަށް ނުޖެއްސޭނެކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފި އެވެ. އެ ކޯލިޝަނުން މިހެން ބުނީ ފިޔަވަތީގެ ކޮންޓްރޯލް ގެއްލި ކުޑަކުދިން ފުރާޅު މައްޗައް އަރައި މަސްލަހަ...

19 Sep 2021 | 15:45

ޝުޖާޢުގެ ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި ފަހަތަށް ނުޖެއްސޭނެކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފި އެވެ.

އެ ކޯލިޝަނުން މިހެން ބުނީ ފިޔަވަތީގެ ކޮންޓްރޯލް ގެއްލި ކުޑަކުދިން ފުރާޅު މައްޗައް އަރައި މަސްލަހަތު ގެއްލުނު ވަގުތު ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާ އެތާ ތެރެއަށް ވަތް މައްސަލ ބަލުމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަންރައިޓް އެންޑް ޖެންޑަރ ކޮމެޓީން ލޯކަލްގަވަރުމަންޓް އޮތޯރިޓީއަށް ހުށަހެޅުމުން ނެވެ.

އެ ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދައުލަތުން ކުޑަކުދިން ބެލެހެއްޓުމަށް ހުޅުމާލޭގައި ޤާއިމުކޮށްފައިވާ "ފިޔަވަތި" އިމާރާތުގެ އެތެރޭގެ ހާލަތު ގޯސްވެ، އެތަނުގެ ތެރޭގައި ހިނގައި ދިޔަ ހަމަނުޖެހުން ކޮންޓްރޯލު ނުވެ އިމާރާތުގައި އަލިފާން ރޯވާ ހިސާބަށް ދިޔައިރުވެސް، އެ ކުދިން ބެލެހެއްޓުމުގެ ޒިންމާ އާއި ޙަވާލުވެ ތިއްބެވި ސިޔާސީ ވެރިން ފިޔަވަޅު ނާޅާ ހާލަތު ގޯހުން ގޯހަށް ދިއުމަށް ދޫކޮށްލައިގެން ތިއްބާ އަވަސް ފިޔަވަލުތަކަކާއެކު، އެކަން ޙައްލު ކުރައްވާ މުޅި ތަން ކޮންޓްރޯލު ކުރުމުގައި އިސް ދައުރެއް އަދާ ކުރައްވާފައިވަނީ މާލޭ ސިޓީގެ ހުޅުމާލެއަށް ނިސްބަތްވެވަޑައިގަންނަވާ ކައުންސިލަރު، ޕީ.އެން.ސީ ގެ ނާއިބު ރައީސް އިބްރާޙިމް ޝުޖާޢު ކަމަށެވެ.

"ފިޔަވަތީގައި ރޯވެފައިވާ އަލިފާންގަނޑު ނިއްވާލުމުގައި ވެސް ދިވެހި ސިފައިންނާއި އެކު އެމަނިކުފާނު ވަނީ ޙަރަކާތްތެރިވެވަޑައިގެންފަ. އެވަގުތު އެފަދަ އަވަސް ފިޔަވަޅުތަކެއް އިބްރާހީމް ޝުޖާޢު އަޅުއްވާ އެ ތަނުގެ ތެރޭގައި ހިނގި ހަމަނުޖެހުންތައް ކޮންޓްރޯލު ކުރައްވާ ނަމޫނާ ދެއްކެވުމުގެ ސަބަބުން ދިވެހި ރައްޔިތުންގެ ނުރުހުން ސަރުކާރަށް އަމާޒުވެ، ފިޔަވަތީގައި ކުޑަކުދިން ބެލެހެއްޓުމުގެ ޒިންމާއާއި ޙަވާލުވެ ތިބި ސިޔާސީ ފަރާތްތަކަށް ފާޑުކިއުންތައް ގިނަވެ، އިބްރާހީމް ޝުޖާޢު އަށް ރައްޔިތުން ތަޢުރީފް ކުރުން ހަޖަމު ނުވެގެން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކުން އެމަނިކުފާނަށް ފިޔަވަޅު އެޅުމަށް ނިންމާ އެމަނިކުފާނުގެ މައްސަލަ އެލްޖީއޭ އަށް ހުށަހަޅުއްވަން ނިންމެވި ނަމަވެސް އިބްރާހީމް ޝުޖާޢުގެ ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި ފަހަތަށް ނުޖެއްސޭނެއެވެ." އިދިކޮޅު ކޯލިޝަންގެ ބަޔާނުގައި ބުނެފައި ވެއެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ފިޔަވަތީގެ މައްސަލަތައް ޙައްލު ކުރެއްވުމުގައި އިސްކޮށް މަސައްކަތް ކުރައްވާ އެކަމުގައި ދައުލަތުގެ ކަމާބެހޭ މުއައްސަސާތައް ހޭލައްވާލި އިބްރާހީމް ޝުޖާޢު އަކީ ހުޅުމާލޭގެ ރައްޔިތުންގެ ވޯޓުން އެ ދާއިރާގެ ރައްޔިތުން ތަމްސީލު ކުރެއްވުމަށް މާލޭ ސިޓީ ކައުންސިލަށް އެރައްޔިތުން އިންތިޚާބު ކުރައްވާފައިވާ ކައުންސިލަރު ކަން މަޖިލީހުގެ ކަމާބެހޭ ކޮމިޓީއަށް އެނގިވަޑައިނުގަތުމަކީ ހިތާމަ ހުރި ކަމެއް ކަމަށެވެ.

އެމަނިކުފާނުގެ ދާއިރާއަށް ދިމާވަމުންދާ އެންމެހާ އިޖުތިމާޢީ މައްސަލަތައް ޙައްލުކުރެވުމުގައި އިބްރާހީމް ޝުޖާޢު ނަމޫނާ ދައްކަވާ، ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް އެ ކޯލިޝަން ފަޚުރުވެރިވާ ކަމަށް ވެސް ޕްރޮގްރެސިވް ކޯލިޝަންގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް